ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ހަމްދޫން ޖެހި ގޯލަކަށް ބޭރުގެ ނޫހެއްގެ ތައުރީފް

ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލެއްގެ ވީޑިއޯ ބްލީޗާ ރިޕޯޓް ނޫހުގައި --

މިހާރު ކުރިއަށްދާ މަމެން އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރައިގައި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލާއި ރެހެންދި ސްކޫލު ބައްދަލު ކުރި މެޗުގައި ވިލާ ސްކޫލުގެ ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލަކަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ކުޅުވަރި ނޫހެއް ކަމަށްވާ "ބްލީޗާ ރިޕޯޓް ފޫޓްބޯލް" އިން ތައުރީފު ކޮށްފި އެވެ.

ބްލީޗާ ރިޕޯޓް ފޫޓްބޯލް އަކީ ދުނިޔޭގައި މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރުގެ ނޫސްވެރިކަން ކުރަމުން އަންނަ އެއް ނޫހެވެ. އެ ނޫސް އުފެދިގެން އައީ 2005 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރު ޓާރނާ ބްރޯޑްކާސްޓިންގް ކޮމްޕެނީއިން ވަނީ ބްލީޗާ ސްޕޯޓްސް 175 މިލިއަން ޑޮލަރައް ގަނެ އެ ނޫސް ދުނިޔޭގެ ފެންވަރުގައި ފުޅާ ކުރުމުގެ ގޮތުން ގިނަ ކުޅިވަރުތަކެއް ލައިވް ކުރުމާއި ސްޓްރީމް ކުރުމުގެ ހުއްދަ ހޯދާ އަލުން ލޯންޗް ކޮށްފަ އެވެ.

ނޫސްވެރިކަމުގެ ބޮޑެތި އިނާމުތައް ދުނިޔޭގެ ފެންވަރުގައި ހޯދާފައިވާ ބްލީޗާ ރިޕޯޓަކީ ސޯޝަލް މީޑިއާގައި ވެސް އެންމެ ބޮޑު އެއް ފޭން ބޭސް އޮންނަ ނޫހެވެ. އެ ނޫހުގެ ފޭސްބުކް ޕޭޖުގައި މިވަގުތު 8.2 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.

އިއްޔެެގެ ވަގުތެއްގައި އެ ނޫހުން ފޭސްބުކުގައާއި ޓްވިޓާގައި ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލު މުބާރާތުގައި ޖަހާފައިވާ ގޯލެއްގެ ވީޑިއޯ ވަނީ އާންމު ކޮށްފަ އެވެ. އެ ގޯލަކީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލާއި ރެހެންދި ސްކޫލް ބައްދަލު ކުރި މެޗުގައި ވިލާ ސްކޫލުގެ ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލެކެވެ.

ބޮޑު ތަފާތަކުން ރެހެންދި ސްކޫލުގެ މައްޗަށް ވިލާ ސުކޫލް ކުރި ހޯދި އެ މެޗުގައި އެ ޓީމުން ޖެހި ދެވަނަ ގޯލު ހަމްދޫން ޖަހާފައިވަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. ބޯޅަ ލިބުމާ އެކު އޭނާ ދުއްވައިގަތް ވަގުތު އޭނަ ވަނީ ވެއްޓިފަ އެވެ. ނަމަވެސް އިދިކޮޅު ކުޅުންތެރިޔާ ބޯޅަ ހޯދުމުގެ ކުރިން ކޮޅަށް ތެދުވެ ތިން ކުޅުންތެރިން ކައިރިން ނަައްޓުވާލާ އޭނަ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ބްލީޗާ ސްޕޯޓްސްއިން ގޯލުގެ ވީޑިއޯ އެ ނޫހުގެ އޮފިޝަލް ޕޭޖުގައި ދައްކާފައިވާ އިރު އެ ވީޑިއޯއަށް ދުނިޔޭގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި ގިނަ ބަޔަކު އެ ވީޑިއޯ ޝެއާ ވެސް ކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް އޭއެފްސީ ކޮލިފިކޭޝަންގެ މެޗެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސްގެ ކުރީގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ޖެހި ޕެނަލްޓީއެއް ވަނީ ދުނިޔޭގެ އެންމެ މޮޅު ޕެނަލްޓީތަކުގެ ތެރޭގައި ހިމެނި ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ. އޭނާ އެ ޕެނަލްޓީ ޖަހަން ދުއްވައި ގަންނަމުން ފައި އޮޅުނީކަމަށް ހަދާ ވެއްޓިގަތުމުން ކީޕަރު ހުރީ އެ މަންޒަރު ބަލަން ހަމަޖެހިލައިގެންނެވެ. އަދި ކީޕަރު މަންޒަރު ބަލަން ހުއްޓައި އަޑުބަރޭ ތެދުވެ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

comment ކޮމެންޓް