ނިއުޒީލަންޑްގެ ގައުމީ ފުޓްސަލް ޓީމު ކުޅުންތެރިއެއް ވެސް ކްރިސްޓްޗާޗު ހަމަލާގައި މަރުވި

ނިއުޒީލެންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ދިން ބަޑީގެ ހަމަލާގައި މަރުވެފައިވާ އެ ގައުމުގެ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަތާ އަލައްޔާން --- ފޮޓޯ / އިއަން ސްޓްރެޗަން

ނިއުޒީލެންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރަށް ގޮސް ތިއްބައި ދިން ބަޑީގެ ހަމަލާގައި މަރުވި 50 މީހުންގެ ތެރޭގައި އެ ގައުމުގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަތާ އަލައްޔާން ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ބުނެފި އެވެ.

ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައި ދިން މި ހަމަލާއާއި ގުޅިގެން ހަތަރު މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާ އިރު މި ހަމަލާއަކީ މުސްލިމުންނަށް އަމާޒު ކޮށްގެން ވަރަށް ބޮޑަށް ރާވައިގެން ދިން ހަމަލާއެއް ކަމަށް ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަކިންޑާ އާޑަން ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ އިރު އެތައް ބަޔަކު ދަނީ ބޮޑެތި ޒަހަމްތަކާއި އެކު ހޮސްޕިޓަލު ތަކުގައި ފަރުވާ ހޯދަމުންނެވެ. އެގޮތުން އެ ހަމަލާގައި އެ ގައުމުގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަތާ އަލައްޔާން މަރުވެފައިވާ ކަމަަށް ނިއުޒީލަންޑް ފޫޓްބޯޅައިން ވަނީ ބުނެފައެވެ.

އުމުރުން 31 އަހަރުގެ އަލައްޔާން މިހާތަނަށް ވަނީ ގައުމީ ޓީމާއެކު 19 މެޗު ކުޅެދީފަ އެވެ. ކުވައިތަށް އުފަންވި ނަމަވެސް ނިއުޒީލެންޑްގައި ކުޑައިރުއްސުރެން ދިރިއުޅެމުން ދިޔަ އަލައްޔާންއަށް ހަމަލާ ދީ މަރާލި އިރު އޭނާ ހުރީ ނަމާދު ކުރާށެވެ. އެ ހަމަލާ އަމާޒު ވި މިސްކިތް ބިނާ ކޮށްފައި ވަނީ އަތާގެ ބައްޕައެވެ.

އެ ހިތާމަވެރި ހާދިސާއާއި ބެހޭ ގޮތުން ނިއުޒީލެންޑް ފޫޓްބޯލް (އެންޒެޑްއެފް) ގެ ޗީފް އެންޑްރޫ ޕްރެނެލް ވިދާޅުވީ ކްރިސްޓްޗާޗުގައި ހިނގި ހާދިސާ އަދިވެސް ގަބޫލު ކުރަން އުނދަގޫ ކަމަށެވެ.

"މި ހިނގާދިޔަ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި މިކަމުގެ ސަބަބުން އަސަރު ކޮށްފައިވާ އެންމެންނަށް ނިއުޒީލަންޑް ފޫޓްބޯޅައިގެ ނަމުގައި ތައުޒިއްޔާ ރައްދު ކޮށް މި ހިތާމައިގައި ބައިވެރިވަން. މިފަދަ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން،" އެންޑްރޫ ޕްރެނެލް ވިދާޅުވިއެވެ.

"އަހަރެންގެ ހިތުގެ އުދާސްތައް ވަނީ މި ގައުމުގެ ފުޓްސަލް ޓީމާ އެކު. އެ ޓީމަކީ ވަރަށް އެކުވެރި އަދި ބަދަހި ކުޅުންތެރިން ތަކެއް ހިމެނޭ ޓީމެއް. އަތާގެ މަރުގެ ހަބަރާ އެކު ޓީމުގެ ކުޅުންތެރިންނަށް ތިބީ ވަރަށް ބޮޑަށް އަސަރު ކޮށްފައި."

މީގެ އިތުރުން އެ ހާދިސާ ހިނގިއިރު ބަނގުލަދޭޝްގެ ކުރިކެޓް ޓީމްގެ ކުޅުންތެރިންވެސް ތިބީ ނަމާދަށް ގޮސްފައެވެ. ނަމަވެސް އެ ޓީމުގެ މެންބަރުން ސަލާމަތުން ވަނީ އަނބުރައި ހޮޓަލަށް ގޮސްފައެވެ.

އެ އަނިޔާވެރި ޓެރަރިސްޓް ހަމާލާގެ ވީޑިއޯތައް މިހާރު މީސްމީޑީއާގައި ވަނީ އާންމުވެފައެވެ.

comment ކޮމެންޓް