އާލިއާ އާއި ސަލްމާން ފުރަތަމަ ފަހަރަށް އެކުގައި ބަންސާލީގެ ފިލްމަކުން!

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'އިންޝާﷲ' އިން ފެނިގެންދާނީ ބަތަލާ އާލިއާ ބަޓް އަދި ސަލްމާން ޚާން ކަން ޔަގީންކޮށްދީފި އެވެ.

ބަންސާލީގެ ފިލްމެއް އާލިއާ އަށް ހުށަހަޅައިފައިވާ ކަމަށާއި އަދި އަހަރުތަކެއް ފަހުން ސަލްމާން އާއި ބަންސާލީ އެކުގައި ފެނިގެންދާން އުޅޭ ކަމަށް ވެސް ޚަބަރުތައް ބުނާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ބަންސާލީ ޕްރޮޑަކްޝަންސް އިން މިވަނީ އެ ދެ ޚަބަރަކީ ވެސް ތެދުކަން ހާމަކޮށްފަ އެވެ.

ބަންސާލީ ޕްރޮޑަކްޝަންސް އިން އެކަން ޔަގީންކޮށްދީފައި ވަނީ ޓުވީޓަކުންނެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އާލިއާ އަދި ސަލްމާންކަން ހާމަކުރުން ފިޔަވައި ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިއީ ސަލްމާން އާއި އާލިއާ އެކުގައި ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ބަންސާލީގެ ފިލްމަކުން އާލިއާ ފެނިގެންދާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ސަލްމާން މީގެ ކުރިން ވަނީ 1996 ވަނަ އަހަރު ރިލީޒްކުރި ފިލްމު ބަންސާލީގެ 'ޚާމޯޝީ' އަދި 1999 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު 'ހަމް ދިލް ދޭ ޗުކޭ ސަނަމް'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް 'އިންޝާﷲ' ވެގެންދާނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ސަލްމާން އާއި ބަންސާލީ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ. ސަލްމާން ވަނީ އާލިއާ އާއެކު ފުރަތަމަ ފަހަރަށް މަސައްކަތް ކޮށްލަން ލިބުމުގެ އިތުރުން ބަންސާލީ އާއެކު އަލުން މަސައްކަތް ކުރަން ލިބުމުން ވަރަށް އުފަލުން ހުރިކަން ހާމަކޮށްފަ އެވެ.

ފިލްމާ ގުޅޭ ގޮތުން އާލިއާ ބުނީ ބަންސާލީގެ ފިލްމެއްގައި މަސައްކަތް ކޮށްލުމަކީ އޭނާގެ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އެ ދިގު އިންތިޒާރުގެ ނިމުން ވަރަށް ފޮނިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް