ސިމާދު މަރުވި މައްސަލައިގައި ތުހުމަތު ކުރެވެނީ ހަރުގެ ބަލައްޓާ މީހާއަށް: ފުލުހުން

ހަސަން ޝިފާއު: އެނާ ވިދާޅުވީ، ސިމާދު މަރުވި މައްސަލައިގައި ތުހުމަތު ކުރެވެނީ ހަރުގެ ބަލަހައްޓާ މީހާއަށް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޒަޚަމްތަކަކާއެކު ގއ. ވިލިނގިލީ އޮޑިހަރުގެއްގެ ތެރެއިން ފެނުނު އުމުރުން 29 އަހަރުގެ ހުސައިން ސިމާދު މަރުވި މައްސަލާގައި ތުހުމަތު ކުރެވެނީ އެ އޮޑިހަރުގެ ބަލަހައްޓާ މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 7:10 ގައި ކަމަށެވެ.

ޝިފާއު ވިދާޅުވިގޮތުގައި ވިލިނގިލީ ހުޅަނގު އުތުރު ފަރާތު ހިއްކި ސަރަހައްދުގައި ހަދާފައިވާ އޮޑިހަރުގެއެއްގެ ތެރޭގައި އޮތީ އޭނާގެ ހަށިގަނޑުގެ ބައެކެވެ. އަދި ހަށިގަނޑުގެ އަނެއްބައި އޮތީ އޮޑިހަރުގޭގެ ބޭރުގައެވެ.

އެ މައްސަލަ ވިލިނގިލީ ޕޮލިސްޓޭޝނަށް ހުށަހެޅީ އެ އޮޑިހަރުގެ ބަލަހައްޓަމުން އަންނަ އެރަށު ސައިސަން، ސައީދު ހަސަނެވެ.

ސައީދު ހަސަން މައްސަލަ ހުށަހެޅީ ހަރުގެ ތެރެއަށްވާގޮތަށް ޓިނުގަނޑުގެ ތެރޭގައި މީހަކު ތާށިވެފައިވާ ކަމަށް ބުނެއެވެ.

"ހަރުގެ ސަރަހައްދާއި ހަރުގެ ތެރެ ފުލުހުން ބެލިބެލުމުން މި ހަރުގެ އިމާރާތަކީ 40 ފޫޓު އުސްމިނުގައި ވަށައިގެން ޓިނު ޖަހާފައިވާ އިމާރާތެއް ކަމާއި ހަރުގެ އިމާރާތަށް ވަދެ ނުކުމެވެން ހުރި ހުރިހާ ދޮރެއް ހުރީ އެތެރެއިން ތަޅުލާފައި ކަމާއި އަދި ވަދެނުކުމެ ހަދާ މައި ދޮރު ހުރީ އެލުވާ ތަޅެއް ހަރުކޮށް ރަނގަޅަށް ތަޅުލާފައިކަން ފާހަގަ ކުރެވޭ،" ޝިފާއު ވިދާޅުވިއެވެ.

"އަދި ހަރުގޭގެ އިތުރު ދިމާލަކުން ވަދެނުކުމެވެން ހުރި މޫހާ އޮތް ދިމާލުގައި ހުރީ ބާގަނޑު ކަމާއި ނަމަވެސް މީހާ އޮއްވައި އެތަނުން އިތުރު މީހަކަށް ނުކުމެވުމަކީ ކުރެވޭނެ ކަމެއް ނޫންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވޭ،"

ޝިފާއު ވިދާޅުވީ ސިމާދު އޮތް ދިމާލު އެތެރެއިން ވެސް އަދި ބޭރުންވެސް އިތުރު މީހަކު އެ ދިމާލުން ނުކުންނަން އަދި ވަންނަން އުޅުނު ކަމުގެ ނިޝާނެއް ފުލުހުންނަށް ފެންނަން ނެތްކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ހަރުގެއިން ވައްކަން ކުރި ކަމުގެ މައްސަލަތައް އެކިފަހަރުމަތިން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި ސިމާދުގެ ހަށިގަނޑު ފެނުނު ދިމާލުގައި ފޭކޮށްފައިވާ ބާގަނޑަކީ ކުރިން އެތަނުން ހިނގާފައިވާ ވައްކަންތައް ކުރުމަށް ވަންނަ ތަނެއް ކަމަށް ބެލެވޭ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ހަރުގެއަށް ކަރަންޓު ދީފައި ވަނީ 2015 ވަނަ އަހަރު ގއ. ވިލިނގިލީ ފެނަކަ ބްރާންޗުންނެވެ.

އެ ހަރުގެ ތެރެއިން ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ދެ ނަރު ފެނިފައިވާ ކަމަށާއި އަދި އެ ބާގަނޑުން ހަރުގެ ތެރެއަށް ވަދެއްޖެނަމަ ކަރަންޓު ޖެހޭގޮތަށް އިތުރު އާލާތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދަގަނޑު ނަރުގަނޑެއް ފެނިފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

"މިދެންނެވި ނަރުގަނޑު ފެނިފައި ވަނީ މީހާ އޮތް ދިމާލާ 40 ފޫޓު ދުރުން ކަމަށްވާތީ މީހާ ކަރަންޓުގައި ޖެހި މަރުވިފަހުން ކަރަންޓުގައި ޖެއްސިތަނުން ނަރުގަނޑު ނަގައި އެހެން ދިމާލަކަށް އެއްލާލާފައިވާ ކަމަށް ފާހަގަކުރެވޭ،" ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިމާދުގެ ހަށިގަނޑުގައި ނަރުގަނޑު ޖެހި އަނދާފައިވާ ތަންތަން ފެންނަން ހުރި ކަމަށެވެ. އަދި އެ ނަރުގަނޑުން ސިމާދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

"އެތަނުގައި ހުރި ޑީބޯޑު ތަކުގައި ކަރަންޓު ހުރިކަން ފާހަގަކުރެވުނު ނަމަވެސް ސާކެޓް ބްރޭކާސް ހުރީ އޮފް ސްޓޭޓަސްގައިކަން ފާހަގަކުރެވުނު. އެގޮތުން ސާކެޓް ބްރޭކާސްތައް އޮފްކޮށްފައި ހުރީ މީހަކު ގަސްތުގައި ކަމަށް ފާހަގަކުރެވިފައިވޭ. ހަމައެއާއެކު އެތަނުގެ ކަރަންޓް ބްރޭކާ ބައިޕާސްކޮށްފައިވާކަން ފާހަގަކުރެވޭ،" ޝިފާއު ވިދާޅުވިއެވެ.

ހަރުގެ ބަލަހައްޓާ ސައީދު ހަސަނަކީ ފެނަކައިގައި ކަރަންޓުގެ ކަންތައްތަކުގައި 10 އަހަރު މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

comment ކޮމެންޓް