"އިޒިއަން..." އެކޮޅުން އޭނާއަށް ގޮވާލިމީހާގެ އަޑު އެ ކަންފަތުގައި ޖެހުމާއެކު އިޒިއަންއަށް ކާރުގެ ދޮރުފަތް ލައްޕާލެވުނެވެ. ހަ އަހަރުފަހުން އެ އަޑު އިވުމުންވެސް އޭނާއަށް އެ އަޑެއް ނޯޅުނެވެ.

"ދާން" ފުންނޭވާއެއް ލަމުން އިޒިއަން ވެސް ގޮވާލިއެވެ. ދާއިން ބުނާނެ ބަހަކަށް ސަމާލުކަން ދެވުނު އިރު އޭނާގެ ހިތުގެ ހިނގުންވެސް ވަނީ ބާރުވެފައެވެ.

ދާއިން އެދުނީ އޭނާއާ ބައްދަލުކުރުމަށެވެ. އިޒިއަން ވެސް ދެކޮޅެއް ނުހަދައެވެ. އެންމެ ފަހުން އޭނާއަށް ދާއިން ފެނުނީ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ ވެސް ވަރަށް ވިއްސާރަ ރެއްގައި ސައިކަލެއް ދޮށުންނެވެ. އޭރުވެސް ދާއިން ހުރީ ބޯ ދިގުކޮށް ގަޔަށް ދޫ އެއްޗެހި ލާފައެވެ. އެހާ ދުވަސްފަހުން ކުއްލިއަކަށް އޭނާއަށް ދާއިން ގުޅުމުން ހިސާބަކަށް ނުތަނަވަސްވިއެވެ. ބައްދަލުކުރަން އެއްބަސް ވެވުނީ އެހެންވެއެވެ. ދާއިން ދައްކާ ވާހަކަ އަޑު އަހަން އިޒިއަން ބޭނުންވީއެވެ. ކާރަށް އަރާ އޭނާ ދުއްވާލީ ދާއިން ބުނި ކެފޭއަށް ދިޔުމަށެވެ. އޭރު އޭގެ ހަ އަހަރު ކުރީގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. އޭނާ އާއި ދާއިން އާއި ދެމީހުން ޕޮލިސް ސައިރެންގެ އަޑަށް ފިލީ އެ ގްރޫޕް އެހެން ހުރިހާ އެންމެން އެތަނަށް ދޫކޮށްލާފައެވެ. އަދި އެކަމުގެ ސަބަބުން އެ އެންމެން ހައްޔަރު ކުރެވިގެން ދިޔައެވެ. ޖަލުގެ ހުކުމެއް އެމީހުންގެ މައްޗަށް އައެވެ. ހިތް ނުތަނަވަސް ވެފައިވި އިޒިއަންއަށް ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހާކާލެވުނެވެ. އިސްތަށިގަނޑުގައި އަތް ހިންގާލާ ފުންނޭވާ އެއް ދޫކޮށްލިއެވެ. އެހެންނަމަވެސް ހަށިގަނޑުގެ އެތެރޭގައި އުފެދުނު އުދާސްތަކަށް ލުޔެއްލިބުނުހެން ހިއެއްނުވެއެވެ.

އޭނާއަށް ކާރުގެ ހުންގާނުގައި ހިފާ ބާރުކޮށްލެވުނެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެނީއޭ އޭނާގެ ހިތައް އަރަނީއެވެ.

ހުރިހާކަމެއް ވެސް ރަނގަޅުވާނޭކަމަށް އަމިއްލަ ހިތަށް ވިސްނައިދޭން އިޒިއަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑި މިކަމާ އެއްބަސް ވާގޮތެއް ނުވިއެވެ. އެ ސިކުނޑީގައި މީގެ އަހަރުތަކެއް ކުރީގެ ހަނދާންތައް ވަނީ ވަކިހިއްޕާލާފައެވެ. އަދި އެ ވާގަނޑުތަކުން އޭނާވަނީ ބަނދެވި ހައްޔަރު ކޮށްލާފައެވެ.

ދާއިން ބުނި ކެފޭ އަށް އާދެވުމުން އިޒިއަން ކާރުން ފައިބައިގެން ގޮސް އެތަނުގެ އެތެރެއަށް ވަނެވެ. އޭރު މާހައުލުގައި މަޑުމަޑު މިއުޒިކެއްގެ އަޑު ވަނީ ހިފާފައެވެ. ހިތްތަކަށް ހިންހަމަ ޖެހުން ގެނުވާނެފަދަ މާހައުލެކެވެ. އެހެންނަމަވެސް އިޒިއަންގެ ހިތަށް އެއްވެސް ވަރެއްގެ ތަސައްލީއެއް ލިބުނުހެނެ ހިއެއްނުވެއެވެ. ދާއިން ބުނަން އުޅޭ އެއްޗަކާ މެދު އޭނާއަށް ވިސްނެނީއެވެ.

ވަށައިގެން ހޯދާލީ ދާއިން ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި އިން ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ހިސާބެއްގެ ހައިރާން ކަމަކާއެކު އިޒިއަން އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް އެ ޒުވާނާ ގާތު ހުއްޓުނެވެ. އަދި ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ބަލާލިއެވެ. އާއެކެވެ. އެއީ ދާއިންއެވެ. ދާއިންއަށް އައިސްފައި ހުރި ބަދަލު ފެނިފައި އިޒިއަން ހައިރާންވިއެވެ. އިޒިއަން ބަލަން ހުރި ގޮތް ފެނިފައި ދާއިން ހީލިއެވެ. އިޒިއަން ވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ. އެކުވެރިޔާއަށް އައިސްފައި ހުރި ބަދަލު ފެނިފައި އިޒިއަން އުފާވިއެވެ. "އިށީނދޭ" ދާއިންގެ އަޑު ޖެހުމުން އިޒިޔަން ސިއްސައިގެން ދިޔައެވެ. ހަމަހޭވެރިކަން ވީ ދެނެވެ. ބޯ ޖަހާލަމުން އިޒިއަން އިށީނެވެ. ސަލާމަށް އަތް ދިއްކޮށްލަމުން ދާއިން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. ބަދަލުގައި އިޒިއަން ވެސް ސަލާމަށް ޖަވާބު ދީ އެކުވެރިޔާއަށް ވެސް ބާއްޖަވެރިކަމަށް އެދުނެވެ.

އޭނާ ފަރުވާތެރިކަމާއެކު ދާއިންގެ މޫނަށް ބަލާލިއެވެ. ތުނބުޅި ކުޑަކޮށް ދިގު ކޮށްފައިވާއިރު އޭނާގެ އިސްތަށިގަނޑު ވަނީ އެއްވަރަށް ކޮށާލައިފައެވެ. މީހާގެ ހަށިގަނޑު އަނަރޫފަވެފައި ވިނަމަވެސް އެ މޫނުމަތިން އުޖާލާކަން ފެންނަމުން ދިޔައެވެ.

"އިޒް... ކިހިނެތްތަ؟" ވެރިވެގެން ދިޔަ ހަމަހިމޭން ކަން ފޫދުއްވާލީ ދާއިންގެ އަޑުންނެވެ. އިޒިއަންއަށް ބަލާލިއިރުވެސް އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ.

އިޒިއަން އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ދާއިންގެ ހާލު އަހުވާލު އެހިއެވެ. އެހާ ދުވަސް ފަހުން ދެމީހުން ދިމާވިނަމަވެސް އެ ދެމެދުގައި ދެކެވޭނެ އެއްވެސް ވާހަކައެއް ނެތް ފަދައެވެ. އެއަށް ވުރެ ބޮޑަށް އެދެމެދަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ދައްކާނޭ ވާހަކައެއް ނެތީއެއްނޫނެވެ. އެހެންނަމަވެސް ވާހަކަ ފަށާނެ ގޮތް އެކަކަށްވެސް ނޭނގެނީއެވެ. އަނެއްކޮޅުން ދާއިން ހީކުރީ އިޒިއަން އާއި ދިމާވުމުން ބުނަން ބޭނުންވާ ވާހަކަ ދައްކަން ފަސޭހަ ވާނޭކަމަށެވެ. އެހެންނަމަވެސް ކަން މިވަނީ ދިމާ އިދިކޮޅެވެ. ބައްދަލު ވުމުން ނުތަނަވަސްކަން އިތުރު ވީއެވެ. ދައްކަން އުޅޭ ވާހަކައިގެ ބާވަތުން ކަންނޭގެއެވެ.

ދެމީހުން ވެސް ތިބީ ވާހަކަ ފަށަން ބޭނުން ވެފައެވެ. އެހެންނަމަވެސް ދެމީހުންކުރެ އެކެއްގެވެސް ދޫހަރަކާތެއް ނުކުރިއެވެ. ހީވަނީ ބާރުގަދަ ހިލިހިލާ ގަނޑަކުން ދޫ ބަދެލާ ގައިދު ކޮށްފައި ވާހެންނެވެ.

މީހާގެ ނަފްސު ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައި ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ދާއިން ބޯލާ ގޮނޑީގައި ހަމަޖެހިލިއެވެ. އެއަށްފަހު ކަރުކެހިލިއެވެ. އަދި ވާހަކަ ފެށިއެވެ.

"އިޒް.... އެ ކުއްޖާއަށް އެނގޭތަ؟" ދާއިން އިޒިއަންއަށް ފުން ނަޒަރަކުން ބަލާލިއެވެ. އޭނާ އިނީ އިޒިއަންގެ ޖަވާބަކަށް ކެތްތެރިކަން ކޮޅުން ލާފައެވެ. ދާއިންގެ ސުވާލުން އިޒިއަންގެ އިޒިއަން އިތުރަށް ހާސްކުރުވިއެވެ. ތުންފަތުގައި ދޫ ހާކާލާ ތުންފަތް ތެންމާލިއެވެ. ލީ ފުންނޭވާއެކު އޭނާގެ ދެ ކޮނޑު ކުޑަކޮށް އުފުލިގެން ދިޔައެވެ. އިޒިއަންގެ އެ އަމަލުންވެސް އޭނާގެ ހިތް ނުތަނަވަސް ވެފައިވާވަރު ދާއިން ދެނެގަތެވެ.

"ކާކު؟ ކޮން ވާހަކައެއް؟" އިޒިއަންއަށް އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގޭއިރުވެސް އޭނާ މަސައްކަތް ކުރީ އެކަމުން ރެކިގަންނާށެވެ. އެ ފަދަ ވާހަކައެއް ދައްކައިފިނަމަ އެ ދުވަހެއްގެ ހަތަރުދަމުގެ ހަމަޖެހުން ގެއްލެއެވެ. މީހާގެ ނަފްސު ހަރުކަށިވެ އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް ބާރު ނުފޯރުވޭ ފަހަރުވެސް މަދެއްނޫނެވެ.

"އަހަރެން މިހެން ބުނާއިރުވެސް އެނގޭނެ އިޒްއަށް، އަނާލްގެ ވާހަކަކަން މިދައްކަނީ. ކިހިނެތް ތި ދެމެދު އެ ފަދަ ގުޅުމެއް އުފެދުނީ؟" ދާއިން ސީރިއަސް ކަމާއެކު ސުވާލުކޮށްލިއެވެ. އިޒިއަން އިސްޖަހާލިތަން ފެނި އޭނާ ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއެވެ.

"އެންމެ ފުރަތަމަ ޤަބޫލެއް ވެސް ނުކުރެވުނު ޓީވީން ތި ދެމީހުން އެކީ ފެނުނީމަ... އަނާލް ފެނުނީމަ ފުރަތަމަވެސް އަހަރެންނަށް ޔަޤީންވެއްޖެ އެއީ އެ އަންހެން ކުއްޖާކަން... އެރޭ އިޒް... އަހަރެމެން ދެމީހުން ފިލީ އެ އަންހެން ކުއްޖާއަށް ކޮންފަދަ ހާލެއް ޖައްސާފަ. މިހާރު އަހަރެން ވެސް ދެރަވޭ، ވަރަށް ދެރަވޭ، އަމިއްލަ ނަފްސަށް މާފު ދޭވޭ ވަރުގެ ޖަރީމާ އެއްނޫން އަހަރެމެން އެންމެން ހިންގީ،" ދާއިންގެ އަޑު ކުރެހިގެން ދިޔައެވެ.

"ދާއިން، ކޮން ވާހަކައެއް ތި ދައްކަނީ، އަހަރެން...."

"އިޒިއަންގެ މޫނުމައްޗަށް އަރާފަ ތިހުރި ކުލަވަރުން ވެސް އަހަރެންނަށް އެނގިއްޖެ އަހަރެން މި ދައްކާ ވާހަކަ އެނގިއްޖެކަން.... ނޭނގޭ ކަމަށް ހެދެން އުޅުނަސް ހަޤީގަތެއް ބަދަލެއް ނުކުރެވޭނެ އިޒިއަން. މިހާރު އެކަމާ ލަދުވެތިވެ، ދެރަވެ ހިތާމަ ކުރިޔަސް ވީ ކަމެއް ބަދަލެއް ނުކުރެވޭނެ. ކިހާ ދުވަހަކުތަ އަހަރެމެންނަށް އެކަމުން ފިލައިގެން އުޅެވޭނީ، މީހުން ބުނޭ ކިތަންމެ ސިއްރުން ކުރާ ބައެއް ކަންތައް ވެސް ކޮންމެވެސް ދުވަހަކުން އެނގޭނޭ، ތަޤުދީރުގައި ލިޔެވިފައި ވަނީ ކީކޭކަމެއް އެކަކަށް ވެސް ނޭނގޭނެ. އެކަމަކު ކޮންމެވެސް ދުވަހަކުން ހަގީގަތް ނޭނގޭނެޔެކޭވެސް ނުބުނާނަން، އިޒިއަންއަށް އެނގޭނެ އަނާލްއަކީ ކާކުކަން، އެކަމަކު އަނާލްއަށް އިޒިއަން އަކީ ކާކުކަން އެނގިއްޖެނަމަ އޭނަ އިޒިއަންއާ އެކު އުޅޭނެތަ؟ އެހެންވެ މި އަހަނީ އަނާލްއަށް އެނގޭހޭ އެއީ އިޒް ކަން؟" ދާއިން އިޒިއަން އާ ސުވާލުކޮށްލަމުން ބުމަ އަރުވާލިއެވެ.

ދާއިންގެ ވާހަކަތަކުން އިޒިއަންގެ ސިކުނޑިއަށް ބާރުވެގެން ދިޔައެވެ. ހަށިގަނޑުގެ ނާރުތަކަށް ވާންވާހެން ހީވިއެވެ. އިރުކޮޅަކު އެ ވާހަކަތަކާ މެދު ވިސްނަން އިނދެފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"ނޭނގޭނެ، އެއްވެސް އެއްޗެއް ނޭނގޭނެ، އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް، އެ އަންހެން ކުއްޖާއާ މެދު އަހަރެންގެ ހިތުގައި ވާ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވުމުގައި އަހަރެންނަކަށް ކުރިއެއް ނުލިބޭ، އެއަށް ވުރެ މާ ބާރުގަދަ އިޙްސާސްއެއް އެއީ، ކީކޭ އަހަރެން ބުނާނީ، އަނާލް އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓޭކަން އެނގޭ ކޮންމެ ފަހަރަކު އަހަރެންނަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވޭ، ހަގީގަތް އެނގޭ ދުވަހަކުން ނާލްގެ ނަފްރަތާ ކުރިމަތިލާނީ ކިހިނެތްކަމެއް އަހަރެންނަކަށް ނޭނގޭ، އެނގޭހާވެސް އެއްޗަކީ އެ ދުވަހަކުން އަހަރެން ދިރިހުރުމުގެ އުންމީދު ގެއްލޭނެކަން... އަހަރެންގެ ސަބަބުން އެ ނިކަމެތި އަންހެން ކުއްޖާއަށް ލިބުނު ވޭނާ ހިތްދަތިކަމުގެ ބަދަލު ދޭން ބޭނުންވީ މިހިތުގައި އުފެދުނު ލޯތްބެއްގެ ބޮޑުކަމުން. ނާލްއާއި މެދު އޭރު އުފެދެން ފެށި ޖަޒުބާތުތައް ކޮންޓްރޯލް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިން، އަމިއްލަ ހިތަށް ވިސްނައިދޭން ރެއާއި ދުވާލު ނުނިދާ ވިސްނުމުގައި ހޭދަކުރިން، އެކަމަކު.....އެކަމަކު އެންމެ ފަހުން އަހަރެން އަނާލްއާ ދޭތެރޭ ވީ ހަމްދަރުދީ ވެސް ލޯތްބަށް ބަދަލްވީ... އަހަރެން އަޒުމް ކަނޑައެޅިން އަނާލްއަށް ނުލިބުނު ހުރިހާ އުފަލެއް ހޯދައިދޭން... އަހަރެމެން އެކަން ކުރިއިރު އެ އަންހެން ކުއްޖާ ދިޔައީ ކައިވެންޏަށް ތައްޔާރުވަމުން، އެކަމަކު އެ ހާދިސާ ހިނގުމާ އަނާލް ނުކުޅެދޭ ކުއްޖަކަށް ވުމުގެ ސަބަބުން އެ ފިރިހެން ކުއްޖާ ނާލް ދޫކޮށްލާފަ ދިޔައީ... ވީ ހުރިހާ ކަމަކާ ހުރެ ނާލްއަށް ނަފްސާނީ ގޮތުން ވަރަށް ބައިވަރު އަސަރުތަކެއް ކުރި... އެކަމުގައި އޭނަ އެތައް ދުވަހެއް ހޮސްޕިޓަލް އެނދެއްގައި ހޭދަ ކުރަން ޖެހުނު" އިޒިއަން އަނާލްގެ ހުރިހާ ވާހަކައެއްއަކުރުން އަކުރަށް ކިޔައިދިނެވެ. އޭގެ އިތުރުން އޭނާ އާއި އަނާލް އާއި ދިމާވި ގޮތާ ދެން ފަހުން ކަންތައް ވެގެންދިޔަ ގޮތްވެސްމެއެވެ.

"އިޒް... ތި ކުރެވެނީ އެންމެ ރަނގަޅުކަމެއްތަ؟ ހަޤީގަތް އަނާލްއަށް އެނގޭ ދުވަހުން ކިހިނެތްވާނީ؟" ދާއިން ހާސްވިއެވެ. އިޒިއަންއަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަށް އެނގުނު ހާވެސް އެއްޗަކީ އަނާލްއާއި ނުލާ އޭނާ ގެ ދިރިއުޅުން ފުރިހަމަ ނުވާނޭ ކަމެވެ.

ދާއިން އެ ބުނީވެސް ތެދެކެވެ. ހަޤީގަތް އެނގޭ ދުވަހު އަނާލް އޭނާ ދޫކޮށްލާނެއެވެ. އެދުވަހަކުން އޭނާ ބޭޒާރުވާނެއެވެ. އާއިލާ އެންމެންނަށް އޭނާ ހެދި ދޮގުތަށް ފަޅާއަރާނެއެވެ. މިނިވަންކަން ގެއްލި ޖަލު ގޮޅިއެއްގައި ހައްޔަރުވެގެން ދާނެއެވެ. މުޅި އުމުރަށް އަނާލް ގެއްލިގެން ދާނެއެވެ. އެތައް ބައެއްގެ ރުޅިވެރިކަމާއި ނަފްރަތާއި އޭނާ ކުރިމަތިލާން ޖެހޭނެއެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭނެއެވެ.

ދާއިންގެ ވާހަކަތަކަށް ވިސްނަން އިނދެފައި އޭނާ މޭޒު ދޫކޮށް ހިނގައިގަތީ ދާއިން ގޮވަގޮވާ ހުއްޓައެވެ. އިތުރަށް އެތަނުގައި މަޑުކުރަން ވެއްޖެނަމަ އޭނާ މޮޔަ ވެދާނެއެވެ. މިހާރުވެސް ހީވަނީ ބަރު އެއްޗަކުން އޭނާގެ ބޮލުގައި ތަޅާހެންނެވެ. ނުކުމެގެން އެ ދިޔަ ބާރުމިނުގައި ގޮސް ކާރަށް އަރާ ބާރަށް ދޮރުފަތް ޖެހީ ނަފްސު ކޮންޓްރޯލް ކޮށްލުމުގެނިޔަތުގައެވެ. ނަމަވެސް ވެފައި ހުރި ދެރައާއި އަމިއްލަ ނަފްސު ދެކެ އައިސްފައި ހުރި ރުޅި އެކުވެގެން އޭނާގެ ނަފްސަށް ވެރިވެފައި ހުރި އުނދަގުލާ ހެދި ކާރުވެސް ދުއްވުނީ މީން ދުވަހަކު ނުދުއްވާހާ ބާރަށެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު މަގުމަތީގައި ބާޒާރުކުރަން ނުކުމެ އުޅޭ މީހުން ގިނައެވެ. ބުރަކި ޖައްސާލެވެނީ ކުއްލިއަކަށެވެ. އެހެންކަމުން އޭނާގެ ފަހަތުން އަންނަ ކާރުތަކުގައި ތިބޭ މީހުންނާއި ކުރިމަތިން ހުރަސްކުރާ މީހުންގެ ނުރުހުމުގެ ބަސްތަށް ވެސް އިޒިއަންއަށް އަމާޒުވެއެވެ.

ހުންގާނުގައި ޖަހާލަމުން އޭނާ އަނެއްކާވެސް ކާރު ދުއްވާލިއެވެ. ގޯތިތެރެއަށް ވަދެ ގަރާޖަށް ކާރު ވައްދާލިއެވެ. އަވަސްފިޔަވަޅުގައި ސީޑީގެ ހަރުފަތްތައް ގިރާކޮށް މައްޗަށް އެރިއެވެ. އޭނާ ހަމަޖެހުނީ ޓެރަހަށް އެރުމުންނެވެ. ޓެރެސްގެ ރެއިލިންގެ ކައިރިއަށް ޖެހިލުމަށް ފަހު އަތުގައި ހުރި ބާރު ލާފައި ރެއިލިންގައި ޖެހާލިއެވެ. އަތަށް ތަދުވިނަމަވެސް އެކަމަށް އޭނާ އަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ އޭނާގެ ހަށިގަނޑުގައި ކުރަމުންދިޔަ ހަނގުރާމަ މާ ބޮޑެވެ. އޭނާ ތިރިއަށް ފޭބީ ރުޅިގަނޑު ހަމައަކަށް އެޅުމުންނެވެ. ކޮޓަރިއަށް ވަތްއިރު އަނާލްއިނީ އެނދުގެ ބޯލާކޮޅުގައި ބުރަކަށި ޖައްސާލައިގެންނެވެ. އޭރު ކޮޓަރީގައި ފޯނުން ހުރީ ޤުރުޢާން ޖަހާފައެވެ. ކޮންމެ އާޔަތަކަށް ފަހު އެ އާޔަތެއްގެ މާނައާއި ތަފްސީރު ހިމެނޭ ގޮތަށް ޖަހާފައި ހުރުމުން އިޒިއަން ވެސް ޝައުގުވެރިވިއެވެ. އޭނާ ވެސް ހިނިތުންވެލާ އައިސް އަނާލް ގެ އަނެއްފަރާތުގައި އޮށޯއްވެލިއެވެ.

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް ޖިދާވެސް ވިހައިފިއެވެ. އެކަމުގެ އުފަލުގައި އާއިލާގެ ހުރިހާ އެންމެނަށް އައްމާރު އެގޭގައި ކެއުމެއް ބޭއްވިއެވެ. ދާއިންއަށް މަންމަމެންނާއެކު ނުކުތް އިރު އޭނާއަށް މިދެވެނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ދާރިޔާ މެން ގެއަށް ދެވޭކަމެވެ. އޭނާއަށް އަދިވެސް ދާރިޔާ އިނދެގެންއުޅެނީ ކޮން އާއިލާއެއްގެ ކާކާކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝާހީން އަކީ ދި ގްރޭންޑް ހޮސްޕިޓަލް ގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމެވެ.

ކާރު ގޮސް ހުއްޓަލިއިރުވެސް ދާއިން އިނީ ފޯނަށް ގެއްލިފައެވެ. ސިހުނީ ނަސީމް އޭނާއަށް ގޮވާލުމުންނެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން ދާއިން ފޭބިއެވެ. އޭނާއަށް ސިހުމެއް ލިބުނީ އޭނާއަށް އާދެވިފައި ހުރިގެ ފެނިފައެވެ. "ވައިޓް ރޯޒް ވިއު" އަށް އޭނާ ވަށައިގެން ބަލާލިއެވެ. އެއާއެކު ހިސާބެއްގެ ބިރުވެރިކަމެއް އޭނާގެ ހިތަށް ވެރިވެގެން ދިޔައެވެ.

"ކީކުރަން މިގެއަށް؟" ދާއިންއަށް ބުނެވުނެވެ. އެ ގެއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އައްމާރުގެ ގެއެވެ. އޭނާއަށް އެނގިފައި ވާގޮތުން އަނާލް އަކީ އައްމާރުގެ އަންހެން ދަރިފުޅެވެ. އެހެންވެއްޖެ ކަމުގައި ވަނީނަމަ އޭނާ އަށް އާދެވިފައި އެވަނީ އަނާލް މެން ގެއަށެވެ. އަނެއްކާ އޭނާގެ ދޮންތަ ވެސް އުޅެނީ މިގޭގައި ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ތަޤުދީރު އޭނާ އާ މި ކުރަނީ ކޮން ކަހަލަ ސަމާސާ އެއްހެއްޔެވެ؟

"މިއޭ ދޮންތަ އުޅޭ ގެއަކީ، ޝާހީން އަކީ އައްމާރުގެ ދަރިއެކޭ... ނޭނގޭ ދޯ އޭނަ އެހާ މަޝްހޫރު ނޫން ވީމަ." ނަސީމް ހީލަމުން ދާއިންގެ ހިތުގައިވި ސުވާލަށް ޖަވާބުދިނެވެ. އެއާއެކު ދާއިން ގެ ދެލޯ ބޮޑުވިއެވެ. އާއެކެވެ. ނޫސްތަކުން ވެސް އޭނާއަށް ޝާހީންގެ ފޮޓޯއެއްނުފެނެއެވެ. ޝަހީން އުޅޭ ދާއިރާގެ ގޮތުން އާއިލީ ވިޔަފާރިއާ ދުރުގައި އުޅޭތީ ކަމަށް ވެސް ވެދާނެއެވެ.

ދާއިން އެތަނުން ދާން ބަހަނާ ދެއްކިއެވެ. ނަމަވެސް ބައްޕަ ނަސީމް ހަރުކަށިކަމާއެކު ބުނުމުން އޭނާއަށް ދާކަށް ނުކެރުނެވެ. އެއީ ކުރީގެ ދާއިން ނަމަ އެއްޗެހި ކިޔާގަނެފައިވެސް ދިޔައީހެވެ. އެހެންނަމަވެސް މިހާރު އެއީ މުޅިން އެހެން ދާއިންއެކެވެ. ގޭތެރެއަށް ވަން އިރު އާއިލާތަކުގެ ހުރިހާ އެންމެން އުޅެއެވެ. އެކަކު އަނެކަކާ ސަލާމް ގަލާންކޮށް ގުޅުން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތަކެވެ. ދާއިންގެ ލޮލުގައި ފުރަގަސް ދީގެން އިން އަނާލް އަޅައިގަތެވެ. އަނާލް އެނބުރުމުގެ ކުރީގައި އޭނާއަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އޭރު އޭނާގެ ހިތް ދިޔައި އާދަޔާ ހިލާފް ބާރަށް ތެޅެމުންނެވެ. އަދި އަނާލް އަށް ފޭންނާކަށް އޭނާ ތައްޔާރެއްނޫނެވެ. އެހެންނޫނަސް އަނާލް އަށް އޭނާއަކީ ކާކުކަން ރަނގަޅަށް އެނގޭނެއެވެ. އެހެންވެއްޖެނަމަ އެންމެންގެ ކުރިމަތީގައި އޭނާ ބަދުނާމުވެގެން ދާނެއެވެ.

އެކަކު އަނެކަކާ ސަކާރާތް ޖެހުމުގައި ވަގުތު ހޭދަ ކުރިއިރު ދާއިން ބެލީ ލިބިފައި ހުރި ނުތަނަވަސް ކަމާއެކު އަނާލްއަށް ފިލައިގެން އުޅެވޭތޯއެވެ. އަނާލް އަށް ވާނުވާ ބަލަމުން އޭނާ ދިޔައިރު އަބަދު ހުރެވެނީ ކޮންމެވެސް ކަމަކާ ހިތްނުތަނަވަސް ވެފައެވެ.

"ނާލް! އެއީ އަހަރެންގެ ކޮއްކޮ...އަދި ނުފެނޭ ދޯ" ދާރިޔާ އަނާލްގެ ގާތުގައި ހުރެފައި ފުރަގަސްދީގެން ހުރި ދާއިން އޭނާއަށް ދައްކާލިއެވެ. އަނާލް ހިނިތުންވެލިއެވެ. އަނާލްއަށް އޭނާގެ ކޮއްކޮ ދާއިން ތައާރަފް ކޮށްދޭން ވެގެން ގޮސް ގޮސް ހުއްޓާ މަޒާޔާ ދާރިޔާއަށް ގޮވާލިއެވެ. އެއާއެކު ދާރިޔާ އެބަ އަންނަމޭ ބުނެ މަޒާޔާ ގާތަށް މިސްރާބުޖެހިއެވެ. އެބުނާ ދާރިޔާގެ ކޮއްކޮއެއް ގާތު އިޒިއަން ވެސް މަޑުކޮށްލައިގެން ހުރި ތަން އަނާލް އަށް ފެނުނެވެ. އޭނާ ނުހަނު ގާތަށް އައިސް ހުއްޓުނުފަހުން އިޒިއަން އަށް ނާލް އޭ ބުނެވުނެވެ.

ލިބުނު ސިހުމާއެކު ދާއިންއަށް ވެސް ފަހަތަށް އެނބުރެވުނެވެ. ދާއިން ފެނި އަނާލްއަށް ހިނދުކޮޅަކު މަޑުކޮށްލެވުނީ އޭނާއަށް އެމޫނުން ދަންނަ ވައްތަރެއް ޖަހާތީއެވެ. ސިކުނޑިއަށް ބާރުލާން ފެށުމާއެކު އަނާލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލާ ނަފްސަށް ހަރުކަށިކަން ވެރިވެގެން ދިޔުމާއެކު އޭނާއަށް ގޮނޑި ކުޑަކޮށް ފަހަތަށް ދުއްލާލެވުނެވެ. އެރު އޭނާގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. ހިން ދިރުވާލަންވެސް ނޭނގިފައި އިން ފަދައެވެ. ދާއިން އަކީ އެރޭ އޭނާއަށް އެންމެ ފުރަތަމަ އެ އަނިޔާ ދިން ފަރާތަށް ވުމުން އޭނާ ދާއިންގެ ސިފަ ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. ތުނބުޅި ހުރުމާއިއެކު ސިފައަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސް ފައި ހުރިނަމަވެސް ދުވަހަކުވެސް އެ ސޫރަ އޭނާއަކަށް ނޯޅޭނެއެވެ. އެ ސޫރަ ފާހަގަކުރުމުގައި އޭނާގެ ދެލޯ އޭނާއަށް ކެއްސެއް ނުދޭނެއެވެ.

"ނޫން" ދެފަރާތައް ބޯ ހޫރާލަމުން އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. ނިއުޅެމުން ދާ ފިލްމެއްފަދައިން އެރޭގެ ހާދިސާ އޭނާއަށް ސިފަވެގެން ދިޔުމާއެކު ދެލޯ މަރާލަމުން ދެންވެސް ނޫނެކޭ ބުނެވުނެވެ. އަތަށް މަޑު ތުރުތުރު އެޅުމެއް ވެރިވެގެން ދިޔައެވެ. ވަށައިގެންވީ މާހައުލަށް ސަމާލުކަން ނުދެވި މުޅިތަން އޭނާގެ ވަށައިގެން އެނބުރެމުން ދާކަހަލަ އިޙްސާސް އެއްކުރެވިގެން ދިޔައެވެ. ބިރުވެރިކަމުގެ ސާލެއް އޭނާގެ ނަފްސުގެ ވަށައިގެން އޮޅާލެވިފައިވާ ފަދަ އިޙްސާސްއެއް އަނާލް އަށް ކުރެވިގެން ދިޔައެވެ.

"ނާލް" އިޒިއަން ހާސްކަމާއެކު އަނާލްއަށް ގޮވާލަމުން އެދިމާލަށް ޖެހިލިއެވެ. ދާއިން ހުރީ ހަރަކާތެއް ކުރަންވެސް ނޭނގިފައެވެ. އަނާލްގެ ހަރަކާތްތައް ހުރި ގޮތުން އަނާލް އޭނާ މަތިން ރަނގަޅަށް ހަނދާން ހުރީކަން ދާއިން އަށް ދެނެގަނެވުނެވެ. ހާސްކަމާއެކު ހިކިފައިވާ ދެ ތުންފަތުގައި ދޫ ހާކާލެވުނީ ވެފައި ހުރި ނުތަނަވަސް ކަމެއްގެ ބޮޑުކަމުންނެވެ. ލިބުނު ޝޮކުގައި އޭޏާ ހުރީ ފިޔަވަޅެއްވެސް އަޅަން ނޭނގިފައެވެ. އިޒިއަން އައިސް އަނާލްގެ ގާތަށް ހުއްޓުމާއެކު ބިރުން މީހާ ސިހިސިހިވީ ހާލުގައި އޭނާއަށް އިޒިއަން ގެ ފައިގައި ބައްދައިގަނެވުނެވެ.

"އިޒް... އަހަރެން ސަލާމަތް ކުރޭ އަހަރެން... އޭނަ އަހަރެން" އަނާލްއަށް ތުރުތުރު އަޅަމުން ވާހަކަދެކެވުނެވެ. އޭނާ ހިފައްޓާފާއިވާ ލެއް ބާރުކަން އިޒިއަން ވެސް ތަދު އިޙްސާސް ކުރެވެމުން ދިޔައެވެ.

"ނާލް ހަމަޖެހިބަލަ. ކިހިނެތްތަވީ؟" ވެގެން އުޅެނީ ކީކަން އެނގުނު ނަމަވެސް އިޒިއަންއަށް ދާއިންއަށް ބަލާލުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. ވީ ގޮތް އޭނާ އަށް ވެސް ނަގައިގަނެވުނެވެ. އަނާލް ދާއިން މަތިން ހަނދާންހުރީއެވެ. އަނާލް ގެ ބޮލުގައި ފިރުމާލަމުން ހަމަޖެހޭށޭ ބުނެލި އިރުވެސް އިޒިއަން އަށް ބެލެނީ ދާއިން އާ ދިމާލަށެވެ. އިޒިއަން އުނދަގުލުން އަނާލް އޭނާގެ ގަޔާ ކުޑަކޮށް ދުރުކޮށްލަން އުޅުނެވެ. އެހެންނަމަވެސް އަނާލް ރޮއިގަތް ގޮތުންނާއި އެ ހަށިގަނޑުގައިވާ މަޑު ތުރުތުރުގެ ސަބަބުން އޭނާއަށް އެކަން ކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ އެ ހުރި ގޮތަށް ހުރެއެވެ.

އޭނާ... އަހަރެން... އިޒް" އަނާލްއަށް މަޑުމަޑުން ބުނެވުނެވެ. ނޭވާ ފުންވެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އޭރު އެމީހުންނަށް އެތަނުގެ ހުރިހާ އެންމެންގެ ލޯތަށް އަމާޒުވެފައި ވެއެވެ. އަނާލްއަށް އެތަށް ދުވަހަކަށްފަހު އެ ގޮތަށް ދިމާވުމުން ކޮންމެ މީހަކުވެސް ވަނީ ހާސްވެ ކަންބޮޑުވެފައެވެ. އެންމެން އެ ދިމާލަށް ބޮނޑިވާން ފެށުމާއެކު އަނާލްގެ ހާސްކަން ބޮޑުވެގެން ދިޔައެވެ. އޭރުވެސް މީހުންގަނޑުގެ ދޭތެރެއިން އަނާލް ގެ ނަޒަރު ހުއްޓިފައި ހުރީ ދާއިން އަށެވެ. އިޒިއަން ގެ ނަޒަރުވެސް އެ ދިމާލަށް އިރު އިރުކޮޅަކާ ހުއްޓެވެ.

ދާއިން އަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. އެންމެން އަނާލްއަށް ސަމާލްކަން ދިން ވަގުތު އޭނާ ފަސްދީ އެނބުރުނެވެ. އަދި އެކަކަށް ވެސް ނޭނގި ގޮސް ދޮރުން ނުކުމެއްޖެއެވެ. އިޒިއަން މި މަންޒަރު ބަލަން އިނދެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެންމެން ބޮނޑި ނުވޭ، ނާލް މާ ބޮޑަށް ހާސްވެދާނެ" ޝާހީން އެތެރެއަށް ވަންނަމުން މީހުންގަނޑު ކުޑަކޮށް ދުރަށް ޖައްސާލިއެވެ. އަކްނިޒާ އާއި ފަހީމް ވެސް ތިބީ ހާސްވެފައެވެ. އަކްނިޒާއާއި މަޒާޔާ ގެ އިތުރުން އިޒިއަން އާއި ޝާހީންއަށް ތަންދެމުން އެންމެން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އައްމާރުއާއި ފަހީމްގެ އިތުރުން ނަސީމް ވެސް ކުޑަކޮށް ދުރަށްޖެހިލިއެވެ. އާމިރާ އާއި ޖިދާމެންވެސް ހާސްކަމުގައި ތިއްބެވެ. ދާރިޔާ ވެސް ޝާހީން ގާތަށް ޖެހިލިއެވެ.

އަނާލްއަށް އޭނާގެ ވަށައިގެންވީ މާހައުލަށް ބަލާލެވުނީ ސިހިފައެވެ. ބަލާލި ކޮންމެ ދިމާލަކުން އޭނާއަށް ފެންނަނީ އެ އިމާރާތެވެ. އެހެންކަމުން ބާރަށް ހަޅޭއްލަވައިގަތުމާއެކު އޭނާ ދެ ކަންފަތުގައި އަތް އަޅާލިއެވެ. އިވެމުން ދިޔައީ އެނުލަފާ މީހުންގެ އަޑުތަކެވެ. އެ ހުނުމެވެ. މަލާމާތެވެ. މަޑު މަޑުން ލޯ މައްޗަށް އަނދިރިވެގެން ދިޔުމާއެކު އަނާލްގެ ގައިން އެއްކޮށް ވަރުދޫވެއްޖެއެވެ.

"ނާލް" އިޒިއަންއަށް ބާރުބާރަށް އަނާލްއަށް ގޮވާލެވުނުއިރު ކަރުނަތަށް ކޯތާފަތްމަތިން ތިރިއަށް ފައިބައިގެން ގޮސްފިއެވެ.

*****

އަނާލްއަށް ދެން ހޭލެވުނީ ހޮސްޕިޓަލްގައި އޮއްވައެވެ. ސިހިފައި ވަށައިގެން ހޯދާލެވުމާއެކު ދެތިން ފުންނޭވާ އަނާލް ލިއެވެ.

(ނުނިމޭ...)

https://sun.mv/116622

comment ކޮމެންޓް