ގއ. އަތޮޅު ތައުލީމީ މަރުކަޒު ވަގުތީގޮތުން ބަންދުކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒު

ނުރައްކާތެރި ރޯގާއެއް ފެތުރޭތީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ސްކޫލު ބަންދުކުރީ ރޯގާ މާ ބޮޑަށް ފެތުރޭތީ ވިލިނގިލީ ކައުންސިލުން އެ ސްކޫލު ބަންދުކުރަން އެދުމުން ކަމަށެވެ. އަދި އެ ސްކޫލް ބަންދުކުރީ މާދަމާގެ ނިޔަލަށްކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގއ. ވިލިނގިލީ ކައުންސިލް މެމްބަރު މުހައްމަދު އިގުބާލް ފިކުރީ ވިދާޅުވީ އެ ރަށުގައި ރޯގާ ވަރަށް ބޮޑަށް ފެތުރި ގއ. އަތޮޅު ހޮސްޕިޓަލްވެސް މިހާރު ފުރިފައިވާ ކަމަށެވެ.

"ޗިކަން ގުންޏާކަމަށް ބެލެވެނީ. އެކަމަކު އަދިން އެކަން ޔަގީން ނުވޭ. ހުން އާދޭ ވަރަށް ގަދައަށް. ދެން ޗިކަން ގުންޏާ ޖެހުނީމަ ފެންނަ އަލާމާތްތައް މިސާލަކަށް ފައި ފުއްޕާފަ އަދި ހުޅުހުޅުގަ ރިއްސުން ފާހަގަވޭ. ބައެއް ކުދިންނަށް އުޅޭ ދެ ހަފުތާވަންދެން ނުހިނގިގެންވެސް،" އޭނާ ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ އެ ރަށުގައި ރޯގާގެ ކަންތައް ބޮޑުވެ ހޮސްޕިޓަލްގައި ކުޑަކުދިން، އަންހެނުން އަދި ބޮޑެތި މީހުންގެ ހުރިހާ ވޯޑެއް މިހާރު ފުރިފައިވާ ކަމަށެވެ.

"ދުވާލަކު 13 ނުވަތަ 14 މީހުން ރިޕޯޓް ކުރޭ ބަލިވެގެން،" އިގްބާލް ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި 5000 އެއްހާ މީހުން ދިރިއުޅޭއިރު 700 ކުދިން އެ ރަށުގެ ސްކޫލުގައި ދަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް