ޔުނައިޓެޑްއިން ވުލްވްސްގެ އަތްދަށުވި އިރު ސިޓީ ސެމީއަށް

މެންޗެސްޓާ ސިޓީއާއި ސްވަންސީ ބައްދަލުކުރި މެޗުގައި ސާޖިއޯ އަގުއޭރޯ ގޯލު ޖެހުމަށްފަހު --- ފޮޓޯ / ރަޔާން ބެންސަން

އިނގިރޭސި އެފްއޭ ކަޕުގައި ރޭ ވޮލްވާހްމްޓަން އިން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ދަތުރު ކުރި އިރު ފަހަތުން އަރައި ސްވަންސީ ބަލިކޮށް މެންޗެސްޓާ ސިޓީ ވެސް ސެމީގެ ޖާގައެއް ހޯދައިފި އެވެ.

ވުލްވްސްގެ މޮލިނޯކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. އަދި ސާޖިއޯ އަގުއޭރޯ ފަހު ވަގުތު ކާމިޔާބު ކޮށްދިން ގޯލާއި އެކު ފަހަތުން އަރައި ސްވަންސީ ގެ މައްޗަށް ސިޓީ ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

ފޯމުގައި އޮތް ޔުނައިޓެޑް ކަޓުވާލުވުމަށް ފަހު އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ވުލްވްސް ރޭގައި ދަތުރު ކުރި އިރު އެ މުބާރާތުގެ މި ހިސާބަށް އެ ޓީމު އެންމެ ފަހުން ދަތުރުކުރީ މީގެ 21 އަހަރު ކުރިންނެވެ.

މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ވޮލްވާހަމްޓަން ގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު ސެލެބްރޭޓް ކުރާ މަންޒަރު --- ފޮޓޯ/ ރަޔާން ބެންސަން

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނުކުމެ ވުލްވްސް އިން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހައި ޔުނައިޓެޑަށް ސިހުން ގެނުވާފަ އެވެ.

ރައުލް ޖިމިނޭޒް އަދި ޑިއޭގޯ ޖޯޓާގެ ދެ ގޯލާއި އެކު ޔުނައިޓެޑް ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެގޮތުން އެ ޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ކޮންމެސް ވަރެއްގެ އުންމީދެއް ގެނުވާފަ އެވެ. ނަމަވެސް ވުލްވްސްގެ ކުޅުންތެރިންގެ ހުށިޔާރު ކަމާއި މޮޅުވުމަށް ކުރި ބުރަ މަސައްކަތުން ޔުނައިޓެޑްއަށް އިތުރު ގޯލެއް ޖަހަން ފުރުސަތު ނުދީ ވަނީ ހިފަހައްޓާފަ އެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑްއަށް ޖެހިޖެހިގެން ލިބުނު ދެވަނަ ބައްޔެވެ. އެންމެ ފަހުން އާސެނަލްއާ ކުޅުން މެޗުން ވެސް ބަލިވު ޔުނައިޓެޑްއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފަައިނަލުގެ ގުރުނެގުމުން ދިމާވީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ބާސެލޯނާއެވެ.

މީގެ އިތުރުން އެ ޔުނައިޓެޑްއާއި ހުރިހާ ގޮތަކުން ވެސް އެންމެ ވާދަވެރި ސިޓީ ވަނީ ސްވަންސީ ސިޓީ ބަލިކުރުމަށްފަހު އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އެ މެޗުގެ ފުރަތަމަ 30 މިނަޓުގެ ތެރޭގައި ސްވަންސީ އިން ވަނީ ދެ ގޯލު ޖަހައި ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށް ޕްރެޝަރު ބޮޑު ކޮށްފަ އެވެ. މި ދެ ގޯލުގެ އިތުރުން ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ސްވަންސީއަށް ލިބުނު ނަމަވެސް ސިޓީއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗު ޑޮމިނޭޓް ކުރަން ފަށައިފަ އެވެ.

ދެވަނަ ހާފު ފެށުމާ އެކު ސިޓީއިން ދިޔައީ މުޅި ޓީމު އެއްކޮށް ކުރިއަސް ޖައްސައި ސްވަންސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުގައި މާ ގިނައިރުތަކެއް ނުވެ ސިޓީ އިން ވަނީ ސްވަންސީގެ މުޅި ޑިފެންސް ލައިން ރޫޅާލައިފަ އެވެ. އަދި ފަހަތުން އަރައި ފުރުހަމަ "ކަމްބެކް" އެއް ހެދުމައްޓަކައި ސިޓީއިން ވަނީ 30 މިނަޓުގެ ތެރޭގައި ތިން ގޯލު ޖަހައިފަ އެވެ.

ސިޓީއިން މި ސީޒަނުގައި ކުރަމުން އަންނަ އެންމެ ބޮޑު އުންމީދަކީ ހަތަރު ތަށި މިއަހަރުގެ ސީޒަނުގައި އެ ޓީމަށް ހޯދުމަށެވެ. އެގޮތުން އެ ޓީމު ވަނީ އިނގިރޭސި ލީގު ކަޕުގެ ތަށި ކާމިޔާބު ކޮށްފައެވެ. ޕްރިމިއާ ލީގުގެ ވެސް އެއްވަނައިގައި އޮތް ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.

comment ކޮމެންޓް