ސައިކަލުތަކެއްގައި ރޯކޮށްލުމުގައި ފުލުހުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ: އުމަރު

އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގައި ދެ ސައިކަލެއްގައި ރޯކޮށްލުމުގައި ފުލުހުންގެ ދައުރު އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަން އިން ގެނެސްދޭ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ސައިކަލުގައި ރޯކޮށްލުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން އުމަރު އަރިހު ދެންނެވި ކަމަށެވެ.

"މަޖީދީމަގުގައި ހުރި ރުއްތަކެއް ކަނޑާލުމުގެ ކުރިން މާލެ ތެރޭގައި ސައިކަލެއްގައި ރޯކޮށްލަނީ. އިލްހާމުގެ ސައިކަލަކާއި މުހައްމާގެ ސައިކަލެއްގައި ރޯކޮށްލުމުގެ ހާދިސާ އެއް ހިނގަނީ. ފުލުހުންގެ އިންޓެލިޖެންސުން އަޅުގަނޑު ކައިރީ ބުނީ އޭގެ ތެރޭގައި ފުލުހުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެޔޭ. އަދި ފުލުހުންނަށް އެ އަމުރު ކުރީ އަދީބު ކަމަށް ވެސް ތުހުމަތު ކުރެވެޔޭ. މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންގެ އެގްޒެކެޓިވް ބޯޑު އެއްކޮށްފައި އަޅުގަނޑު ދެންނެވީ އަދީބުގެ މައްސަލަ ބަލަން،"

އުމަރު ވިދާޅުވީ އުމަރު މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، މިނިސްޓަރުގެ އަތުން ގިނަ ބާރުތަކެއް އަތުލެއްވީ އަދީބުގެ ނުފޫޒުން ކަމަށެވެ.

މާލޭގެ މަގުމަތީ ހުރި ގަސްތައް ކެނޑުމުގައި ވެސް އަދީބުގެ ބައިވެރިވުން އޮތް ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ.

"އަދީބު ދިޔައީ ހުރިހާ އެންމެން ގަންނަމުން، ފަނޑިޔާރުން ވެސް ގަންނަނީ ސިފައިން ވެސް ގެންނަނީ. ފުލުހުން ވެސް ގަންނަނީ. ކެބިނެޓުގެ މިނިސްޓަރުން ވެސް ގަންނަނީ. އޭނާ އަށް ނުގަނެވުނީ ހަމައެކަނި އަޅުގަނޑު،"

އުމަރު ވިދާޅުވީ އުމަރުގެ ވިޔަފާރި ކުރިއަރުވަން އަދީބުގެ ފަރާތުން ހަ މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

"އަޅުގަނޑު ބުނީ ނޫނެކޭ. އަޅުގަނޑުގެ ވިޔަފާރިތައް ހިނގާނެއޭ،" އަދީބުގެ ވަކިތަކުގެ ދަށުނުވެ ހުރި މިނިސްޓަރަކީ އުމަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއްގޮއްވާލި ހާދިސާއަށް ފަހު، ގައުމު ކޮންޓްރޯލު ކުރަން ރައީސް ޔާމީން އުމަރާ ހަވާލު ކުރެއްވި ކަމަށާއި އެކަން އެގޮތަށް ކުރެއްވީ އަދީބާ ގުޅިގެން އޭގެ ކުރިން އުމަރު ދެއްކެވި ވާހަކަތަކަކީ ތެދެއްކަން ރައީސް އަށް ގަބޫލު ކުރެއްވިގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް