މާފުށީ ޖަލުގައި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް އިފްތިތާހުކޮށްފި

އުރީދޫ އާއި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް ގުޅިގެން މާފުށީ ޖަލުގައި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް ލޯންޗު ކުރުން -- ފޮޓޯ: އުރީދޫ/ޓްވިޓާ

އުރީދޫ އާއި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް ގުޅިގެން މާފުށީ ޖަލުގައި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް ލޯންޗުކޮށްފިއެވެ.

މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ކްލާސްރޫމްތަކާއެކު ޖަލުގައި ތިބޭ ގައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމުގައި އިތުރު އެހީއަކަށް ވާނެއެވެ. މިއަދު ތައާރަަފު ކުރެވުނު ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމަކީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރެވޭ ލާނިން ޕްލެޓްފޯމެކެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫގެ އެވޯޑް ވިނިން ޕްލެޓްފޯމާއެކު ސަރުކާރުން ކުރިއަށްގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މީހަކަށް ކުށެއް ކުރެވި ގޯހެއް ހެދުމަކީ އެކަން މަތީ އެމީހަކު ހުންނަންޖެހޭ ސަބަބެއް ނޫން ކަމަށާއި ޖަލަކީ މީހަކަށް އަނިޔާއެއްގެ ގޮތުގައި ސިފަކުރާ ތަނެއް ނޫން ކަމަށެވެ.

"ޖަލަކީ އަލުން އަނބުރާ މުޖުތަމައަށް ނިކުތުމަށް ބޭނުން ކުރެވިދާނެ ފުރުސަތެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ތައުލީމީ ޖީލެއް އުފެއްދުން ކަމަށާއި، ކޮންމެ ފަރުދަނީ މުޖުތަމައަށް ފައިދާ ކުރާ މަސައްކަތެއް ކުރާ ބަޔަކަށް ހެދުން ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި މުޖުތަމައަކީ އިންކްލޫސިވް މުޖުތަމައެއް. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ބާކީއެއް ނުވާނެ. އަޅުގަނޑުމެންގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުން. ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް އޮންނަންޖެހޭނެ،" ގައިދީންގެ ގޮތުގައި ތިބި މީހުންނަށް ހަނަރުތަކެއް ދަސްކޮށްދީ މަސައްކަތްތަކެއް ދަސްވެ. މުޖުތަމައަށް އަވަހަށް ނިކުތުމަށް ފުރުސަތު ލިބުމަކީ ސަރުކާރުގެ އަމާޒު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިއަދު މި ފެށުނު މުހިއްމު މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އޭގެ ބޭނުން ފުރިހަމައަށް ހިފަން އެބަޖެހެ،" އަމާޒަކަށް ވާންޖެހޭނީ ކޮންމެ މީހަކީވެސް އުފަލާ ހިތްހަމަޖެހުމުގައި އުޅޭ މީހަކަށް ހެދުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރާއްޖޭގެ ރައްޔިތުންނަކީ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ސަފެއްގައި ފައިތިލަ ސާބިތުކުރާ، ޓެކްނޮލަޖީ އާ ރައްޓެހި ގައުމެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް