މެންޗެސްޓާ ޔުނައިޓެޑްގެ މެޗަކީ އުނދަގޫ އަދި ގިނަ ބަޔަކު ގަޔާވާނެ މެޗެއް: ވަލްވާޑޭ

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗު އުނދަގޫވި ނަމަވެސް އެ މެޗަކީ މި ސީޒަނުގައި އެންމެ ގިނަ ބައެއްގެ ލޮލޮގައި އަޅައިގަންނާނެ އެއް މެޗު ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

މިދިޔަ ހުރުކު ދުވަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ފަހަނަ އަޅައި، ކުއާޓާ އަށް ދިޔަ ޓީމުތަކުގެ މެދުގައި ގުރު ނަގާފައިވާ އިރު ގިނަ މެޗުތައް ޖެހިފައި ވަނީ ވާދަވެރި ގޮތަކަށެވެ. އެގޮތުން ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަ ކުރަން ޖެހޭ އިރު މެންޗެސްޓާ ސިޓީ ބައްދަލު ކުރަން ޖެހެނީ ޓޮޓެންހާމްއާ އެވެ.

މީގެ އިތުރުން ޔުވެންޓަސް އާއި އަޔެކްސް ބައްދަލު ކުރާ މެޗާއި ލިވަޕޫލް އާއި ޕޯޓޯ ބައްދަލު ކުރާ މެޗަކީ ވެސް ފޯރިގަދަ ވާނެ މެޗުތަކެކެވެ.

ބާސެލޯނާ ކުއާޓާއަށް ދަތުރު ކުރީ ފްރާންސްގެ ލިއޮން ބޮޑު ނަތީޖާއަކުން ބާސެލޯނާގެ ދަނޑުގައި ބަލި ކުރުމަށް ފަހު އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ކުއާޓާއަށް ދަތުރު ކުރީ ވަރުގަދަ ޕީއެސްޖީ ކައިރިން ތާރީހީ އެނބުރި އައުމަކުން މޮޅުވެގެންނެވެ.

ބާސެލޯނާ އިން ތިން ތައްޓަށް އުންމީދު ކޮށްގެން މިއަހަރުގެ ސީޒަނަށް ކުރިމަތި ލައިގެން ކުރިއަށް ދާ އިރު އެ ޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމުގެ ކޯޗު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ގުރު ނެގުމަށް ފަހު ބުނީ ބާސެލޯނާއާއި ވާދަކުރުމަށް ލައްވާލި މެންޗެސްޓާ ޔުނައިޓެޑް އަކީ ޔޫރަޕުގެ ގަދަ ބާރެއް ކަމަށާއި އެ މެޗަކީ އުނދަގޫ ވާނެ މެޗެއް ކަމަށެވެ.

"ޔުނައިޓެޑަކީ ޔޫރަޕުގެ ތާރީހުގައި ވެސް ބޮޑެތި ކާމިޔާބުތަކެއް ހޯދައިފައިވާ ވަރުގަދަ ޓީމެއް. އެ މެޗަކީ މި ސީޒަނުގައި މިހާތަނަށް ކުޅެން ޖެހޭނެ އެންމެ އުނދަގޫ އެއް މެޗު. މިވަގުތު އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. ނަތީޖާ ވެސް އެބަ ނެރޭ. ވީމާ އެ ކުރިމަތިލުން ވަކި ކޮޅަކަށް ބުރަވެ އެއްޗެކޭ ބުނަން އިނގޭނީ ފުރަތަމަ ލެގުގައި ވާ ގޮތެއް ބެލުމަށް ފަހު،" ވަލްވާޑޭ ބުންޏެވެ.

"ޗެމްޕިއަންސް ލީގުގެ މިހިސާބައް ދަތުރު ކުރާނީ އެންމެ މޮޅެތި ޓީމުތައް. އޭގެތެރެއިން ވެސް ޔުނައިޓެޑް އަކީ ތަފާތު ޓީމެއް. އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިން ނުލައި ގޮސް ޕީއެސްޖީ ބަލި ކުރި މެޗުގައި އެމީހުންގެ ފެންވަރު މުޅި ދުނިޔެއަށް ސާބިތު ކޮށްދިން."

އަންނަ ހަފްތާގައި އިންޓަނޭޝަނަލް ބްރޭކް މެޗުތަކުގެ ކުރިން ބާސެލޯނާ މިރޭ ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ވާދަ ކުރާނެ އެވެ.

comment ކޮމެންޓް