އުއްތަރަ ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު މާޔާވަތީ އިންތިހާބުގައި ވާދަ ނުކުރައްވާނެ

މާޔާވަތީ ވަނީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ދިއްލީ (މާޗް 20): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުކަން ހަތަރު ފަހަރު ކުރައްވާފައިވާ އަދި ދާލިތު ދަރިކޮޅުގެ އެތައް މިލިއަން މީހުންގެ ތާއިދު އޮތް މާޔާވަތީ އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު މާޔާވަތީ ވިދާޅުވި ގޮތުގައި އެކަމަނާ ބޭނުންފުޅުވާނަމަ ކޮންމެ ވަގުތަކު ވެސް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވިދާނެ އެވެ. ނަމަވެސް މިފަހަރު އޭނާ އިސްކަން ދެއްވާނީ ވެރިކަން ކުރާ ބީޖޭޕީއާ ދެކޮޅަށް އުފައްދާފައިވާ އެލަޔަންސް ކުރިއެރުވުމަށެވެ.

"މިވަގުތު ސިޔާސީ މަސްރަހު އޮތްގޮތުން، އަޅުގަނޑު ނިންމީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން. އަޅުގަނޑުގެ އަމިއްލަ ކާމިޔާބީއަށް ވުރެ މުހިއްމީ އެލަޔަންސުން ގިނަ ގޮނޑި ކާމިޔާބު ކުރުން،" މާޔާވަތީ ވިދާޅުވި އެވެ.

އުއްތަރަ ޕްރަދޭޝްގައި ބީޖޭޕީއާ ދެކޮޅަށް މާޔާވަތީ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެކަމަނާ އިސްކޮށް ހުންނަވާ ސަމަޖުވާދީ ޕާޓީއާ އެއްކޮށެވެ. އެޕާޓީން ވަނީ އިދިކޮޅު އެހެން ޕާޓީއެއް ކަމަށްވާ ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ)އާ އެކު ކޯލިޝަނެއް ހަދާފަ އެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ 80 މެމްބަރުން ގައުމުގެ ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވަ އެވެ. އަދި އެސްޓޭޓަށް ނިސްބަތްވާ ނުވަ ބޭފުޅުން ވަނީ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް