އާގިލްއާއި ޝައްފާނުގެ މަރަކީ ބަދަލު ހިފުމެއް: ފުލުހުން

ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ސާމިހު

އެމްއެމްއޭ ސަރަހައްދުގައި ވަޅިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް އާއި ސަބްދޭރިޔާ މަގުގައި އިސްމާއިލް ޝައްފާން ޝަރީފުގެ މަރަކީ ބަދަލުހިފުމުގެ މަރުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

އިބްރާހިމް އާގިލް، ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ ޒުވާނާއަށް ވަޅިން ހަމަލާދީ މަތާލައިފައިވަނީ މިދިޔަ އަހަރު އޮގަސްޓް 31 ވަނަ ދުވަހުއެވެ. އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާހު، ސ.ފޭދޫ، ހީނާމާގޭ، މަރުވީ މިދިޔަ އަހަރު އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.

ބައެއް މަރުތަކުގެ ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، އެ ދެ މަރަކީ ވެސް އެ ދުވަސްވަރު މާލޭގައި ހިނގާދިޔަ ގުރޫޕު މާރާމާރީގެ ތެރެއިން ބަދަލުހިފުމުގެ ދެ މަރެއް ކަމަށެވެ. އެ ދެ މާރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އާގިލްގެ މަރުގެ މައްސަލަ: 3 މީހަކަށް ތުހުމަތުކުރެވޭ، ދައުވާ ކުރުމަށް ވަނީ ފޮނުވާފައި!

އާގިލްގެ މަރުގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތުދެމުން ސާމިހު ވިދާޅުވީ، އާގިލަށް ހަމަލާ ދިން ދުވަހު 7:30 ހާއިރު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށާއި އެދުވަހު 20:59 ހާއިރު އާގިލްގެ މަރު ސާބިތު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އާގިލްގެ ހަށިގަނޑުގެ އެއް ތަނަށް، މެއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން ފުން ޒަހަމެއް ލިބިފައިވޭ. އާގިލްއަށް ހަމަލާދީ މަރާލާފައިވަނީ ވ. ފުލިދޫއަށް ގޮސް، އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެމްއެމްއޭއާ ދިމާލުން ބޮޑު ތަކުރުފާނު ތޮށިގަނޑު މަތިން،" އާގިލްގެ މަރުގެ މައްސަލައިގެ ތަހިގީގު މައުލޫމަތު ނޫސްވެރިންނާ ހިއްސާ ކުރަމުން ސާމިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

https://sun.mv/110024

އާގިލްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ. އެއީ ސ. ހިތަދޫ ސްވޭހޫހީނާގެ އަލީ މިޖުވާދު މާލިކް އިބްރާހިމް (19 އަހަރު)، ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތު (19 އަހަރު) އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ބިޝާމްއެވެ. ތިން މީހުންވެސް މިވަގުތު ތިބީ ބަންދުގައެވެ.

"މި މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި، މި މާރާމާރީ އަކީވެސް މާލެތެެރޭގައި އޭރު ހިނގަމުން ދިޔަ މާރާމާރީ ތަކާ ގުޅޭ ސިލްސިލާ މާރާމާރީއެއް ކަން ފާހަ ކުރެވުނު،"

ޝައްފާން މަރުގެ މައްސަލަ: 4 މީހަކަށް ތުހުމަތުކުރެވޭ، ދައުވާ ކުރުމަށް ވަނީ ފޮނުވާފައި!

ޝައްފާންގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މައުލޫމަތު ދެއްވަމުން ސާމިހު ވިދާޅުވީ، ޝައްފާނަށް ހަމަލާދީ މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން އަންނަ ސަބްދޭރިޔާ މަގު، ގ. ރޯޒީގެ ކައިރީގައި ހުއްޓާ ކަމަށެވެ.

ސާމިހު ވިދާޅުވީ، ޝައްފާނަށް ހަމަލާ ދިންތާ ފަސް ވަރަަކަށް މިނިޓުތެރޭ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ޝައްފާން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

"ޝައްފާން ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވުމުން ފުން ޒަހަމްތަކެއް ލިބިފައިވޭ. މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު 2018 އޮކްޓޯބަރު މަހު 24 ވަނަ ދުވަހު ކޯޓް އަމުރުގެ ދަށުން ހައްޔަރު ކުރެވިފައި،" ޝައްފާންގެ މަރުގެ މައްސަލައިގެ ތަހުގީގު މައުލޫމަތު ނޫސްވެރިންނާ ހިއްސާ ކުރަމުން ސާމިހު ވިދާޅުވިއެވެ.

https://sun.mv/110382

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ. އެއީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު (27 އަހަރު)، ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، (19 އަހަރު)، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު (27 އަހަރު) އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމް (19 އަހަރު)އެވެ.

މި ހަތަރު މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަން އަދި ފޭރުމާއި މާރަމާރީގެ ކުށުގެ ރެކޯޑު އޮންނަ ހަތަރު މީހުން ކަމަށާއި، ހަތަރު މީހުންގެވެސް ތަހުގީގު ނިންމައި، 2018 ޑިސެމްބަރު 12 ގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށް ސާމިހު ވިދާޅުވިއެވެ.

ޝައްފާންގެ މަރުގެ މައްސަލައިގެ ޝާރީއަތުން ގޮތެއް ނިންމަންދެން އެ ހަތަރު މީހުން ބަންދަށް ޖަހާފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ.

[މި މާރާމާރީ] އަކީ ވެސް އެ ދުވަސްވަރު މާލެތެރޭގައި ހިނގަމުން ދިޔަ ސިލްސިލާ މާރަމާރީތަކާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުން ހިންގާފައިވާ މަރާމާރީއެއް ކަން [ތަހުގީގަށް ވަނީ] ފާހަގަ ވެފައި،" ސާމިހް ވިދާޅުވިއެވެ.

comment ކޮމެންޓް