އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް(ވ): އިންޓަނެޓްގެ އަގު އެހޮކުރުމުގެ ރަސްމީ މަޝްވަރާތައް މިއަދު ވަނީ ފަށާފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ދެމުން އަންނަ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަސްމީ މަޝްވަރާތައް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ދިރާގާއި އެކު ރަސްމީ މަޝްވަރާތައް މިއަދު ފައްޓަވާފަ އެވެ. އަދި އަންނަ ހަފްތާގައި އުރީދޫއާ އެކު ވެސް ރަސްމީ މަޝްވަރާތައް ކުރާނެ ކަމަށް އެ މިނިސްޓްރީފެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވި އެވެ.

އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ދެމުން އަންނަ އިންޓަނެޓްގެ އަގު ބޮޑު ކަމަށް ބުނެ މިފަހުން ވަނީ ސޯސަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ވެސް ފައްޓާފަ އެވެ. އަދި އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައިސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިންޓަނެޓްގެ އެގުހެޔޮކޮށްދިނުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވަނީ 25 ގައުމެއްގެ އިންޓަނެޓްގެ އަގުތަކާ ބެހޭ ދިރާސާއެއް ކޮށްފަ އެވެ. އަދި މީގެ ކުރިން މަލީހް ވަނީ ދިރާގާއި އުރީދޫ އާއި އެކު ނުރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

"ދެ ފަރާތަށް ވެސް ވިން-ވިން ވާނެ ގޮތަށް އަގުހެޔޮކުރުމަށް މި މަސައްކަތް ކުރަމުންދަނީ،" ނުރަސްމީ މަޝްވަރާތަކަށްފަހު މަލީހް އޭރު ވިދާޅުވި އެވެ.

ދިރާގާއި އުރީދޫގެ އިތުރުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަނީ ރާއްޖެ އޮންލައިން (އާރުއޯއެލް) އިންނެވެ. އެ ތިން ތަނުން ވެސް އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަނީ ދާދި އެއް އަގުތަކެއްގަ އެވެ. އަދި ރާއްޖޭގައި އިންޓަނެޓްގެ އަގު ބޮޑު ވާހަކަ މި ފަހަކަށް އައިސް ވަނީ ގަދަވެފައިކަން ވެސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް