ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ނަޒާހަތްތެރިން ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިފަހަރުވެސް ގާސިމް ވާދަކުރައްވަނީ މާމިގިލީ ދާއިރާއަށެވެ. އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ފެށުނީއްސުރެ ހެޔޮ ނިޔަތުގައި މާމިގިއްޔަށް ގާސިމް ކޮށްދެއްވާ މަސައްކަތްތައް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ގާސިމް ކޮށްދެއްވާ ކަންތައްތަކަކީ ހެޔޮ ނިޔަތުގައި ކޮށްދެއްވާ ކަންތައްތައްކަން ގަބޫލުނުކުރާ މީހަކު މިހާރު ރާއްޖޭގައި ނުހުންނާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަނިޔާވެރިކަމާއި ތަފާތު ކުރުމާއި މީހުންނަށް ހުރަސް އެޅުން އަދި މީހުންގެ ހައްގުތަކަށް ހުރަސް އެޅުން ފަދަ ކަންކަމަކީ މާޒީވެ ގޮސްފައިވާ ކަމެެއް ކަމަށެވެ. އަދި މިހާރު ބޭނުންވާނީ ގާސިމް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މުޅި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ރާއްޖޭގެ އެންމެހައި ރައްޔިތުން ގުޅިގެން ކުރިއެރުން ހޯދަން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ ސަކަރާތްޖެހުމުގެ ވަގުތެއް ނެތޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ސީރިއަސް މަސައްކަތެއް ކުރަން ޖެހޭ މީހެއް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާންޖެހެނީ ގައުމަށް ވަފާތެރިވުމަށްޓަކައި ކަމަށާއި ހިތް ހެޔޮ އަމާނާތްތެރި ނަޒާހާތްތެރި ބޭފުޅުން މަޖިލީހަށް އަންނަން ޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ގާނޫނު ހަދާ މަޖީލީހަކީ އެގައުމުގެ އެންމެ ކަރާމާތްތެރިތަން ކަމަށާއި އަދި އެގޮތުގައި މަޖިލީސް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ﷲ އިރާދަކުރެއްވިއްޔާ މިއަދުގެ ސަރުކާރުން ވެތުވެދިޔަ ސަރުކާރުގައި ފެނިގެން ދިޔަގޮތަށް މަޖިލީހުން މަސައްކަތަށް ހުރަސްއެޅުމުގެ މަސައްކަތަށް އެއްވެސް ކަމެއް ނުކުރާނެޔޭ މަޖިލީހަށް ހޮވޭ ދިވެހި ރައްޔިތުން އިންތުހާބުކުރާ ގާބިލު މީހުންނާއެކު ގާބިލުކަމާއެކު ގާނޫނީ ބާރު ލިބި ގާނޫނީ ރައްކާތެރިކަން ލިބި ދިވެހި ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ތަނަކަށް ރައްކާތެރިކަން ލިބިދާނެ މަޖިލީހަކަށް އެ މަޖިލިސް ވެގެން ދާނެެޔޭ. އަޅުގަނޑުގެ އިލްތިމާސްއަކީ ގާސިމް އިބްރާހިމް ފަދަ ތެދުވެރި އަމާނާތްތެރި ބޭފުޅުން މަޖިލީހަށް ހޮވެން އެބަ ޖެހޭ،" ފައިސަލް ވިދާޅުވިއެވެ.