އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ އިތުރު ވޯޓެއް ނެގުމަށް ގޮވާލައި މުޒާހަރާކޮށްފި

ބްރެގްޒިޓާ ބެހޭ ގޮތުން އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައި މުޒާހަރާ ކުރަނީ -- ފޮޓޯ: އަލްޖަޒީރާ

ލަންޑަން (މާޗް 24): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން އިތުރު ވޯޓެއް ނަގަން ގޮވާލައި އެގައުމުގެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.

އިނގިރޭސިވިލާތުގެ 100އަށް ވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ގުޅިގެން ފައްޓާފައިވާ ޕީޕަލްސް ވޯޓު ކެމްޕެއިނުން ބޭއްވި އެމުޒާހަރާގައި އެއް މިލިއަން މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ބުންޏެވެ. އެމުޒާހަރާގެ ބައިވެރިން ވަނީ އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުމަށް ވޯޓު ދިނުމުގެ ފުރުސަތު ގައުމުގެ ރައްޔިތުންނަށް ދިނުމަށް ގޮވާލާފަ އެވެ.

"އަޅުގަނޑަށް އެއްބަސްވުމަށް ވޯޓު ދެވޭނީ ގައުމުގެ ރައްޔިތުންނަށްވެސް އެއްބަސްވުމަށް ވޯޓު ދެވޭ ނަމަ. ބްރެގްޒިޓް ކަންތައްތައް ބޮޑުވަޒީރަށް މިހާރު ކޮންޓްރޯލެއް ނުކުރެވޭ. އެހެންވީމާ އެކޮންޓްރޯލު ރައްޔިތުންނަށް ދޭންވީ،" ސަރުކާރާ އިދިކޮޅު ލޭބާ ޕާޓީގެ މެމްބަރު ޓޮމް ވަޓްސަން ވިދާޅުވި އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލެއްވި ދެ އެއްބަސްވުމަކަށް ރުހުން ދޭން ޕާލިމެންޓުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި މިދިޔަ ހަފްތާގައި ބޮޑުވަޒީރު މޭ ވަނީ ބްރެގްޒިޓް ލަސް ކުރަން އީޔޫގައި އެދިފަ އެވެ. އީޔޫން ބުނި ގޮތުގައި އިނގިރޭސި ޕާލިމެންޓުން ކުރިއަށް އޮތް ހަފްތާ ތެރޭ އެއްބަސްވުމަށް ރުހުން ނުދީފި ނަމަ އީޔޫއިން ވަކިވާނެ ތާރީހަކީ އަންނަ މަހު 12 އެވެ. އަދި ރުހުން ދީފި ނަމަ އީޔޫއިން ވަކިވާނެ ތާރިހަކީ 22 މެއި އެވެ.

comment ކޮމެންޓް