ޔުވެންޓަސްއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

ޔުވެންޓަސްއާއި ގެނޯއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ރަޔާން ބެންސަން

މިފަހަރުގެ ސީޒަނުގައި އިޓާލިއަން ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑް ދަމަހައްޓަމުން އައި ޔުވެންޓަސް ތާވަލުގެ 12 ވަނައިގައި އޮތް ގެނޯއާ އަތުން ބަލިވެއްޖެ އެވެ.

ގެނޯއާގެ ލުއިޖިސް ފެރާރިސް ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ޔުވެންޓަސްގެ މަށްޗަށް އެ ޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ޔުވެންޓަސް ބަލިވި ނަމަވެސް އެ ޓީމު އެއްވަނާގައި އޮތީ 15 ޕޮއިންޓުގެ ބޮޑު ފަރަގަކާ އެކު އެވެ. ރޭގެ މެޗުން މޮޅުވެ، ގެނޯއާ އިން ވަނީ 11 ވަނާގައި އޮތް ޕަރްމާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ޕަރްމާ ކުރީގައި މިވަގުތު އޮތީ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގްރީ ރޭ ގެނޯއާއާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގައި ރުޅިގަދަ ވެފައި --- ފޮޓޯ/ ރަޔާން ބެންސަން

ޔުވެންޓަސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކުރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރުސަތު ލިބި ގޯލު ނުޖެހުމެވެ. ރޮނާލްޑޯ ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑްއާ ޔުވެންޓަސް ބައްދަލު ކުރި މެޗުގައި ހެޓްރިކެއް ހަދާ ޔުވެންޓަސް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ގޯލެއް ނުޖެހި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ހާފުގައި ގެނޯއާ އިން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހައި ޔުވެންޓަސްއަަށް ސިހުން ގެނުވައިފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ގޮރާން ޕަންޑޭވްއާއި ލޯނުގެ އެއްބަސްވުމެއްގެ ދަށުން މި ސީޒަނަށް ޔުވެންޓަސް އިން އެ ގެނޯއާއަށް ބަދަލުވި ސްޓެފަނޯ ސްޓުރާރޯ އެވެ.

ގެނޯއާގެ ގޯލު ތަކާއި އެކު ޔުވެންޓަސް އިން ޓީމު ކުރިއަށް ޖައްސާ ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ގެނޯއާ ކުޅުންތެރިންގެ ހިއްވަރާއި ޑިފެންޑަރުންގެ ހުޝިޔާރު ކަމުން ޔުވެންޓަސްއަށް ގޯލެއް ޖެހިފައެއް ނުވެ އެވެ.

ވޭތުވެ ދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ލީގުގައި ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓަމުން އައި ޔުވެންޓަސްގެ ރެކޯޑަށް ނިމުން އައި ނަމަވެސް ޓީމުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށާއި ސީޒަނުގައި އެންމެ މުހިއްމު މެޗުތައް ކުރިއަށް އޮތުމުން އެ މެޗުތަކަށް ޓީމު ތައްޔާރުވާނެ ކަމަށް ރޭގެ މެޗުގައި ޔުވެންޓަސްގެ ކެޕްޓަންކަން ކުރި ލެއަނާޑޯ ބޮނޫޗީ ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކެ ނިމުމަށް ފަހު ޔުވެންޓަސްއިން ލީގުގައި ދެން ބައްދަލު ކުރާނީ އެޕޮލީއާ އެވެ. އަދި ގެނޯއާއިން ބައްދަލު ކުރަން ޖެހޭނީ ޔުޑިނީސްއާ އެވެ.

comment ކޮމެންޓް