ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބީ އިންޑިއާގެ 50 މީހުން

އެމްއެންޑީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އިންޑިއާގެ ހެލިކަޕްޓަރުތައް އޮޕަރޭޓް ކުރުމަށް އެ ގައުމުގެ 50 އެއްހާ މީހުން ތިބޭކަމަށް އެމްއެންޑީއެފް ބުނޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބެނީ އެގައުމުގެ 50 އެއްހާ މީހުން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ އެ މީހުންގެ ތެރޭގއި ހިމެނެނީ ހަމައެކަނި ސިފައިން ނޫން ކަމަށާއި، ޓެކްނިކަލް މީހުންވެސް ތިބި ކަމަށެވެ.

މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރިންސިޕަލް ޑިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ހެލިކަޕްޓަރު މެއިންޓެއިން ކުރުމަށާއި އޮޕަރޭޓު ކުރުމަށް އާންމު ގޮތެއްގައި ތިބެނީ އިންޑީއާގެ 50 އެއްހާ މީހުން ކަމަށެވެ. ނަމަވެސް އެ އަދަދު ބައެއް ފަހަރު ބަދަލުވެގެންދާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ހެލިކަޕްޓަރު އޮޕަރޭޓްކުރުމާއި މެއިންޓެއިން ކުރުމަށް އާންމުގޮތެއްގައި ފިގާއެއްގެ ގޮތުގައި މި ގެންގުޅެނީ 50. ނަމަވެސް މީގެ ތެރޭގައި އެގްސެކްޓްލީ ބަލާލާއިރު އެ އަދަދު ނުތިބެދާނެ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް އައިސް ތިބޭ މީހުން ދާއިމަށް ރާއްޖޭގައި ނުތިބޭ ކަމަށާއި އެ މީހުން ބަދަލުވަމުން ދާ ކަމަށެވެ. ސަލީމް ވިދާޅުވީ، އެއިން ކޮންމެ ކަމަކީވެސް އެމްއެންޑީއެފްއަށް އެނގިގެން ހިނގާ ކަންތައްތައް ކަމަށެވެ.

ހެލިކޮޕްޓަރުތަކަކީ ވަކި ވައްތަރެއްގެ ހެލިކަޕްޓަރުތަކަކަށް ވުމުން ހެލިކޮޕްޓަރު އޮޕަރޭޓަރު ކުރެވެނީ ވަކި ކަހަލަ ތަމްރީންތަކެއް ހަދައިގެން ތިބި ބަޔަކަށް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގެޅޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އަނެއްކާވެސް ހެލިކަޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ހޯދުމަށް އިއުލާން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ހެލިކަޕްޓަރު އޮޕަރޭޓް ކުރުމަށް އައިސް އުޅެނީ އިންޑިއާގެ ޔުނީފޯމް އެޅި ސިފައިން އެކަނި ނޫން ކަމަށާއި އެ ގައުމުގެ ސިފައިންނަށް ނުވާ އާންމު ޓެކްނިކަލް މީހުންވެސް ތިބޭ ކަމަށެވެ.

"އޭގެ ތެރޭގައި އެބަ ތިބި ހެލިކަޕްޓަރު އުފެއްދެވި ފަރާތުން މެއިންޓެނަންސްއަށް އައިސްތިބި ސިވިލިއަނުންވެސް. ހުރިހާ އެންމެންނަކީ ސިފައިންނެއް ނޫން،" ޒުހައިރު ވިދާޅުވިއެވެ.

އެމްއެންޑީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހައިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޒުހައިރު ވިދާޅުވީ، ދިވެހިން ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ހެލިކަޕްޓަރުތައް ބޭނުން ކޮށްގެން 36 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އޭގެ 90 ޕަސަންޓަކީ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ޒުހައިރު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑީއާގެ ދެ ހެލިކޮޕްޓަރުންނެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން އެ ވާހަކަތައް ދޮގު ކުރެއެވެ.

comment ކޮމެންޓް