މޯލްޑިވިއަންގެ ފްލައިޓު ނުޖެއްސި ދިޔަ ވަގުތުކޮޅު ފަސިންޖަރެއްގެ ދުލުން!

މޯލްޑިވިއަންގެ Q2118 ފްލައިޓުން ފަސެންޖަރުން ފޭބުމުގެ ތެރެއިން -- ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

ލޭންޑިންގް ގިއަރަށް މައްސަލައެއް ދިމާވި މޯލްޑިވިއަންގެ Q2118 ފްލައިޓު ނުޖެއްސިގެން އުޅުނު ކަމުގެ ހަބަރު މިއަދު ދިވެހިން އެހީ ހާސްކަމާއި ކަންބޮޑުވުމާ އެކު އެވެ. ފްލައިޓަށް ދިމާވި މައްސަލައާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު އެލާޓަށް ގެނެސްފައި އޮތް އިރު ފްލައިޓު ޖެއްސުނީ ޕައިލެޓުންގެ އަވަސް ވިސްނުމާއި ހުނަރުގެ ސަބަބުނެވެ. އެތައް ބައެއްގެ ފުރާނަ ސަލާމަތްވީ އެވެ.

އެ ވަގުތު ފްލައިޓުގައި އިން އައްޑޫ ފޭދޫއަށް ނިސްބަތްވާ އަންހެނަކު ވަނީ އެ ދަނޑިވަޅުގައި ފްލައިޓު ތެރޭގެ މާހައުލު އޮތް ގޮތާއި، އެވަގުތު އޭނާއަށް ކުރެވުނު އިހުސާސްތައް "ސަން"އާ ހިއްސާކޮށްފަ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް 'ސަން' އާ ވާހަކަދައްކަމުން އޭނާ ބުނީ އެ ފްލައިޓަކީ އެންމެ ފުރަތަމަ ހެނދުނު ހަތެއްޖަހާއިރަށް ޗެކިން އިން ފްލައިޓެއް ކަމަށެވެ. ނަމަވެސް ފުރަން ޝެޑިއުލް ކުރި ދުވަހުގެ އެއްދުވަސް ކުރިން ފްލައިޓު 9:00 އަށް ޑިލޭވި ވާހަކަ މޯލްޑިވިއަންއިން ގުޅާފައި ބުނި ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާއާ އޭނާގެ އާއިލާގެ ހަތް މީހުންގެ އިތުރުން ގިނަ އަދަދެއްގެ ޕަސިންޖަރުންނާއެކު ދަތުރުކުރި އެ ފްލައިޓަށް މައްސަލައެއް ދިމާވެ ރަންވޭގައި ނުޖެއްސިގެން އުޅޭ ކަން ފުރަތަމަ އެނގުނީ މީހަކު ގުޅާފައި ބުނުމުން ކަމަށް އޭނާ ބުންޏެވެ. އެ ފްލައިޓުގައި ބެލެނެވެރިން ނެތި، އެހެން މީހުންނާ ހަވާލުކޮށްފައި ތިބި ކުޑަކުދިންނާއި ގިނަ އަދަދަކަށް ފަތުރުވެރިންވެސް ތިބި ކަމަށް ބުންޏެވެ.

"އޭރު ފްލައިޓު އޮތީ އައްޑޫ ގަމާ ދިމާލު މަތީގައި. ދެން އޭރު ރޭންޖު ލިބޭނެތާ ފޯނަށް ގަމުގައި ވީމަ. ދެން ފްރެންޑެއް ގުޅާފައި ބުނީ ތީގެ ކުރީ ފުރޮޅު ނުނިކުމެއޭ،" އޭނާ ކިޔައިދިނެވެ.

މޯލްޑިވިއަންގެ Q2118 ފްލައިޓުން ފަސެންޖަރުން ފޭބުމުގެ ތެރެއިން -- ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

އޭރު ދެވަނަ ފަހަރަށް ފްލައިޓު ޖައްސަން ގޮސް ނުޖެއްސިގެން މައްޗަށް އެރި ކަމަށް އޭނާ ބުންޏެވެ. އަދި ތިން ވަނަ ފަހަރަށް ޖައްސަން އުޅެ ނުޖެއްސުމުން ފްލައިޓުގެ ކްރޫއިންވެސް މައްސަލައެއް ދިމާވެގެން އުޅޭކަން ހާމަ ކުރިކަން އޭނާ ފާހަގަ ކުރި އެވެ. ފްލައިޓް ޖެއްސީ ފަސްވަނަ ފަހަރަށް ތިރިކުރުމަށް ފަހު އެވެ.

"ތިންވަނަ ފަހަރު ނުޖެއްސުނީމަ ޕައިލެޓު ނުކުމެގެން އައިސް އަޅުގަނޑުމެން ގާތުގައި އެ ވާހަކަ ދެއްކީ،"

އެ ހަބަރު ލިބުމުން ފަސެންޖަރުން ހާސްވެފައި ތިބި ނަމަވެސް، އަޑުލައި ނުރޯ ކަމަށް އޭނާ ބުންޏެވެ. ލޭންޑު ކުރަންދެން މީހުން ތިބީ ނުރޮއި ކަމަށް އޭނާ ބުންޏެވެ. އެހެން އެކަން ކުރީ ފްލައިޓުގައި ކުޑަކުދިން ތިބުމާއެކު އެކުދިންނަށް ހާސްކަން ނުދެއްކުމަށް ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިހެން މިހެން ވެގެންކަން. އެކަމަކު ކުޑަކުދިން ތިބީމަ އަޅުގަނޑުމެން ބޭނުމެއް ނުވީ އެހެން ހަދާކަށް [ރޮއި ހަދާކަށް]. އެ ކުދިން ބިރުގަންނާނެދެއްތޯ އަޅުގަނޑުމެންނަށް ވުރެ ބޮޑަށް. އަޅުގަނޑުމެން ބީޓު ވެގެން ނުވާނެ ދޯ އެކަހަލަ ގަޑިއެއްގައި. އަޅުގަނޑުމެން ވަރަށް ހިތްވަރުގަދަކޮށްގެން ތިބީ. ފުންމަން ވެއްޖެއްޔާ ފުންމަން ވެސް ރެޑީގައި ތިބީ،"

ކެބިން ކުރޫ ހަސްނާ މުހައްމަދަށް ތައުރީފު

މިއަދު މާލެއިން ގަމަށް ދަތުރުކުރި އެ ފްލައިޓްގައި އެޓެންޑެއްގެ ގޮތުން ހަރަކާތްތެރިވި ކެބިން ކުރޫއަކީ ހަސްނާ މުހައްމަދު އެވެ. ހަމަ ޔަގީނުންވެސް ފްލައިޓް ނުޖެއްސި ދިޔަ އެ ދަނޑިވަޅުގައި އޭނާ ހާސްވާނެ އެވެ. އެވަގުތު ފްލައިޓުގެ ހާލަތު ކިޔައިދެމުން އަންހެން މީހާ ބުނީ އޭނާގެ މޫނު މަތިން އެއްވެސް ހާސްކަމެއް ނުދައްކާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

މޯލްޑިވިއަންގެ Q2118 ފްލައިޓުގައި ހުރި ކެބިން ކުރޫ --- ޒޫމްސް ފޮޓޯ ގްރަފީ

"ކެބިން ކްރޫއަށް އިނީ އެންމެ އަންހެން ކުއްޖެއް. އޭނަ ހަމަ ވަރަށް ހެލްޕްފުލް އަޅުގަނޑުމެންނަށް. ހުރިހާ ކަމެއްކޮށްދިން އަޅުގަނޑުމެންނަށް. ކުރަންވާ ކަންތައްތައްވެސް ރަނގަޅަށް ކިޔައިދިން. ކުދިންނަށް ހަދަންވާނެ ގޮތާއި ބޮޑެތި މީހުން ހަދަންވީ ގޮތް ކިޔައިދިން. ދަބަސްތައް މައްޗަށް ލާށޭ، ފައި ލަންބާފައި ބަހައްޓާށޭ، ތިމަންނަ އެމަޖެންސީ ދޮރު ހުޅުވީމަ ފުންމަން ރެޑީ ވާށޭ،"

އޭނާ ބުނީ ފްލައިޓުން ފޭބި ވަގުތު ހަސްނާގެ މޫނުމަތިން ދެރަވެފައިވާ ކަމުގެ އިހުސާސްތަކެއް ފެނުނު ކަމަށެވެ. ނަމަވެސް ފްލައިޓްތެރޭގައި އެ ދަނޑިވަޅުގައި ހާސްކަމުގެ ތެރޭގައި ވީ އެހީތެރި ކަމަށް އެ އަންހެން މީހާ ވަނީ ހަސްނާއަށް ތައުރީފުކޮށްފަ އެވެ.

މޯލްޑިވިއަންގެ Q2118 ފްލައިޓުން ފަސެންޖަރުން ފޭބުމުގެ ތެރެއިން -- ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

ފްލައިޓުގައި ހޭދަކުރި ބިރުވެރި އެއްގަޑިއިރަށްވުރެ ގިނަ އިރު ވަގުތުކޮޅަށްފަހު، ރައްކާތެރިކަމާއެކު ފްލައިޓުން ފޭބި ވަގުތަކީ އެންމެންނަށްވެސް ތަފާތު އިހުސާސްތަކެއް ކުރެވުނު ވަގުތެއް ކަމަށް އެ އަންހެން މީހާ ބުންޏެވެ. "ގިނަ މީހުންނަށް ތިބީ ރޮވިފައި" ކަމަށް އޭނާ ބުންޏެވެ.

"ގިނަ މީހުން ތިބީ ރޮވިފައި. އެއްވެސް ބަޔަކު އަޅުގަނޑުމެން ގާތަކަށް ނާދޭ. ފައިބައިގެން ދިޔައީ ލަގޭޖް ނަގަން. އަނެއްކާ ފޭބި އިރު އެތާ ކުރިމަތީގައި ތިބޭ އެތައް ބަޔަކު ނުކުންނަ ތަނުގައި،"

ފްލައިޓުގައި ތިބި ފަސިންޖަރުން ބޯޓުން ފައިބައިގެން އައިވަގުތު އެ ތާރީހީ މަންޒަރުތައް ފޮޓޯ ނެގި މަހުޒޫމު (ޒޫމްސް ފޮޓޯގްރަފީ) 'ސަން' އަށް ބުނީ ގިނަ މީހުން ތިބީ ވަރަށް ބޮޑަށް ރޮވިފައި ކަމަށެވެ. އަދި އެމީޙުންގެ އާއިލާއާއި ރައްޓެހިންނާ ބައްދަލުވި ވަގުތަކީ ޖަޒުބާތުން ފުރިގެންވާ ވަގުތެއް ކަމަށް މަހުޒޫމު ބުންޏެވެ. މަހުޒޫމަކީ އައްޑޫ ފްލައިންގް ސުކޫލުގައި ޕައިލެޓްކަން ކިޔަވަމުންދާ ކުއްޖެކެވެ.

"އެވަގުތަކީ ވަރަށް ހާޓް ޓަޗިންގް މުމެންޓެއް. ވަރަށް ގިނަ މީހުން ޓާމިނަލް ތެރޭގައި ވަރަށް ގަދަޔަށް ރުއި ކަމަށް ވަނީ. އެތަނުގައި ތިބި މީހުންވެސް ބުނި. ދެން ނުކުތް އިރު އެއީ އާއިލާ މީހުންނާ ދިމާވާ ގަޑި. އެއީ ވަރަށް އަސަރު ގަދަ ވަގުތުކޮޅެއް." މަހުޒޫމު ބުންޏެވެ.

Q2118 ފްލައިޓުގެ ޕައިލެޓަކަށް ހުރީ މޯލްޑިވިއަންގެ ކެޕްޓަން އަބްދުލްބާސިތު އިބްރާހީމެވެ. ކޯ ޕައިލެޓަކަށް ފަސްޓް އޮފިސަރ ރިމާހު ރުޝްދީ ހުރި އިރު، ފްލައިޓުގެ އިންފްލައިޓް ސުޕަވައިޒަރަށް ހުރީ ހަސްނާ މުހައްމަދެވެ. އެ ޓީމު ކާމިޔާބު ކަމާ އެކު ފްލައިޓު ލޭންޑު ކުރުމުން ގިނަ ބަޔަކު ދަނީ ތަރުހީބު ދެމުންނެވެ.

comment ކޮމެންޓް