މަމެން އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް: އިމާދުއްދީން ބަލިކޮށް ހިރިޔާ ޗެމްޕިއަންކަން ހޯދައިފި

މަމެން އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ޓްރޮފީ ހިރިޔާ ސްކޫލުން އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

ފައިނަލުގައި ފަސޭހަ ކަމާ އެކު އިމާދުއްދީން ސްކޫލު ބަލި ކުރުމަށް ފަހު "މަމެން" އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އިމާދުއްދީންގެ މައްޗަށް ހިރިޔާ ކުރި ހޯދީ 2-5 ގެ ބޮޑު ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމަކަށް ފަހު ހިރިޔާ އިން މި މުބާރާތުގެ ތަށި އުފުލާލި އިރު އިމާދުއްދީން ފައިނަލުގައި ބަލިވި މިއީ ދެވަނަ ފަހަރެވެ. ވޭތުވެ ދިޔަ އަހަރު މަޖީދިއްޔާ ކައިރިން ވެސް ފައިނަލުގައި ބަލިވި އިމާދުއްދީން ރޭގެ މެޗުން ބަލިވި ނަމަވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ފަހު ވަގުތާ ޖެހެންދެން ވެސް ހިއްވަރު ކޮށްފަ އެވެ.

މަމެން އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ޓްރޮފީ ހިރިޔާ ސްކޫލުން އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ޖުމްލަ 16 ސްކޫލަކުން ބައިވެރިވި އިރު މެޗުތައް ކުރިއަށް ގެންދިޔައީ ހަތަރު ގްރޫޕަކަށް ބަހައިލައިގެންނެވެ. ވާދަވެރި ހުނަރުން ފުރިގެންވާ ކުޅުމެއް ހުރިހާ ޓީމު ތަކުގެ ފަރާތުން ފެނިގެން ދިއުމުން ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލް ރަނގަޅުވާނެ ކަމުގެ "ކުލަމަތި" މި މުބާރާތުން ވަނީ ފެނިގެން ގޮސްފަ އެވެ.

ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަކަށް ފަހު މި އަހަރުގެ މުބާރާތުގެ ފައިނަލުގައި ހިރިޔާ ސްކޫލާއި އިމާދުއްދީން ސްކޫލް ވާދަ ކުރި ދެ ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ ވެސް ރާއްޖޭގައި ނަން މަޝްހޫރު ފުޓުބޯޅައިގެ ދެ ޝަހްސިއްޔަތުންނެވެ. އިމާދުއްދީން ސްކޫލުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ އިބްރާހީމް ސައީދު (ކަކާ) އެވެ. އަދި ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިރިޔާ ސްކޫލުގެ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދު ދީފައި ވަނީ ފަހަކަށް އައިސް ކޯޗެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

ފައިނަލާ ހަމައަށް އެއްވެސް މެޗަކުން ބަލިނުވެ ހިރިޔާ ސްކޫލް ދަތުރު ކުރި އިރު ރޭގެ މެޗުގައި ވެސް ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އެ ޓީމުންނެވެ. ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ގޯލު ޖަހައިދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އަދުޔާން ނިޔާޒް އެވެ. ނަމަވެސް އޭގެ އަށް މިނަޓު ފަހުން އިމާދުއްދީން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނާއިޝް އަސްޖަދުއެވެ.

ފުރަތަމަ ހާފު ނިމެން މިނަޓަކަށް ވެފައި ވަނިކޮށް ހިރިޔާ ސްކޫލުގެ ފޯވާޑް އިސްމާޢީލް އިކާން ބިން އަލީ ހިރިޔާއަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިމާދުއްދީން އިން ވަނީ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނާއިޝް އަސްޖަދުއެވެ.

ދެވަނަ ހާފު ފެށިގެން ދިޔައީ ހިރިޔާ ސްކޫލުގެ "ޑޮމިނެންސް" އާ އެކުގަ އެވެ. ޓީމު ކުރިއަށް ޖައްސާ އިމާދުއްދީން ގެ ގޯލަށް ނުރައްކާ ކުރަމުން ގޮސް އެ ހާފުގެ ތިން ވަނަ މިނަޓުގައި ހިރިޔާ އިން ވަނީ އަނބުރާ ލީޑު ނަގައިފަ އެވެ.

މުހައްމަދު އަދްޔާން ނިޔާޒްގެ އެ ގޯލާ އެކު އިމާދުއްދީން ޕްރެޝަރަށް ވެއްޓުނު ވަގުތު އެކަމުގެ ފައިދާ ނަގައި ހިރިޔާ އިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުބާރާތުގައި ވެސް އެންމެ ގިނަ ގޯލު ޖެހި އިސްމާޢީލް އިކާން ބިން އަލީ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކްއެއް ހަދާފަ އެވެ.

އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:

އެ މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަކީ ހިރިޔާ ސްކޫލުން އިސްމާއިލް އިކާން އަލީއާއި އައިހަމް ހަމްދޫންއާއި މިފްރާހް އަބްދުލް މުހުސިން އެވެ. ގާޒީ ސްކޫލުން ހަސަން އަޒޫމް އަލީއާއި އަހްމަދު އީރާސް ހޮވިފައިވާ އިރު މަޖީދިއްޔާ ސްކޫލުގެ އަހްމަދު މާއިޝް އަލީއާއި ހުމައިދް ހަސަންގެ އަދި ރެހެންދި ސްކޫލުގެ މުހައްމަދު ދަލަފް އާއި އަމީނިއްޔާ ސްކޫލުގެ މުހައްމަދު އަބާން އަރީފް އިތުރުން އިމާދުއްދީނު ސްކޫލުގެ މުޙައްމަދު އީކާން މަތީންއެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމަށް ހޮވިފައި ވަނީ ހިރިޔާ ސްކޫލުގެ މުހައްމަދު ޝިމަން އެވެ. އަދި 13 ގޯލާ އެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ހިރިޔާ ސްކޫލުގެ އިސްމާޢީލް އިކާން ބިން އަލީ އެވެ. ފެއާ ޕްލޭ ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓުކުރި ސްކޫލަކީ އިމާދުއްދީން ސްކޫލެވެ.

މި އަހަރުގެ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނީ ތިން އުމުރުފުރާއެއްގެ ކުޅުމެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ މުބާރާތް މިހާރު ކުރިއަށް ދާ އިރު ބާކީ އޮތް 13 އަހަރުން ދަށުގެ މުބާރާތް ފަށާނީ މިހާރު ކުރިއަށްދާ މުބާރާތް ނިމުނީމަ އެވެ.

comment ކޮމެންޓް