ލުއިސް އެންރީކޭއާ އެކު ޓީމު އޮތީ އަލުން ފައްކާ ވެފައި: ރާމޯސް

ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރަމޯސް --- ފޮޓޯ/ ޖޭމީ ސްމިތް

ޔޫރޯ 2020 ގެ ކޮލިފިކޭޝަނުގައި ރޭ ނޯވޭގެ މައްޗަށް ސްޕޭން ކުރި ހޯދި މެޗަށްފަހު ސްޕޭންގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭއަށް ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލައިފި އެވެ.

ސްޕޭންގެ ވެލެންސިއާގައި ރޭ ކުޅުނު އެ މެޗު ސްޕޭންއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ އަންނަ އަހަރު ކުޅޭ ޔޫރޯގައި ވާދަ ކުރުމަށްޓަކައި ކުޅޭ ކޮލިފިކޭޝަނުގައި ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗެވެ. ސްޕެއިންގެ އިތުރުން އެ ގުރޫޕުގައި ހިމެނޭ ގައުމުތަކަކީ މޯލްޓާ، ނޯވޭ، ފަރޯ އައިލަންޑް އަދި ސްވިޑަންގެ އިތުރުން ރުމޭނިއާ އެވެ.

ސްޕޭންގެ ގައުމީ ޓީމާއި ދާދި ފަހުން ހަވާލުވި އަދި ކުރީގެ ބާސެލޯނާ ކޯޗު ލުއިސް އެންރީކޭގެ ކޯޗު ކަމުގައި ރޭ ކުޅުނު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ސްޕެއިންއެވެ. ނަމަވެސް ނޯވޭގެ ފޯވާޑް ޖޯޝް ކިންގްގެ ގޯލަކާއެކު ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް ސްޕެއިން އަށް މެޗުގެ މޮޅު ޔަގީންކޮށް ދިނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސާޖިއޯ ރާމޯސްއެވެ.

ރާމޯސް ވަނީ އޭނަ އެންމެ ފަހުން ގައުމީ ޓީމާ އެކު ކުޅުނު ފަސް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގުގައި ސްޕޭންގެ ކޯޗު ލުއިސް އެންރީކޭ އެކު އެ ޓީމަށް އަނބުރައި އަލުން ބޮޑެތި އެތައް މުބާރާތެއް ކާމިޔާބު ކުރެވޭނެ އެވެ.

"އެންރީކޭ މި ޓީމަށް ގެނައި ތަފާތު ވައްޓަފާޅިއަކާ އެކު ޓީމު އަލުން މިއޮތީ ފައްކާ ވެފައި. މިއޮތީ އައު މަގެއް ފެނިފަ. މި މަގުން ކުރިއަށް ގޮސް ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރުން މިހާރުގެ އަމާޒަކީ،" ސްޕޭންގެ ނޫހެއް ކަމަށްވާ "ޓީވީއީ" އަށް މައުލޫމާތު ދެމުން ރާމޯސް ބުންޏެވެ.

ކުރިއަށް ހުރި މެޗުތައް ކުޅެލުމުން ކޯޗުގެ ފެންވަރު އެނގިގެންދާނެ ކަމަށާއި ކޯޗާއި ކުޅުންތެރިންނާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް ރާމޯސް ބުންޏެވެ.

މީގެ އިތުރުން ރާމޯސް ގެ އިސްނެގުމަށާއި ކުޅުމުގެ ޖޯޝަށް އެންރީކޭ ވަނީ ތައުރީފު ކޮށްފަ އެވެ. އެންރީކޭ ބުނީ ރަމޯސްއަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް ރަން އަކުރުން ފަވާލެވޭނެ ފަދަ ފުޓުބޯޅައިގެ ފަހުލަވާނެއް ކަމަށެވެ.

"އޭނަގެ ހުރި ޖޯޝުގެ ސަބަބުން އަހަރެންނަށް އެނގުނު ރޭގެ ޕެނަލްޓީ އޭނަ ޖަހާނެ ކަން. އެހެންވެ އޭނަ ލައްވައި ޕެނަލްޓީ ޖެހުވީ." ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުންޏެވެ.

comment ކޮމެންޓް