ބާޣާވާތަށް ފަހު ތައިލެންޑުގައި ބާއްވާ ފުރަތަމަ އިންތިހާބުގެ ވޯޓުލުން ފަށައިފި

ތައިލޭންޑުގެ އާއްމު އިންތިހާބުގެ ވޯޓު ލުން ވަނީ ފަށާފައި -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (މާޗް 24): ދެހާސް ސާދަވަނަ އަހަރު ތައިލޭންޑުގައި ކުރި ބަޣާވާތަށް ފަހު ބާއްވާ ފުރަތަމަ އާއްމު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އެއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 50 މިލިއަނަށް އަރާ އިރު އޭގެ ތެރޭގައި 18 އަހަރާއި 26 އަހަރާ ދެމެދުގެ ހަތް މިލިއަން މީހުން ހިމެނެ އެވެ.

އެއިންތިހާބުގައި އެންމެ ވާދަވެރި ޕާޓީތަކަކީ ވެރިކަން ކުރާ އަސްކަރިއްޔާގެ ޕާޓީތަކާއި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ ޕާޓީތަކެވެ. އެއިންތިހާބުގައި ވޯޓު ދޭނީ ޕާލިމެންޓުގެ ތިރީގޭގެ 500 ގޮނޑިއަށް މެމްބަރުން އައްޔަން ކުރުމަށެވެ.

ދެހާސް ސާދަވަނަ އަހަރު ތަކްސިންގެ ކޮއްކޯފުޅު ޔިންގްލަކްގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމަށް އައި އަސްކަރިއްޔާއިން ވަނީ އެގައުމަށް އާ ގާނޫނު އަސާސީއެއް ތައާރަފްކޮށްފަ އެވެ. އަދި އެގާނޫނު އަސާސީގައި ވަނީ ގައުމުގެ ސެނެޓުގެ 250 މެމްބަރުން އައްޔަން ކުރުމުގެ ބާރު އަސްކަރިއްޔާއަށް ދީފަ އެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު އައްޔަން ކުރާނީ ޕާލިމެންޓުގެ ދެ ގޭގައި ނަގާ ވޯޓަކުންނެވެ. އެއީ އެކެނޑިޑޭޓަކަށް މަޖިލީހުގެ ދެ ގެއިން ޖުމްލަ 376 ވޯޓު ލިބުމުންނެވެ. އެހެންކަމުން އެގައުމުގެ އަސްކަރިއްޔާގެ ކެނޑިޑޭޓަށް ޕާލިމެންޓުގެ ތިރީގެއިން 126 ވޯޓު ލިބިއްޖެ ނަމަ އެކެނޑިޑޭޓަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވޭނެ އެވެ. ތައިލޭންޑުގެ އަސްކަރިއްޔާއިން ބޮޑުވަޒީރު ކަމަށް ނޮމިނޭޓުކޮށްފައި ވަނީ ބަޣާވާތުގައި އިސްކޮށް ހުންނެވި ޖެނެރަލް ޕްރަޔުތް ޗަން އޮޗާ އެވެ.

އެއިންތިހާބާ ދިމާކޮށް، ތަކްސިންއަށް ތާއިދު ކުރާ ތައި ރަކްސާ ޗާޓް ޕާޓީ ވަނީ އުވާލާފަ އެވެ. އެއީ އެޕާޓީން ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ނަން ހުށަހެޅުމުން، ރަސްގެފާނު މަހާ ވަޖިރަލޮންކޯން އެނިންމެވުމާ ދެކޮޅު ހެއްދެވުމުންނެވެ. މިހާރު އިންތިހާބުގައި ވާދަ ކުރާ ތަކްސިންއަށް ތާއިދު ކުރާ މައި ދެ ޕާޓީއަކީ ޕުއޭ ތައި ޕާޓީ އާއި ފިއުޗާ ފޯވާޑް ޕާޓީ އެވެ.

comment ކޮމެންޓް