އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ރުފިޔާއާއި ހަމައަށް ހިލޭ އެހީ ދިނުމަށް އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާއިން ނިންމީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި ބޭނުންކުރުމަށެވެ. އެގޮތުން މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާއަށް ރާއްޖޭގެ އެކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ މަޝްރޫއުތަކަށް މި އެހީގެ ދަށުން ފަންޑު ހަމަޖެހިގެން ދާނެއެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްގެ ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ހަ މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ދިނުމަށް ވަނީ ނިންމައި، އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީވެސް އިގްތިސާދީ އަދި އިޖްތިމާއީ މަޝްރޫއުތަކަށް ފޯރުކޮށްދޭ ފަންޑެކެވެ. އެގޮތުން ތައުލީމީ، ސިއްހީ، ނުވަތަ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ.

އިންޑިއާ އިން މި އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި 55.9 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 24.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުގައި މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އިންޑިއާ އިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފައެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކަށް ފަހު އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމި އެހީއެކެވެ.

ސުޝްމާގެ ދަތުރުފުޅުގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުވުމުގެ ޕްރޮގްރަމެއް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ އެހީ އިތުރުކުރާނެ ކަމަށާއި މީހުން ބިނާކުރުމުގެ އިތުރުން މި ދާއިރާއަށް ބޭނުންވަ އިކުއިޕްމެންޓުވެސް އިންޑިއާ އިން ފޯރުކޮށްދޭނެ ކަމަށް ސުޝްމާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ މާލޭގެ މަގުތައް އަލިކުރުމަށް ލެޑު ލައިޓުވެސް ހަދިޔާކޮށްފައެެވެ.

މި ދަތުރުފުޅުގައި ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޕްލޭނިން މިނިސްޓަރު އަސްލަމް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން ސުޝްމާ ވަނީ މަޖިލިސް ރައީސް ގާސިމް އިބްރާހިމްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވައިފައެވެ.

ސުޝްމާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް