މަސީގެ ރައީސަކަށް އަނެއްކާވެސް ޖަނާހު

މުހައްމަަދު އަލީ ޖަނާހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ 17 ވަނަ ދައުރުގެ ރައީސަކަށް މުހައްމަދު އަލީ ޖަނާހު އިންތިހާބު ކޮށްފިއެވެ.

ޖަނާހު މި މަގާމަށް އިންތިހާބުކޮށްފައިވަނީ ރޭ ބޭއްވި އެ ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާގައެވެ. ޖަލްސާގައި ބައިވެރިވެފައިވަނީ މަސީގެ 86 މެންބަރުންގެ ތެރެއިން 34 މެންބަރުންނެވެ. ޖަނާހު މަސީގެ ރައީސް ކަމަށް އިންތިހާބުވީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ރޭ ވަނީ މަސީގެ އެކްސްކޯ އަށް އިތުރު ބޭފުޅުންވެސް އިންތިހާބު ކޮށްފައެވެ. އެބޭފުޅުންނަކީ

  • ނައިބު ރައިބު ރައީސް އަކަށް އަލާއު އަލީ (އެލިޔާ ކޮންސްޓްރަކްޝަން) އަދި އަބްދުﷲ ސޮލާހު (ދަމާސް)
  • ސެކްރެޓަރީ ޖެނެރަލް: އަދްނާން ހަލީމް (އަލި ހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ)
  • ޓްރެޒަރާ: ހަސަން ހަބީބް (މިމްސް ކޮންސްޓްރަކްޝަން)

މީގެ އިތުރުން ޓްރެޒަރާގެ އެހީތެރިޔާ އާއި މަސީގެ ހިންގާ ކޮމެޓީ އަށް އިތުރު 15 މެންބަރުންވެސް ރޭ ވަނީ އިންތިހާބު ކޮށްފައެވެ. މި ހުރިހާ ބޭފުޅުންވެސް މަގާމުތަކަށް އިންތިހާބުވީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިރޭ އިންތިހާބު ކުރި ހިންގާ ކޮމެޓީގެ ދައުރަކީ ދެ އަހަރެވެ.

މަސީގެ އަހަރީ އާންމު ޖަލްސާގައި ރޭ ވަނީ މި އަހަރަށް ލަފާކުރާ މަސީގެ ބަޖެޓުވެސް ފާސްކޮށްފައެވެ. މަސީއަށް މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަލާއިރު އެ ޖަމްއިއްޔާ އަށް 1.63 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 1.62 މިލިއަން ރުފިޔާ އެވެ.

ރޭ ވަނީ މަސީ އަށް އެންމެ ބޮޑު ފައިސާގެ އެހީއެއް ދެއްވި ހޮޓަލްސް އެންޓް ރިޒޯޓްސް ކޮންސްޓްރަކްޝަންގެ މުހައްމަދު އަލީ ޖަނާހުއަށް އެކަން ފާހަގަކޮށް ހަނދާނީ ލިޔުމެއްވެސް ހަވާލުކޮށްފައެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މަސީއަށް އެންމެ ބޮޑު ފައިސާގެ އެހީ ދެއްވާ ފަރާތެއްގެ އަގު ވަޒަން ކުރަން ނިންމާފައިވާކަމަށް ރޭ އިއިލާނު ކުރިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަސީގެ 17 ވަނަ ދައުރުގެ ރައީސް ޖަނާހު ވިދާޅުވީ އިންޑަސްޓްރީގައި ވާދަވެރިކަން ބޮޑުވި ނަމަވެސް އެއްވެސް ބަޔަކު އިންޑަސްޓްރީ ހަލާކު ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވާންޖެހޭނީ އެކުވެރި، އެއްބައިވަންތަ އިންޑަސްޓްރީ އަކަށް ކަމަށް ވެސް ޖަނާހު ވިދާޅުވިއެވެ.

ޖަނާހު އަކީ އިންޓަަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަނުގެ 45 ވަނަ ދައުރުގެ ރައީސް ވެސް މެއެވެ. އަންނަ އަހަރު މި ޖަމްއިއްޔާގެ ކޮންވެންޝަން ބާއްވާނީ ރާއްޖޭގައެވެ.

comment ކޮމެންޓް