އިސްރާއީލަކީ ޝަރުޢީ ދައުލަތެއް ނޫން، އެއީ ވަގުންގެ ދައުލަތެއް: މަހާތީރު

މަހާތީރު ޕާކިސްތާންގައި

އިސްލާމް އާބާދު (މާޗް 23) : އިސްރާއީލަކީ ޝަރުޢީ ދައުލަތެއް ނޫންކަމަށާ އެއީ ވަގުންގެ ދައުލަތެއް ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ސިފަކުރައްވައިފި އެވެ.

ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ މާހަތީރު އާ ހަވަލާދީ ޕާކިސްތާނުގެ މީޑިއާ އިން ބުނީ އިސްރާއީލު އުފެދުނީ ވެސް ފަލަސްތީނުގެ ބިންތައް އަތްދަށުލައިގެން ކަމަށާއި އެއަށް ފަހު ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ހުރިހާ ބިންތަކަކަށް އިސްރާއީލު ވެރިވެގަނެ ފަލަސްތީނުގެ ބިންތައް އިސްތިއްމާރުކޮށްގެން އުޅޭކަމުގަ އެވެ. މީގެ އިތުރުން މަހާތީރު ވަނީ އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކަށް ވެސް ގޮންޖަހައި އެއަށް އަމަލުކުރުމަށް ދެކޮޅު ހަދާއުދުވާނީ އިސްތިއްމާރީ ގައުމެއް ކަމަށް ވެސް ސިފަކުރައްވައިފަ އެވެ.

އިސްރާއީލަކީ ބޭރުފުށުން ޑިމޮކްރެޓިކް ކުލަ ޖެހިގެން އުޅޭ ގައުމެއް ނަމަވެސް ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ކުށަކަނުލައި ކޮންމެ ދުވަހު މަރަމުން ގެންދާއިރު އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހައި ފަލަސްތީނުގެ މުޅި ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިސްރާއީލު އަރައިގަންނަމުން ގެންދާ އިރު އިސްރާއީލު ޑިމޮކްރެޓިކް ދައުލަތަކަށް ވަނެތޯ ވެސް މަހާތީރު ސުވާލު އުފައްދެވި ކަމަށް ޕާކިސްތާނުގެ މިޑީއާ ބުނެ އެވެ. މަހާތީރުގެ ވެރިކަމުގައި ދާދިފަހުން މެލޭޝިޔާއިން ވަނީ އިސްރާއީލުގެ ކުޅިވަރު ޓީމަކަށް އެގައުމަށް ވަނުމުގެ ފުރްސަތު ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

މަހާތީރު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގައި 900 މިލިޔަން ޑޮލަރުގެ އިންވެސްޓް ކުރުމުގެ އެއްބަސްވުންތަކުގައި ދެގައުމުގެ މަސްއޫލުވެރިން ވަނީ ސޮއިކުރައްވައިފަ އެވެ. މިއީ ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މަހާތީރު ވިދާޅުވި އެވެ. މާހާތީރު ވަނީ އިގްތިސާދީ ގޮތުން ވަރުގަދަ ގައުމަކަށް ޕާކިސްތާން ހެދުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި އެކަމަށް މެލޭޝިޔާއިން އެއްބާރުލުން ދޭނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މަހާތީރާ ބައްދަލުކުރެއްވުމަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ މަހާތީރުގެ ވެރިކަމުގައި މެލޭޝިޔާ ހޯދި އިގްތިސާދީ އަދި އުމްރާނީ ތަރައްގީ ފާހަގަ ކުރައްވައި މަހާތީރަށް ތައުރީފު ކުރައްވައިފަ އެވެ. އަދި މެލޭޝިޔާ ނަމޫނާއަކަށް ބަލައިގެން ތަރައްގީގެ ކަންތައްތައް ކުރިޔަށްގެންދާނެކަމަށް ވެސް އިމްރާންޚާން ވިދާޅުވި އެވެ.

މަހާތީރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވަނީ "ޕާކިސްތާން ޑޭ" ގެ ރަސްމީ އިޙްތިފާލްތައް ޝަރަފުވެރިކޮށްދެއްވުމަށެވެ. މިދަތުރުފުޅުގައި މަހާތީރުވަނީ ޕާކިސްތާނުގެ ރައީސް އާރިފް އަލަވީ އާއި ބޮޑުވަޒީރު އިމްރާންޚާން އާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

"ޕާކިސްތާން ޑޭ" އަކީ ޕާކިސްތާނުގައި އެންމެ ފުރަތަމަ ގާނޫނު އަސާސީ އެއް އެކުލަވާލި ތާރީޚާ ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ. "ޕާކިސްތާން ޑޭ"ގެ އިޙްތިފާލްތަކުގައި އެގައުމުގެ ސިފައިން ވަނީ އަސްކަރީ ބާރު ދައްކައިދޭ ވަރުގަދަ ޕެރޭޑެއް ބާއްވައިފަ އެވެ. އެ ޕެރޭޑްގައި ޕާކިސްތާން ސިފައިންގެ ލަޝްކަރުތަކުގައި ބޭނުންކުރާ ޒަމާނީ ހަތިޔާރުތައް ދައްކާލާފައިވާ އިރު ރައީސް އާރިފް އަލަވީ ވަނީ ސުލްޙައަށް ގޮވާލައްވައި ޚިތާބެއް ދެއްވާފައެވެ.

ސުލްޙައަށް ގޮވާލެއްވި ނަމަވެސް ރައީސް އާރިފް ވަނީ ގައުމު ދިފާއުކުރުމަށްޓަކައި ހަނގުރާމައަށް ވެސް ޕާކިސްތާން އޮތީ ތައްޔަރަށް ކަމަށް ވިދާޅުވެ އިންޑިޔާއަށް ނުސީދާ މެސެޖެއް ދެއްވައިފަ އެވެ. (ޕާކިސްތާން މީޑީއާ)

comment ކޮމެންޓް