އެންމެ މޮޅު އެކްޓަރުންނަށް ދީޕިކާ އާއި ރަންބީރު!

ދީޕަކް އަދި ރަންބީރު --

އިއްޔެ ރޭ ނިމިގެން ދިޔަ ޒީ ސިނެ އެވޯޑްސް 2019 ގެ އެންމެ މޮޅު އެކްޓަރުންނަށް ބަތަލާ ދީޕިކާ ޕަދުކޯން އަދި ރަންބީރު ކަޕޫރު ހޮވިއްޖެ އެވެ.

ދީޕިކާ އެންމެ މޮޅު އެކްޓަރުގެ އެވޯޑު އުފުލައިލީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު' އިންނެވެ. ރަންބީރަށް މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ރާޖްކުމާރު ހިރާނީގެ ފިލްމު 'ސަންޖޫ' އިންނެވެ.

ހަފްލާގައި އެންމެ ގިނަ އެވޯޑުތަކެއް ގެންދިޔައީ ފިލްމު 'ޕަދްމާވަތު' އިންނެވެ. އެގޮތުން ބަންސާލީއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން ބެލުންތެރިން ހޮވި މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބުނީ އެ ފިލްމުން ރަންވީރު ސިންގ އަށެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑު ގެންދިޔައީ ވިކީ ކޯޝަލް (ސަންޖޫ)، އަދި ކެޓްރީނާ ކައިފް (ޒީރޯ) އެވެ.

ފިލްމު 'އަންދާދުން' އަދި 'ބަދާއީ ހޯ' ގައި ދެއްކި މޮޅު އެކްޓިން އަށް އެކްޓަރު އާޔޫޝްމަން ޚުރާނާއަށް ވަނީ އަހަރުގެ "އެކްސްޓްރާއޯޑިނަރީ ޕާފޯމާ"ގެ އެވޯޑު ލިބިފަ އެވެ.

އަހަރުގެ އެންމެ މޮޅު ޑެބިއު އެކްޓަރުންނަކީ ފިލްމު 'ދަޅަކް' އިން ބޮލީވުޑަށް ނުކުތް އިޝާން ކައްތަރު އަދި ޖާންވީ ކަޕޫރެވެ.

ނެގެޓިވް ރޯލަކުން އެންމެ މޮޅު އެކްޓަރަކަށް ތާބޫ (އަންދާދުން) ހޮވުނު އިރު އެންމެ މޮޅު ކޮމިކް އެކްޓަރަކަށް ހޮވުނީ ފިލްމު 'ސޯނޫ ކެ ޓީޓޫ ކީ ސްވީޓީ' އިން ކާރްތިކް އާރްޔަން އެވެ. އިންޑިއަން ސިނަމާ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރާ ފަރާތަކަށް ހޮވުނީ ހެމާ މާލިނީ އެވެ. އަދި އިޖްތިމާއީ ބަދަލަށް މަސައްކަތް ކުރާ އައިކޮންގެ އެވޯޑު ލިބުނީ ބަތަލާ ސޯނަމް ކަޕޫރު އަހޫޖާ އަށެވެ.

އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިންނަށް ހޮވުނީ ޔާސިރު ދެސާއީ (ނޭނޯ ކީ ބަންދީ - ފިލްމު ގޯލްޑް) އަދި ވިބާ ސަރަފް އާއި ހަރްޝްދީޕް ކޯރު (ދިލްބަރޯ - ފިލްމު ރާޒީ) އަށެވެ.

ފިލްމު 'ސްތްރީ' އަށް އެންމެ މޮޅު ޑެބިއު ޑައިރެކްޓަރު (އަމަރް ކޯޝިކް) އަދި އެންމެ މޮޅު ޑައިލޮގް (ޕަންކަޖް ތުރިޕަތީ) ވަނީ ލިބިފައެވެ. އެންމެ މޮޅު ކޮރެއޮގްރަފީ ލިބުނީ 'ޕަދްމާވަތު'ގެ ލަވަ "ގޫމަރު" އަށެވެ. އަދި އެންމެ މޮޅު ވީއެފްއެކްސްގެ އެވޯޑު ލިބުނީ 'ޒީރޯ' އަށެވެ.

ވިކީ ކޯޝަލް އަދި ކާތިކް އާރްޔަން ހުށަހަޅައިދިން އެ ހަފްލާގައި ބޮލީވުޑް އެކްޓަރުންގެ ރީތި ހުށަހެޅުންތަކެއް ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި ވަރުން ދަވާން، މާދުރީ ދިކްޝިޓް، ކްރިތީ ސެނަން، އާޔޫޝްމަން ކުރާނާ އަދި ރަންވީރު ސިންގ ހިމެނެއެވެ. އެވޯޑު ހަފްލާ ޒީ ޓީވީ އިން ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް