"ފުޓުބޯޅައިގެ ރަސްގެފާނު"ގެ ނަމުން މަޝްހޫރުވެފައިވާ ލިއޮނެލް މެސީގެ ހިތްގައިމު ހެޓްރިކަކާއެކު ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރޭ ސްޕެނިޝް ލީގުގައި ބެޓިސްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދާފައި ވަނީ 1-4 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އެންމެ ފަހުން އެތުލެޓިކޯ ބިލްބާއޯއާ ވާދަކުރި މެޗުން ވަނީ ބަލިވެފައެވެ. ރޭގެ މޮޅާއެކު ބާކީ 10 މެޗު އޮއްވާ 10 ޕޮއިންޓުގެ ލީޑެއް ބާސެލޯނާ ނެގުމުން ދެން އެ ޓީމާ އަރައި ހަމަކުރުމަކީ ވަރަށް ނާދިރު ކަމެކެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ތަފާތަކަށް ވެގެން ދިއައީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ "ޖާދޫވި" ކުޅުމެވެ. މެސީގެ މޮޅު ކުޅުމަށް އިދިކޮޅު ޓީމުގެ ސަޕޯޓަރުން ވެސް ތައުރީފުކޮށްފައިވާ އިރު އެ މެޗުގައި މެސީ ވަނީ ދެ ރެކޯޑެއް ވެސް މުގުރާލައިފައެވެ.
ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ޝަރަފުގެ އިތުރުން އޭނާ ވަނީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ލިސްޓުގެ ދެވަނައަށް ޖެހިލައިފައެވެ.
މެސީ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އޭނާގެ ފެންވަރު އަނެއްކާވެސް މުޅި ދުނިޔެއަށް ދައްކުވާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެތައް ފަހަރަކު ހޯދާފައިވާ މެސީ ރޭގެ މެޗުގައި ހެދި ހެޓްރިކާ އެކު އޭނާ މިވަގުތު ހުރީ ޔޫރަޕުގެ ޓޮޕް ސްކޯރާގެ މަގާމުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މެސީ ވަނީ ހިތްގައިމު ހިލޭ ޖެހުމެއް ޖަހައި ބެޓިސްގެ ކުޅުންތެރިން އަންތަރީސް ކޮށްލާފައެވެ. އަދި ހާފު ނިމުމުގެ ކުރިން މެސީ ވަނީ އިތުރު ގޯލެއް ޖަހައި ބާސެލޯނާގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ބެޓިސްގެ ކުޅުން ރަނގަޅު ކޮށްފައިވާ އިރު އެ ޓީމުން ވަނީ ބާސެލޯނާ ކޮޅަށް ގޯލެއް ވެސް ޖަހައިފައެވެ. ނަމަވެސް ބެޓިސްގެ ގޯލާއެކު ބާސެލޯނާއިންވެސް ރައްދުގައި ގޯލެއް ޖަހައި މެޗުގެ އޮއިވަރު ބަދަލު ކޮށްލިއެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލުއިސް ސުއަރޭޒްއެވެ.
މެޗު ޔަގީންކުރުމުގެ ގޮތުން ބާސެލޯނާއިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައިފައެވެ. މެސީގެ ހެޓްރިކް ފުރިހަމަ ކުރުމަށް އޭނާ ޖެހި އެ ގޯލަކީ މުޅި ސްޓޭޑިއަމްގައި ތިބި އެންމެން ކޮޅަށް ތެދުވެ އޭނާއަށް ތައުރީފުކުރި ގޯލެކެވެ. ބޮޑު އޭރިއާގެ ކަނާއި ދިމާލުން ކީޕަރުގެ ބޯމަތިން ބޯޅަ އޮއްސާލި އިރު އޭރިއާ ތެރޭގައި ބެޓިސްގެ މުޅި ޓީމު ކަހަލަ ގޮތަކަށް ތިއްބެވެ.
އަންނަ ހަފްތާގައި އޮންނަ އިންޓަނޭޝަނަލް ބްރޭކްއަށް ފަހު ބާސެލޯނާ ދެން ބައްދަލު ކުރާނީ އެސްޕަންޔޯލްއާއެވެ.