ބޮޑެތި ބަދަލުތަކާ އެކު ޖަރުމަނުން މިއަހަރު ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ

ޖަރުމަނާއި ސާބިއާ ބައްދަލު ކުރި މެޗުގެ ތެރެއިން ޖަރުމަނު ޓީމުގެ ފޯވާޑް ސާބިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ ---ފޮޓޯ/ ރަޔާން ބެންސަން

ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޖަރުމަނުގެ ޓީމުން މިއަހަރު ކުޅުނު ފުރަތަމަ މެޗުން ރޭ ސާބިޔާއާ ކުޅެ އެއްވަރު ވެއްޖެ އެވެ.

ވޯލްޑް ކަޕު ކާމިޔާބު ކުރި ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ މެޓް ހަމެލްސްއާއި ޖެރޯމް ބޮއެޓެންގެ އިތުރުން ތޯމަސް މުލާ ޓީމުން ބާކީ ކުރުމަށްފަހު ޖަރުމަނު ޓީމުން ރޭ ސާބިޔާއާ ބައްދަލު ކުރި އެކުވެރި ކަމުގެ މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ވޭތުވެ ދިޔަ އަހަރުގެ ވޯލްޑްކަޕާއި ނޭޝަން ކަޕުން ޖަރުމަނު ޓީމަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުން ޖަރުމަނު ޓީމުގެ ކޯޗު ޖޯޗިމް ލޯ ރޭގެ މެޗަށް ނުކުތީ އައު ޕްލޭނަކާ އެކުއެވެ. އޭނާގެ މިއަހަރުގެ ޕްލޭންގައި ވާ ގޮތުން ޓީމުގައި ގިނަ ދުވަސްވީ ކުޅުންތެރިން ބައިވެރި ނުކުރަން ވަނީ ނިންމާފަ އެވެ.

ޖަރުމަނުގެ އަމިއްލަ ބިމުގައި ރޭ ކުޅުނު މެޗުގައި ފުރަތަމައަށް ގޯލު ޖަހައި ލީޑު ނެގީ ސާބިއާއިންނެވެ. ސްޕޭންގެ ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ލޫކާ ޖޮވިޗްގެ އެ ގޯލުގެ އިތުރުން ވެސެ އެ ޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. ގައުމުން ބޭރުގައި ކުޅުނު ނަމަވެސް ސާބިއާއިން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފުރަތަމަ ހާފު އެއްކޮށް ސާބިއާއިން ޖަރުމަނުގެ މައްޗަށް އަތް ގަދަ ކުރަމުން ދިޔަ ނަމަވެސް ދެވަނަ ހާފުގައި ޖަރުމަނު ޓީމުގެ ޒުވާން ފޯވާޑް ލިއޮން ގްރެޓްޒްކާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ރޭގެ މެޗުގެ ގޯލުތައް ފިޔަވައި ދެން އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެގެން ދިޔައީ މެޗުގެ 90 ވަނަ މިނަޓުގައި ޖަރުމަނު ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ ލެރޮއީ ސާނޭއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާ ޓީމުގެ މިލާން ޕައުކޯއަށް ދެއްކި ރަތް ކާޑަށެވެ. އެ ފައުލާ އެކު ސާނޭއަށް އަނިޔާވެފައި ވާ އިރު ސާބިއާ މެޗު ނިންމާލަން ޖެހުނީ އެކަކު މަދުކޮށެވެ.

ޔޫރޯ 2020 ގެ ކޮލިފައިންގެ މެޗުތައް މިރޭ ފެށޭ އިރު ވަރުގަދަ މެޗުތަކެއް މިރޭ ވެސް ކުޅެވިގެން ދާނެ އެވެ. އެގޮތުން ބެލްޖިއަމްއާއި ރަޝިޔާ ބައްދަލު ކުރާ މެޗާއި އޮސްޓްރިއާއާއި ޕޮލެންޑް ބައްދަލު ކުރާ މެޗުގެ އިތުރުން ނެދަލޭންޑާއި ބެލަރުސް ބައްދަލު ކުރާ މެޗު ހިމެނެއެވެ.

comment ކޮމެންޓް