ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުރިހާ ނޫސްވެރިންނާ ވެސް އިންޓަވިއު ކުރަން ނިންމައިފި

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޫސްވެރިކަމުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު މި އަހަރު ދޭނީ އިނާމަށް ހުށަހަޅާ ނޫސްވެރިންނާ އިންޓަވިއު ކޮށްފައިކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެެކައުންސިލުގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ މި އަހަރުގެ އިނާމަށް މައިގަނޑު ތިން ބަދަލެއް ގެނެސްފައިވާނެ ކަމަށާއި މި ފަހަރުގެ އެވޯޑަށް ކުރިމަތިލާ ނޫސްވެރިންނަށް ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއުވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އިނާމަށް ހުށަހަޅާ ހުރިހާ ނޫސްވެރިންނާ ވެސް އިންޓަވިއު ކުރާގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައި. އަދި އިނާމަށް ހުށަހަޅާއިރު ނޫސްވެރިޔާގެ ސީވީ ވެސް ހުށަހަޅަންޖެހޭނެ،" އާޒިފް ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންނާ ކުރާ އިންޓަވިއުއަށް ވެސް މާކްސް ދިނުމުގައި ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ނޫސްވެރިން އަމަލީގޮތުން ކޮށްފައިވާ މަސައްކަތަށް ވެސް މާކްދޭން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފީޗާ އަދި ފޮޓޯގޮރަފީ ދާއިރާ ފިޔަވައި އެހެން ހުރިހާ ކެޓެގަރީ ތަކުން ފަސް އުފެއްދުން ހުށައަޅަންޖެހޭކަމަށާއި ފީޗާއަށް ނަން ހުށައަޅާ ފަރާތްތަކަށް އެހެން ދާއިރާތަކަށް ވެސް ވާދަކުރެވޭނެ ކަމަށެވެ. ފީޗާ އަށް ހުށައަޅަން ޖެހޭނީ ތިން އުފެއްދުމެކެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ފީޗަރ ދާއިރާއިން ހުށަހަޅާ ކޮންމެ އުފެއްދުމެއް، އެ އުފެއްދުމެއް އުފައްދަން ކުރި މަސައްކަތް ބަޔާންކޮށް އެ ނޫސްވެރިޔާ ސޮއިކޮށްފައިވާ ލިޔުމެއް ހުށައަޅަންޖެހޭނެ. ފޮޓޯގްރަފީއަށް ހުށައަޅަން ޖެހޭނީ ޝާއިއު ކޮއްފައިވާ ކެޕްޝަނާއެކު 10 ފޮޓޯ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އާޒިފް ވިދާޅުވި ހުށައަޅާ ކޮންމެ އުފެއްދުމެއްވެސް އުފެއްދި ތާރީހު ބަޔާންކޮށް އެ ނޫސްވެރިޔާ މަސައްކަތް ކުރާ އިދާރާގެ އެޑިޓޯރިއަލްގެ ވެރިއަކު ސޮއިކޮށްފައިވާ ލިޔުމެއް ހުށައަޅަންޖެހޭނެއެވެ.

މި އަހަރު ދޭ ނޫސްވެރިކަމުގެ އިނާމު ހަފްލާގެ އެޑްވައިޒަރީ ބޯޑެއް ވެސް މީޑިއާ ކައުންސިލުން އިއްޔެ ވަނީ އެކުލަވާލާފައެވެ. އެ ބޯޑުގައި ހިމެނޭ މެމްބަރުންނަކީ ޑރ ސަނީ އުމަރު، މިންހާ ފާއިޒް ރަޝީދު، މުހައްމަދު އާސިފް، އިސްމާއިލް ނަސީރު އަދި މުންޑޫ އާދަމް ހަލީމެވެ.

އެ ބޯޑަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަކީ އެވޯޑު ހަފްލާ ވީހާވެސް ފުރިހަމަކޮށް ބޭއްވުމަށް އިނާމު ކޮމިޓީއަށް ލަފާދިނުމާއި އިނާމު ދިނުމުގެ ހަފްލާއަށް ސްޕޮންސަރ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31ގެ ނިޔަލަށެވެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޯގަސްޓްގެ 29 ވަނަ ދުވަހުގެ ރެއެވެ.

comment ކޮމެންޓް