އިސްތިއުފާ ނުދެއްވުމުން ގެއްލެނީ ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު!

އޭސީސީގެ ނަންބޯޑު -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ކޯޓެއްގައި މަސައްކަތްކުރެއްވި ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯ އާންމުވި ވާހަކައަކީ އެންމެން ދަންނާނެ ވާހަކައެކެވެ. ލީކުވި އެ ވީޑިއޯއާ އެކު އެ ބޭފުޅާއަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާ މޮޑެވުނީ އެވެ. ނަމަވެސް، އެ މައްސަލަ ސާބިތުނުވާތީ އެ ބޭފުޅާ އަމިއްލަފުޅަށް މަގާމު ދުލެއް ނުކުރެއްވި އެވެ. ރައްޔިތުން ނުރުހުމާއި ޝައްކުގެ ލޯތަކުން ބަލަމުން ދިޔަ އިރުވެސް އެ ބޭފުޅާ މަގާމުގައި ހުންނަވައިގެން ހުކުމްތައް ނެރުއްވީ އެވެ. ނަތީޖާއަކަށްވީ ރައްޔިތުން ފަނޑިޔާރުގެއަށް ކުރި އިތުބާރު ބޮޑުތަނުން ގެއްލުމެވެ.

މިއީ އެންމެ މިސާލެކެވެ. ރައްޔިތުން އެ ބަޔަކާ މެދު ޝައްކުކޮށް، އެ ބައެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާ އެތައް ބަޔަކު ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވަ އެވެ. އެމީހުން މަގާމުތަކުގައި ދެމިތިބުމުގެ ސަބަބުން ރައްޔިތުން އެ މުއައްސަސާތަކަށް ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް ގެެއްލި ނެތެމުންދެ އެވެ.

މުއައްސަސާތަކުގެ ވެރިންނަށް ބޮޑެތި ތުހުމަތުތައް!

ފާއިތުވި ފަސްވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި މީގެ ކުރިން ހިނގާފައި ނުވާ ފަދަ ބޮޑެތި ހިޔާނާތްތަކާއި ވައްކަންތައް ވަނީ ފަޅާއަރައިފަ އެވެ. އެ ހިޔާނާތްތަކާއި ވައްކަންތަކާ ގުޅިގެން އެތައް ބައެއްގެ މައްޗަށް މިއަދު ދަނީ ތުހުމަތުތައް ކުރެވެމުންނެވެ. އޭގެ އެންމެ އިސް ސަފުގައި ހިމެނެނީ މިއަދު ދައުލަތުގެ އިސް މަގާމުތައް ފުރުއްވަމުން އަންނަ ބައެއް ބޭބޭފުޅުންނެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ހަތަރު ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކަށް ވަނީ ލިބިފަ އެވެ. އެ ފައިސާ ލިބުނީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށް ވިދާޅުވެ އެ ބޭފުޅުން އަމިއްލަ ނަފްސު ދިފާއުކުރައްވަ އެވެ. އޭގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފައި ވާއިރު، އޭގެ ތެރެއިން ބޭފުޅަކު އަދި އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެއް ނުވެ އެވެ.

އެ ބޭފުޅުންގެ އިތުރުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް ވެސް ތަފާތު އެކި މައްސަލަތަކުގައި ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ވެސް ހިންގެމުންދެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރާ ދިވެހި ދައުލަތުގެ މައި ގުނަވަނުގެ އިސްވެރިއަކަށް ހުންނަން ވާނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މީހެއް ކަމަށް ވާއިރު، މިއަދު އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އަކީ އެމީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ މީހެކެވެ. އޭނާގެ މައްޗަށް ކުރެވިފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.

ލުތުފީގެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު އޭނާ އަދި ވެސް ހުންނެވީ މަގާމުގަ އެވެ. އޭނާ މިވަގުތު ހުންނެވީ ވަޒީފާ އިން ޗުއްޓީ ނަންގަވައިގެންނެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ލުތުފީގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ މައްސަަލައެއް ފެންމަތިވެފައިވާ އިރު އޭނާއާ އެކު އޭސީސީގެ އެންމެހާ މެމްބަރުން މަގާމުން ވަކި ކުރުމަށް ގޮވާލައި ކެމްޕޭނެއް ވެސް ވަނީ ފަށައިފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ އަދި އެ ނޫނަސް ބޭންކުތައް މެދުވެރިކޮށް ހިންގާފައިވާ ބައެއް ކަންކަމުގައި އެމްއެމްއޭގެ ދައުރެއް އޮތް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި ސެންޓްރަލް ބޭންކުގެ އޭރުގެ ލީޑަޝިޕާއި އަދި މިހާރުގެ ލީޑަޝިޕަށް ވެސް ތުހުމަތު ކުރާކަންތައްތަކެއް އެެބަހުއްޓެވެ. އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންްސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

"ގޯހެއް ނަހަދާ ނަމަ އިސްތިއުފާ ދޭކަށް ނުޖެހޭ"

ސިޔާސީ ބައެއް ފަރާތްތަކާއި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ އެފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ ހިނދު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމުގަ އެވެ. ނަމަވެސް، ބައެއް ބޭފުޅުންގެ ހިޔާލު ތަފާތެވެ.

ލޭބާ ޕާޓީގެ ރައީސް އަހުމަދު ޝިހާމް ދެކެވަޑައިގަންނަވަނީ، އެސްއޯއެފްއިން ފައިސާ ޖަމާވި ބައެއް މީހުންގެ ތެރޭގައި ހަގީގަތުގައި ވެސް ޑޮލަރު ގަތުމުގެ ޓްރާންސެކްޝަންތައް ހިންގި މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް، އޭސީސީ އިން އާންމުކުރި ރިޕޯޓުގައި، ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ތެރެއިން ގިނަ ވާނީ ކޮރަޕްޝަންގެ ކަންތައްގަނޑެއްގެ ތެރެއިން ފައިސާ ލިބުނު މީހުން ކަމަށް އޭނާ ގަބޫލުފުޅު ކުރައްވަ އެވެ.

ޝިހާމް ވިދާޅުވީ، އެސްއޯފްއިން ފައިސާ ލިބުނު މީހުން ފަދަ މީހުން، އެމީހަކަށް ގޯހެއް ހެދިފައިވާ ކަމަށް ހަގީގަތުގައި ވެސް ގަބޫލުނުކުރާ ނަމަ، އެ މީހަކު ކޮންމެހެން މަގާމުން އިސްތިއުފާ ދޭން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ޖެނުއިންކޮށް ތިމަންނައަށް ގޯހެއް ހެދިފައި އޮތްކަން ގަބޫލުކުރެވޭ ކަމަށް ވަންޏާ އިސްތިއުފާ ދޭން ޖެހެއޭ. އެކަމަކު އޭނައަށް ހަގީގަތުގައި ވެސް ގޯސްކޮށް ކަމެއް ނުކުރާ ކަމަށް ގަބޫލު ކުރެވެންޏާ ކޮންމެހެން އިސްތިއުފާ ދޭކަށް ނުޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،"

"މުހިންމީ މުއައްސަސާއަށް ކުރާ އިތުބާރު ދެމެހެއްޓުން"

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެޓިކް ނިޒާމެއް ހިނގުމުގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުން މުއައްސަސާތަކަށް ކުރާ އިތުބާރެވެ. އެ އިތުބާރު ދެމެހެއްޓުމަށް ޓަކައި އެ މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ މީހުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އައިމަން ވިދާޅުވީ، މުއައްސަސާއެއްގެ އިސް ވެރިޔަކާ ގުޅޭ ބޮޑެތި ތުހުމަތުތައް އަންނަ ވަގުތުގައި މުއައްސަސާއެއްގެ އިސްވެރިޔާގެ މައުސޫމުކަން ސާބިތުކޮށްދިނުމަށް ވުރެ މުހިންމު ވާންޖެހޭނީ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން ކަމަށެވެ. އަދި އެ މީހަކަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން މުއައްސަސާއަށް މީހުން ކުރާ އިތުބާރު ގެއްލޭ ހާލަތްތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު -- ފޮޓޯ: ރާއްޖެއެމްވީ

"މީހާގެ އިނަސެންސްއަށް [މައުސޫމު ކަމަށް] ވުރެ މުއައްސަސާއަށް އޮންނަ އިތުބާރުމާ މުހިންމު،" އޭނާ ވިދާޅުވި އެވެ.

އެެހެންކަމުން މުއައްސަސާގެ ވެރިޔަކާ މެދު ހަރުދަނާ ތުހުމަތުތަކެއް ކުރެވޭ ހިނދު އަދި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ހިނދު މުއައްސަސާގެ ރަނގަޅަކަށްޓަކައި އެ މީހަކު މަގާމުން ދުރުވުމަކީ ރަނގަޅުގޮތް ކަމުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ހިންގަން ތިބޭ މީހުން ޖިނާއީ މިންގަނޑުން ކުށްވެރިވުމާއި ނުވުމަށް ވުރެ ބޮޑަށް މުއައްސަސާއަށް ލިބިދާނެ ގެއްލުމަކަށް ޓަކައި މުއައްސަސާ ރައްކާތެރިކުރުމަށް ޓަކައި ވެސް ބައެއް ފަހަރު މަގާމުން ދުރުވާން ޖެހޭ،"

އައިމަން ގަބޫލުކުރަައް ވަނީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި އެ ސަގާފަތް ދިރުވާ އާލާ ނުކުރެވިގެން އުޅެނީ ހިންގުމުގެ ނިޒާމުގެ ތެރޭގައި ތިބި ގިނަ މީހުން އެފަދަ އުސޫލުތައް ގަބޫލު ނުކުރާތީ ކަމަށެވެ.

"ރާއްޖޭގައި މި އުޅޭ މައްސަލައަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމު ހިންގުމުގައި މިތިބި މީހުން މުޅިން ގަބޫލެއް ނުކުރޭ މިކަހަލަ އުސޫލުތަކެއް. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭކަމާއި ރައްޔިތުންގެ އިތުބާރު ހިފަހައްޓަން ޖެހޭ ކަމާއި މުއައްސަސާތަކުގެ އިތުބާރު ހިފެހެއްޓުމަކީކަން އެންމެ މުހިންމު ކަމަކީ. މިއީ އެހާ މުހިންމު ކަންތައްތަކެއް ކަމަށް ގަބޫލެއް ނުކުރޭ،"

އިތުބާރު ނެތް ނަމަ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން!

ސަރުކާރުގެ އިސް މަގާމުތަކާއި ދައުލަތުގެ އެހެނިހެން މަގާމުތަކުގައި ތިބެންވާނީ ރައްޔިތުންގެ އިތުބާރު ކުރާ މީހުންނެވެ. އެ މީހަކަށް ރައްޔިތުން ކުރާ އިތުބާރު ނެތް ނަމަ އެމީހަކު މަގާމުން ވަކިކުރަން ޖެހެ އެވެ. ނޫނީ އެމީހަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދޭން ޖެހެ އެވެ. މިއީ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވެސް ގަބޫލު ކުރައްވާ ގޮތެވެ.

ޝުނާނާ ވިދާޅުވީ، އިސް މަގާމުތަކުގައި ތިބި، އެމީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވިފައި ތިބި މީހުން މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްކުރަން އުޅޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި ޝޫނާނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ،ުޒައްޔިން ނާޒިމް

"ރައްޔިތުންނަށް ހިދުމަތް ކުރާ މަގާމެއްގައި ހުންނަ އިރު ރައްޔިތުން އޭނާ ކުރާ ކަންތަކާ މެދު އިތުބާރު ނުކުރަންޏާ އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުން ދެއްތޯ،"

"އިތުބާރު ބޭނުންވާ ކަހަލަ މަގާމުތަކުގައި ތިބި މީހުންނަށް އިތުބާރު ނުކުރެވާ ކަމަށް އާންމުން ގޮވާލަންޏާ ކީއްކުރަން ހުންނަނީ،" ކުރިން އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވި ޝުނާނާ ވިދާޅުވި އެވެ.

އިސް މަގާމުތަކުގައި ތިބޭ މީހުންނާ މެދު ތުހުމަތުތައް ކުރެވޭ އިރު، މަގާމުން އިސްތިއުފާ ދިނުމަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސް ކަމުގައިވެސް ބުނެވިދާނެ އެވެ. އެކަމުގެ މިސާލަކަށް ބަލާލަމާ ހިނގާށެވެ.

ދެހާސް އެގާރަ ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ކުރީގެ ރައީސް ޑޮމިނިކް ސްޓްރައުސް-ކާން، ހޮޓަލެއްގެ ނޯކަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. އެހެން ނަމަވެސް، އެ ނޯކަރު މީހާ ދިން ބަޔާންތަކުގައި ދެކޮޅު ނުޖެހޭ ވާހަކަތަކެއް ހުރުމުން އަހަރުތަކެއް ފަހުން ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ސްޓްރައުސް-ކާންް ވަނީ އޭނާގެ މައްސަލަ ތަހުގީގުކުރަން ފެށިތާ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ މައްސަލައިގައި ސްޓްރައުސް-ކާންގެ ކުށެއް ނެތް ކަން އެނގުނީ މާ ފަހުންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާ މެދު ބޮޑެތި ތުހުމަތުތައް ކުރެވި، އެ މީހުންގެ ނަޒާހަތްތެރިކަމާ މެދު އާންމުން ސުވާލު އުފައްދާ ހިނދު މަގާމުން އިސްތިއުފާ ދިނުމުގެ ސަގާފަތަކީ ރާއްޖެއަށް ގެންނަން ޖެހިފައިވާ ސަގާފަތެކެވެ. އެއީ ރައްޔިތުންގެ ހިތްހަމަޖެހުމަށް ޓަކަ އެވެ. ނަޒާހަތްތެރި ދައުލަތަކަށްޓަކަ އެވެ.

comment ކޮމެންޓް