"ދީމް!" ކިނާން ދީމްގެ މޫނުމަތީގައި އަޅާފައިވާ އަތް ނައްޓައިލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ދީމްއަށް ބަލަހައްޓައިގެން ހަދަންވީ ގޮތެއް ނޭގި އިންދާ އޭނާ ސިހުނީ ދީމް ދެން ބުނެލި ޖުމްލައިންނެވެ.

"ނާނު، އަމިއްލަ ބައްޕަކަމަށް ދެކިގެން މިއުޅުނު މީހަކީ އަމިއްލަ ބައްޕަ ނޫންކަން އެނގުނީމަ ވާނީ ކިހިނެތްތަ؟" މިހުރިހާ ދުވަހު އޯގާތެރިކަމާއި އަޅާލުން ލިބުނީ އަހަރެންނާ އެއްވެސް ގުޅުމެއް ނެތް ފަރާތަކުންކަން އެނގުމުން ވާނީ ކިހިނެތް؟" މޫނުން އަތް ދުރުކޮށްލަމުން ދީމް ބުނެލިއިރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. ކިނާން ދީމްއަށް ބަލާލާ އޭނާގެ ދެއަތުގެ ތެރޭގައި ދީމްގެ އަތް ހައްޔަރު ކޮށްލިއެވެ.

"ނާނު... އާ! އަހަރެން މި ހުރިހާ ދުވަހު ބައްޕަ މިކީ ހަޤީޤީ ބައްޕައަކަށް ނޫން" ކިނާން އާއި ދިމާލަށް ބަލާލަމުން ދީމް ބުނެލިއެވެ. އެއާއެކު އޭނާއަށް އަނެއްކާ ބާރަށް ރޮއިގަނެވިއްޖެއެވެ. އެހިނދު އޭނަގެ ކަންފަތުގައި ޝަފޫންގެ ޖުމްލަތައް އަނެއްކާވެސް ގުގުމައިގަތެވެ.

"އަފާޒު އާ އެއްވެސް ގުޅުމެއް ހުރި މީހަކަށް ދީމް ނުވާއިރު ކީއްވެތަ އޭނަ އާ ހެދި ތި އުޅެނީ... އެއީ އަހަރެންގެ ދަރިއެކޭ.. އަފާޒު ގެ ދަރިއެއްނޫނޭ... އެހެންވީއިރު ކީއްވެ އަފާޒުއަށް އަހަރެން ބުނާ ގޮތަށް ދީމްއާ ދޭތެރޭ ކަންތައް ނުކުރެވެންވީ؟" ދީމްއަށް ކަންފަތުގައި އަތް އަޅާލަމުން ނޫނެކޭ ބުނެވުނެވެ.

ދީމް ބުނެލި ޖުމްލައިން ކިނާން ސިހިފައި އިންދާ އަނެއްކާވެސް ދީމް ވާހަކަދެއްކިއެވެ. "ނާނު... އަހަރެން މީ އަހަރެންގެ ބައްޕަގެ ދަރިއެއްނޫނޯ" ކިނާން އާއި ދިމާލަށް ބަލާލަމުން ދީމް ބުނެލިއެވެ. އޭރު ވެސް ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

ދީމް މަސަލަސް ކުރަން އެތައް ވާހަކައެއް ކިނާން ދެއްކިއެވެ. އެހެންނަމަވެސް ދީމްގެ ގިސްލުމުގެ އަޑު މަޑެއްނުވިއެވެ. އެންމެ ފަހުން ކިނާން ވިސްނާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

ހުއްޓާލާ ދީމް، ދުނިޔޭގަ ބައެއް ކަންތައް ތިމާ ބޭނުންވާ ގޮތަށް ނުވެދާނެ. މިއީ އިމްތިހާނުގެ ގޮވައްޗެއް. ކެތްތެރިކަމަކީ މުހިންމު ކަމެއް، މިހާރު ހިތާމަ ކުރިޔަސް ފަހުން ދީމްއަށް މާ މޮޅު ގޮތެއް އޮތީކަމަށް ވެސް ވެދާނެއެއްނު. ފަހަރެއްގައި ވެސް މާތް ﷲ އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ. ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި އެ ކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވާ. ހަމަ ޔަގީނުންވެސް އޭރުން ތި ހިތަށް ތަޞައްލީއެއް ލިބި ސާބިތުކަން ލިބިގެން ދާނެކަން ޔަގީން... އަހަރެންވެސް ކުރިން ތި ހިތާމަކުރިން ދީމް.! އަހަރެންނަށް އެނގޭ އަހަރެން މި ހާމަ ކުރާ ހަގީގަތުން ދީމް އަހަރެން ދޫކޮށްލާފަ ނުދާނެކަން، ދީމް! އަށް ނޭނގޭ ބޮޑު ސިއްރެއް އަހަރެންވެސް ބުނަންތަ؟ އަހަރެންނަކީ ވެސް ދޮންބެގެ މަންމަ އާއި ބައްޕަގެ ދަރިއެއްނޫން... އަހަރެންގެ މަންމަ އާއި ބައްޕަ އަކީ ކާކު ކަމެއް އަދި އަދަށް ދާންދެންވެސް އަހަރެންނަކަށް ނޭނގެ، އެކަމަކު އިރާދަ ކުރެއްވިއްޔާ އަހަރެން މިއުޅެނީ ވަރަށް އުފަލުން.... ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަކަށް. ދުނިޔޭގަ އެކި މީހުންނާ ކުރިމަތި ކުރުވާނީ އެކި އިމްތިހާން... ކެތް ތެރިވާން ވާނެ، ދީމް ތި ކުރާ ވަރުގެ ހިތާމައެއް އަހަރެންވެސް ކުރިން. މީގެ ކުރިން އެތަކެއް ކަރުނައެއް އޮހޮރުވިން، އެކަމަކު މިހާރު އަހަރެން އެކަމާ ހިތާމައެއް ނުކުރަން، ހަމަ ނޭނގެއެއްނު، ދީމްގެ މަންމަގެ ފަރާތުން ފަހުން މާ ބޮޑަށް ލޯބި ލިބިދާނެއެއްނު، ތަޤުދީރު ނިޔާކުރާނީ ކޮން ގޮތަކަށް ކަމެއް ނޭނގޭނެއެއްނު"

ކިނާން އޯގާތެރި ކަމާއެކު ދީމްގެ ކަރުނަތަށް ފޮހެދިނެވެ. އޭނާ ބޭނުންވީ ދީމް ހިންހަމަ ޖައްސައިދޭށެވެ. ދީމްގެ މޫނުގައި ހިފައްޓާ ދީމްގެ ނިތަށް ބޮސް ދިނުމާއެކު އޭނާ ކަރުނަތައް ފޮހެދިނެވެ.

"އެމީހުން އުޅެނީ އަހަރެން ފޮނުވާލަން" ދީމްއަށް ބުނެވުނެވެ. ކިނާންގެ އޯގާތެރިކަމުން އޭނާގެ ހިތުގައި ގަނޑުފެން އަޅާލަދިން ފަދައެވެ. މޭތެރޭން ނަގަމުންދިޔަ ދިލަ މަޑުވިއެވެ.

"ހިނގާ އިންނަން" ކިނާންއަށް ބަލާލުމާއެކު ރޮވިފައި އިން ދީމް ބުނެލިއެވެ.

"ދީމް... އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ނިންމުމުގެ ބަދަލުގައި ވިސްނުމަށްފަހު ކަން ކުރަންވާނީ... މީ އަދި އަވަސް އަރުވާލައިގެން ކަންކަން ނިންމަންވީ ވަގުތެއްނޫން... އެއްވެސް ނިންމުމެއް ނިންމޭ ފަދަ ހާލަތެއްގައެއް ނޫން ދީމް ތީނީ... ފަހުން ވިސްނާލާފަ ދޯ ނިންމާނީ... ދީމް! އަހަރެން އަބަދުވެސް ހުންނާނީ ދީމްއާ އެކު، އިންޝާ ﷲ... ފަހަރެއްގައިވެސް ދީމްއަށް ދެރަބަހެއްބުނަނީ އެއްނޫން... ދީމް ދެކެ އަހަރެންވެސް އިންތިހާއަށް ލޯބިވަން..." ކިނާން ދީމްގެ އަތުގައި ދެއަތުން ހިފައްޓާލަމުން ބުނެލިއެވެ. އަދި އަނެއްކާވެސް ކަރުނަތަށް ފޮހެދިނެވެ. އަނެއްކާވެސް ދީމްގެ ނިތުގައި ތުންފަތް ޖައްސާލަމުން ކިނާން ބުނީ އޭނާ ދީމް ދޫނުކޮށްލާނެކަމުގައެވެ. ނިއުޅިފައިވާ ހަޤީގަތުގެ ސަބަބުން އޭނާ ދީމް ދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނޭކަމަށް ކިނާން ބުނެ ވައުދުވިއެވެ.

*****

ހަގީގަތް އެނގުމަށްފަހު ދީމްގެ މިޒާޖަށް އާދަޔާހިލާފް މަޑުމޮޅިކަމެއް ވެރިވިއެވެ. އޭނާ ބަލަނީ ގިނަވަގުތު ގޭން ބޭރުގައި އުޅެވޭތޯއެވެ. ގޭ އެއްވެސް މީހެއްގެ ކުރިމައްޗަށް އަރާކަށް ދީމް ބޭނުމެއް ނުވިއެވެ. މިހާރު އެ ހަޤީގަތް ވެސް ވަނީ މުޅިއާއިލާއަށް އެނގިފައެވެ. އެހެންނަމަވެސް އަދިވެސް ދީމްގެ ބައްޕަ އަކީ ކާކުކަން އެނގެނީ އާއިލާގެ ބޮޑެތި މީހުންނަށް އެކަންޏެވެ. އަނެއްކޮޅުން އެއީ ކާކުކަން ކިތަންމެ އެނގެން ބޭނުންވެފައި ހުއްޓަސް ދީމް އަކަށް ވެސް އެ ވާހަކަ އިތުރު މީހެއް ކައިރީގައި އަހާކަށް ނުކެރެއެވެ.

އަނެއްކޮޅުން އިޒިއަން އާއި އަނާލް އާ މެދު ނުތަނަވަސް ކަމެއް އުފައްދަން ކެނޑި ނޭޅި ތަނާހާ މަސައްކަތް ކުރަމުން ދިޔައެވެ. އިޒިއަންގެ ފުށުން ދޭތެރެ ޖެއްސޭނެ ވަރުގެ ވާހަކައެއް އަޑުއިވޭތޯ އަބަދާ އަބަދު އޭނާ ހުންނަނީ ކަންފަތް ހުޅުވާލައިގެންނެވެ. އޭނާގެ ނަސީބު އަތުގައި ހިފާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.

ރޭގަނޑުގެ ވަގުތެވެ. އިޒިއަންގެ ކެބިންގައި އޭނާ އާއި ތަނާހާ ތިބިއިރު ސޯފާތަކުގެ ކުރިމައްޗަށް ވާގޮތަށް އަޅުވާފައި ހުރި ޓީވީން ހަބަރު ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ޓީވީން ކިޔަން ފެށި ހަބަރެއްގެ ސަބަބުން އިޒިއަންގެ ތަބީއަތު ގޯސްވެއްޖެއެވެ. އޭނާއަށް ޓީވީއަށް ނަޒަރު ހިންގާލެވުނެވެ. ތަނާހާވެސް ހައިރާންކަމާއެކު އިޒިއަންއަށް ބަލާލިއެވެ. ހަބަރުގައި ކިޔަމުން ދިޔައީ ރޭގައި ހަދަން ފަށާފައިވާ އިމާރާތެއްގެ ތެރޭގައި ރޭޕްކޮށް މަރާލާފައިވާ އަންހެން ކުއްޖެއްގެ ވާހަކައެވެ. ގްރޫޕް ރޭޕްގެ ޝިކާރައަކަށް ވި އެ އަންހެން ކުއްޖާއަށް ވަނީ ތަފާތު ގިނަ އަނިޔާތަށް ލިބިފައެވެ. އެގޮތުން އެ ކުއްޖާގެ މޫނުމަތީގައިވެސް ވަނީ ގާގަޑަކުން ޖަހާފައެވެ. މީގެ އިތުރުން އެ އަންހެންކުއްޖާގެ އަތުގެ ކަށިގަނޑާއި އެކު ފައިގެ ގިނަ ކަށިތަކެއް ވެސް ވަނީ ބިންދައިގެން ގޮހެވެ. މައްސަލަ އާއި ގުޅިގެން ގިނަބަޔަކު ހައްޔަރު ކުރިނަމަވެސް އެންމެ އިސް އެކަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ފިލާފައެވެ.

އޭސީ އެންމެ ގަދަ ކޮށްލާފައިވިނަމަވެސް އެ ކޮޓަރިތެރޭގައި އިން އިޒިއަން އޭނާގެ ނިތްކުރިމަތީގައި ހުރި ދާތައް ފުހެލީ އެއްވެސް ވަރަކަށް ފިނި ނުވާތީއެވެ. ހަށިގަނޑުގައި އުފެދިގެން އުޅެނީ އާދައިގެ ތޫފާނެއް ނޫނެވެ. އެތެރެހަށީގައި އުފެދިގެން އުޅޭ ތޫފާނުގެ ސަބަބުން ހަށިގަނޑު އާދަޔާ ހިލާފަށް ދާހިތްލަނީއެވެ. ނޭވާ އަވަސްވެ ކުރުވާ ގޮތްވެސް ވަނީއެވެ. ހަބަރުގައި ކިޔާ ބައެއް ވާހަކަތަކަކީ ސީދާ އޭނާއަށް ނިސްބަތް ކޮށް ކިޔާ ވާހަކަތަކެއް ހެން ހީވާ ފަހަރުވެސް މަދެއްނޫނެވެ.

އިސްޖަހާލަމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ ދެލޯ މަރާލިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ ނަފްސަށް ލުޔެއް ނުލިބުނެވެ. ކެނޑިނޭޅި ހަބަރުގައި ކިޔަމުންދިޔަ ވާހަކަ އަޑުއިވެމުން ދިޔުމާއެކު އޭނާއަށް ރިމޯޓް ނަގާ ޓީވީ ނިއްވާލެވުނީ އުނދަގޫވީ ވަރުންނެވެ.

"އިޒް... ކިހިނެތްވީ؟" ތަނާހާ ފަރުވާތެރިކަމާއެކު އިޒިއަންއަށް ބަލާލިއެވެ. އޭނާއަށް ވެސް އިޒިއަންއަށް ވެރިވި ނުތަނަވަސްކަން ފާހަގަވީއެވެ.

"ގަބޫލު ކުރަން ބޭނުން ނުވިޔަސް އަހަރެން ވެސް އުޅުނު ގޮތް ވިއްޔަ!" އިޒިއަންއަށް މަޑުމަޑުން ބުނެލެވުނެވެ. އޭނާ އެ ބަސް ބުނީ އަމިއްލަ ނަފްސަށް ނިސްބަތް ކޮށެވެ. ކޮންމެހެން އިތުރު މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެންނަމަވެސް ތަނާހާއަށް ސާފުކޮށް އިޒިއަންގެ އަޑު އިވުނެވެ.

"އިޒް އެއް އެފަދަ ކަމެއް ނުކުރަމެއްނު... ޑްރަގްގެ އަވައިގައި ޖެހި ހަލާކުވުމާއި މިކަމާއި ވަރަށް ތަފާތު ވާނެ އިޒް. ދެންކީއްވެ؟... އެމީހުން ޑްރަގްގެ އަވައިގައި ޖެހި އެކުރަނީ ކޮންފަދަ ނުބައި އަމަލެއް؟" ތަނާހާއަށް ބުނެވުނެވެ.

އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ. ތަނާހާއަށް އެ އަޑު އިވުނުކަން އެނގުމާއެކު އޭނާ ތުންފަތް މައްޗަށް ހިތި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި ތަނާހާއަށް ބަލާލިއެވެ. އެ ނަޒަރުން ތަނާހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އަނެއްކާ އިޒް... އިޒް... ނޫން ބުނޭ، ނޫނެކޭ" އިޒިއަންއަށް ބަލާލި ތަނާހާއަށް ދެފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ހިތަށް ވެރިވި ހިޔާލުން އޭނާއަށް އެކަން ކުރަން ދަތިވިއެވެ. އަނެއްކޮޅުން އިޒިއަންގެ ނަޒަރުން ވެސް އެބަ އޭނާއަށް ކަމެއް އަންގައިދޭން މަސައްކަތް ކުރެއެވެ.

"އާނ ތަނާހާ! އަހަރެން ކިޔަވަން އުޅުނުއިރު ހުރިހާ ސިއްރެއް ތަންނިއާ ހިއްސާކުރި އިރުވެސް ނުބުނި ސިއްރެއް އެއީ... މީގެ ހަ އަހަރު ކުދިން އަހަރެން ވެސް އެފަދަ ނުބައި ވިޔާނުދާ އަމަލެއްގައި ބައިވެރިވިން... އަދިވެސް އެކަމުން އަހަރެންނަށް ސަލާމަތެއް ނުވެވޭ" އިޒިއަން އިސް އުފުލާލާ ތަނާހާއަށް ބަލާލިއެވެ.

"ހަ އަހަރު ކުރިއޭ" މީގެ ހަ އަހަރު ކުރީގެ ހަނދާނެއް ތަނާހާގެ ސިކުނޑީގައި ކޮށްޓާލުމާއެކު އޭނާއަށް ބުނެވުނެވެ. ސިހިފައި އޭނާއަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

"އާނ! މީގެ ހަ އަހަރު ކުރިން އަހަރެން ވެސް އެފަދަ ކަމެއްގައި ބައިވެރިވިން... ހަމަ ހަދަން ފަށާފައިވާ އިމާރާތެއްގަ އެ ފަދަ އަމަލެއް ހިންގިން... " އިޒިއަންއަށް ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެވުނެވެ. އެ އަޑުގައިވި ރިހުން ތަނާހާއަށް ވެސް ސިއްރެއް ނުވިއެވެ.

ހިޔާލްގެ ކަނޑުގައި ބެހެމުންދިޔަ އިޒިއަންއަށް ގިނަ އެއްޗެހިތަކެއް ތަނާހާއަށް ކިޔައިދެވުނެވެ.

ތަނާހާގެ ހިޔާލަށް ފުރަތަމަވެސް އައީ އަނާލްގެ ނަމެވެ. އެހެންވެއްޖެނަމަ ދެން ވާނީ ކިހިނެތްހެއްޔެވެ؟ އަނާލްގެ މައްސަލަ އަޑިއަޑިން ތަހްގީގު ކުރެވުނުނަމަވެސް އޭނާއަށް ވެސް އޮތީ ކޮންމެވެސް ވަރަކަށް އެ ހަޤީގަތް އެނގިފައެވެ. އެހާ ހައިރާން ވީ އެހެންވެއެވެ. ހަ އަހަރު ކުރީގެ އެ ހާދިސާ ހިނގި ދުވަސްވަރަކީ އޭނާ ރާއްޖޭން ބޭރުގައި ހުރި ދުވަސްކޮޅެކެވެ. އެހެންނަމަވެސް އެ ހަބަރު އޭނާއަށް ވަނީ ބައްޕަމެންގެ ފަރާތުން ލިބިފައެވެ. އަނެއްކޮޅުން އަނާލްއަށް ދިމާވި ހާދިސާ އެބަ އިޒިއަން ކިޔަދިން ހުރިހާ ކަމަކާ ގުޅެއެވެ.

އޭނާއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އަނާލް އަކީ އިޒިއަންމެން އެ އަނިޔާ ދީ ރޭޕްކޮށްލި ކުއްޖާކަން އެނގޭނަމަ ނަމަ ދެން އެ ދެމީހުންގެ ގުޅުމަށް ވާނީ ކީއްހެއްޔެވެ؟ އަނާލް އަކީ އެ އަންހެން ކުއްޖާ ކަން އިޒިއަންއަށް އަނެއްކާ އެނގޭބާއެވެ. ނޫނީ އަނާލްއަށް އިޒިއަން އަކީ ކާކުކަން އެނގޭހެއްޔެވެ؟. ތަފާތު ގިނަ ސުވާލުތައް އޭނާގެ ސިކުނޑީގައި އެނބުރެން ފެށުމާއެކު ވެސް އިޒިއަން އާ އެ ސުވާލު ކުރެވޭކަށް ނެތެވެ. އެހެންނަމަވެސް އޭނާއަށް ގާތް ގަނޑަކަށް އެއީ އަނާލްކަން ޔަޤީން ވިއެވެ.

"ހަ އަހަރު ކުރި ދޯ! ތި ކިޔަނީ ހަމަ މިކަހަލަ އިމާރާތެއްގެ ތެރޭގަ ހިނގި ކަމެއްގެ ވާހަކަ ދޯ... އެކަމަކު އެ އަންހެން ކުއްޖާ ސަލާމަތް ވީ؟" ތަނާހާ ނޭނގޭ ކަމަށް ހަދާފައި ސުވާލުކުރިއެވެ.

"އޭތް... އާނ! ކީކޭ؟" ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އިޒިއަންއަށް ޖެހިލުންވެފައި އިނދެ ސުވާލުކޮށްލެވުނެވެ. އަނެއްކާ ތަނާހާއަށް ޝައްކުވީކަމަށް، ނޫނީ ކަމެއް އިނގުނީކަމަށް ހީކޮށް އޭނާ ބިރުގަތެވެ. ތަނާހާ އަކީވެސް އަނާލްގެ އާއިލާގެ މީހެކެވެ. އެނގުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެ ބިރުވެރިކަން ފިލީ ތަނާހާ ވާހަކަ ދެއްކުމުންނެވެ.

"އާނ! އޭރު އަހަރެންވެސް އުޅޭނީ ރާއްޖޭން ބޭރުގަ... އެހެންވީމަ މާ ބޮޑު މައުލޫމާތެއް ނޭނގެ، އެކަމަކު ހަބަރުގަ އެއްފަހަރު އަޑު އެހިން އެހެންވެ..." އަނާލްއަށް އެ ދިމާވި ހާދިސާގެ އެއްވެސް ތަފްސީލެއް ތަނާހާއަށް ނޭނގޭތީ އިޒިއަން ހިންހަމަޖެހުނެވެ. އެ އަންހެން ކުއްޖާއަކީ އަނާލް ކަން ތަނާހާއަށް އެނގިއްޖެނަމަ ދެން ވާނީ ކިހިނެތްބާއޭ އިޒިއަންގެ ހިތަށް އެރިއެވެ. އޭނާއަށް ނޭނގުނު ކަމަކީ ތަނާހާއަށް އޭނާ ބޭނުންވާ ޖަވާބު ލިބިއްޖެކަމެވެ. ތަނާހާ ދެން ބޭނުންވާނީ އެ ލިބުނު ހަތިރާރު އިތުރަށް ތޫނުކުރުމަށް ފުރުސަތުތަކެއްކަމެވެ. އަދި އެ ހަތިޔާރު ދެން އޭނާ އުފުއްލާލާނީ އިޒިއަން އާއި އަނާލް އާއި ދެމެގައި ޖަހާފައި އޮތް ވާފަށް ކަނޑާލަން ކަމެވެ.

ތަނާހާ އޭނާގެ ވާހަކަ އިޒިއަންއަށް ޤަބޫލް ކުރެވޭ ކަހަލަ ގޮތަކަށް ބައްޓަން ކުރަމުން ދިޔައެވެ. އޭނާއަށް އިޒިއަން އާއި އަނާލްގެ ހަގީގަތް އެނގިއްޖެކަން ހާމަކުރުމުގެ ބަދަލުގައި އޭނާގެ ހަތިޔާރުގެ މިޔަ ތޫނުކުރަމުން ގެންދިޔައީ ދެވޭ އެންމެ ހަމަލާއަކުން އެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ކަނޑާލުމަށެވެ.

އޭނާއަށް ވިސްނެމުން ދިޔައީ އެ ލިބުނު ހަތިރާރު އިޒިއަން އާ އަނާލް އާއި ދެމީހުންނާ ދެކޮޅަށް އުފުލާލާނޭ ގޮތަކާމެދުގައެވެ.

އިޒިއަން ގާތު އިނދެލާފައި ތަނާހާ ދިޔައީ ޒަހްވާ ގާތަށެވެ. ގޮސް ޒަހްވާއަށް އެވާހަކަ ކިޔައިދިނުމާއެކު ޒަހްވާގެ ހިތް ހީވީ އާސްމާނުގައި އުދުހިގަތްހެންނެވެ. އެންމެ ފަހުން އެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދޭނޭ މަގެއް ފަހިވުމާއެކު އޭނާގެ ތަނާހާއަށް ބަލާލާ ނުލަފާ ވައްތަރަކަށް ހީގަތެވެ.

"މިއޮތީ ނަސީބު އަތުގަ ހިފާފަ، އަހަރެންނަށް ޔަޤީން އެ އަނާލްއަކަށް ނޭނގޭނެ އެއްކަމެއް ވެސް، ކިހިނެތް އެފަދަ ހަޤީގަތެއް އެނގޭ އަންހެން ކުއްޖަކު އޭނާއަށް އެހާ އަނިޔާ ދިން ފިރިހެނަކާއެކު އުޅޭނީ، އަހަރެން ބުނާނެ ވާހަކަ އެއްނެތް، މިހާރު ބާޒީ މިއޮތީ އަހަރެމެންގެ އަތުގަ. ބާރު މިއޮތީ މި މުށު ތެރޭގަ.... ހުރިހާ ކޮންޓްރޯލެއް އޮތީ ތަންނި އަތުގަ... ތަންނި ތި ތީރު ދޫކޮށްލި ދިމާލަށް ދާނީ... ވަރަށް ވިސްނާފަ ހަމަލާ އަމާޒު ކޮށްލާތި... އެއްވެސް ހާލަތެއްގައި ޓާރގެޓުން ކަސިޔާރުވިޔަ ދީގެން ނުވާނެ" ޒަހްވާ ކާމިޔާބުގެ ވިހަ ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިކުރުވިއެވެ. އެއާއެކު ޒަހްވާ ޖަހާލި ނުލަފާ ހިނިގަނޑުގައި ތަނާހާ ވެސް ބައިވެރިވިއެވެ. ދެމީހުންނަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.

"ޕޮއް... ސީދާ އަނާލްގެ ހިތަށް" ތަނާހާ އަތުން ތީރެއްޖަހާ ލާ ފަދައަކުން ހަރަކާތް ގެންނަމުން އަނގަޔަށް ވެސް ވައްތަރެއް ޖައްސާލިއެވެ.

"ހަނދާން ކުރާތި! ތި ތީރު ފުރަތަމަވެސް އަމާޒު ކުރަންޖެހޭނީ އަނާލްގެ ހިތަށް، ފަހަރެއްގައި ވެސް އިޒިއަންއަށް ޝައްކެތް ވިޔަދީގެން ނުވާނެ... " ޒަހްވާ ބުނެލިއެވެ. ކަންތައްތައް ކުރަންވީ އެންމެ ފުރިހަމަ ގޮތް އޭނާ ތަނާހާއަށް ކިޔައިދެމުން ދިޔައެވެ.

"އެކަމަކު އެހެން ހަދައިފިއްޔާ އިޒް އެއް މަށަކަށް ނުލިބޭނެ..... އަނާލް ބުނެފާނެ މަށޭ އެއީ ދޯ!" ތަނާހާ ހިސާބަކަށް ހާސްވީ އިޒިއަންއާ ދޭތެރޭ ވިސްނާލާފައެވެ. މި އިނގުނު ކަމެއްގެ ސަބަބުން އަނާލް އާއި އިޒިއަން އާ ދުރުވެއްޖެއްޔާ އޭނާ އާ ގުޅުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް އަނާލްގެ ފަރާތުން އެއީ އޭނާކަން އެނގިއްޖެނަމަ އިޒިއަންގެ ނަފްރަތު އޭނާއަށް ވެސް އަމާޒުވުން ވެސް އެކަށީގެންވެއެވެ.

"ތަންނީ! ސިކުނޑިން ވިސްނަބަލަ، ތަންނިއަށް އިޒް ނުލިބިއްޖެއްޔާ އެ އަނާލް އަކަށް ވެސް ނުލިބޭނެއެއްނު، މި ބުނީ ތަންނިއަށް ނުލިބޭނެޔެކޭ ނޫނޭ! އެކަމަކު އަހަރެމެން އަނާލްއާ ހިސާބަށް ދާނީ ހެއްކާ އެކުއޭ، އޭރުން އިސާހިތަކު އެ ވާހަކަ ބުނީ ކާކުކަން ނުބުނެ އަނާލްގެ ފުރަތަމަ މަސައްކަތަކަށް ވާނީ އިޒިއަންއާ ސުވާލުކޮށްގެން ހަޤީގަތް އޮޅުން ފިލުވުން... އެ މަސައްކަތުގެ ތެރޭގަ އޭނަގެވެސް އަދި އިޒިއަންގެ ވެސް ސަމާލުކަމެއް ނުހުންނާނެ އެއީ ކާކުކަން ބުނުމަކަށް ނޫނީ ހޯދުމަކަށް" ޒަހްވާ އޭނާގެ ސިކުނޑީގައި މޮޅެތި ރޭވުންތައް ރާވަމުން ދިޔައެވެ. އޭނާގެ ސިކުނޑި ހިނގަމުންދާ އިންޖީނަކަށް ވުރެ އެންމެ ތަންކޮޅެއްވެސް ދެރައެއްނޫނެވެ.

ތަނާހާގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވެގެން ދިޔުމާއެކު އޭނާއަށް ބޯ ޖަހާލެވުނެވެ. ޒަހްވާގެ ކޮންމެ ބަހަކަށް އާބަސް ބުނަމުން އޭނާ ގެންދިޔައީ އޭނާގެ ހިތުގެ އެދުން ހާސިލްވާނެ ކަމުގެ ފުރިހަމަ އުންމީދާ އެކުގައެވެ.

"އަނެއްކޮޅުން އިޒިއަން އާ ބެހޭގޮތުން އެފަދަ ވާހަކައެއް އަޑު އެހުމުގެ ހިތްވަރެއް އަނާލްގެ ގައިގައި ހުންނާނެހެނެއް ހިޔެއްނުވޭ. އެ ހިތްވަރު ލިބޭ ވަރަށް ވުރެ ބޮޑަށް ތި އަތުގައިވާ ހަންޖަރު އެ ހިތަށް ހަރާލާ، އޭރުން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ... އެ ވާހަކަ ބުނާ ހިސާބުން އެ ބުނީ ކޮންކަހަލަ މީހެއްތޯ އަނާލް އެއް ނުބަލާނެ، ސޯ ވަރަށް ވިސްނައިގެން ކުރިއަށްގެންދާތި. އެ އަނާލްގެ އުފާވެރިކަން ފޭރިގަނެވޭ ކޮންމެ ގޮތަކަށް ވާނެ ފޭރިގަންނަން" ޒަހްވާ ދެންވެސް ވާހަކަ ދެއްކިއެވެ. އޭނާގެ މޮޅެތި ބަސްތައް ތަނާހާގެ ސިކުނޑީގައި ވަކި ހިއްޕާލަނީ އެޔެއް މިޔެއްބަލާފައެއްނޫނެވެ. ބަދަލް ހިފުމުގެ ރޫހު ދެ ހިތުގައިވެސް ވަނީ އެހާ ބޮޑަށެވެ. ބައެއް ފަހަރު ކުރެވޭ ނަފްރަތުގެ ސަބަބުން ވަށައިގެން ވާ މާހައުލު ފެނިގެންދާނީ ކަޅު އަނދިރިގަނޑެއް ހެންނެވެ. ހެވާ ނުބައިވެސް ވަކި ނުވާވަރަށް ބައެއް މީހުން ބަދަލް ހިފުމުގެ ރޫހުގައި މަސައްކަތް ކުރެއެވެ.

ތަނާހާ ވިސްނީ އެ ހަތިޔާރު އަނާލްއަށް އަމާޒު ކުރާނޭ ގޮތަކާ މެދުގައެވެ. އޭނާ ޖެހޭނީ ރަނގަޅު ފުރުސަތަކަށް ބަލާށެވެ. ހަމަލާ އަމާޒު ކުރަން ވާނީ އެކަމަށް އެކަށޭނެ ވަގުތުގައެވެ.

*****

ނިދަން އޮށޯއިން އަނާލްގެ ގައިގައި ރަޖާ އަޅާލުމަށްފަހު އިޒިއަން ވެސް އެނދުގައި އޮށޯވެލިއެވެ. މިއަދު އިވުނު ހަބަރުގެ ސަބަބުން އަދިވެސް އޭނާގެ ތަބީއަތް އެކީ ރަނގަޅެއް ނުވެއެވެ. އެ ހަބަރުން އޭނާގެ މުޅިދުވަސް ވެސް ހަރާބުވީއެވެ. އޮށޯވެ ނިތުގައި އަތް ޖައްސާލާ އޭނާ ސީލިންގަށް ނަޒަރު ހުއްޓާލިއެވެ.

"އިޒް... އެ މަރާލައިގެން އުޅޭ އަންހެންކުއްޖާގެ ޤާތިލުން ފެނިއްޖެތަ؟ އެމީހުންނަށް ހައްޤު އަދަބު ލިބޭނެތަ؟" އަނާލް ސުވާލުކޮށްލަމުން އިޒިއަންއަށް ބަލާލުމާއެކު އިޒިއަންއަށް ހާސްކަމާއެކު ދެ ބުމަ ހިއްލާލެވުނެވެ.

އަނާލް ކުއްލިއަކަށް އެ ފެށި ވާހަކައަކުން އޭނާގެ ތަބީއަތަށް ބޮޑެތި ބަދަލުތަކެއް އަނެއްކާވެސް އަތުވެއްޖެއެވެ. އަނާލް އެ ސުވާލު ކުރިއިރު ހުދު އަނާލްއަށް ވަމުންދިޔަ އުނދަގޫވެސް އިޒިއަންއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.

"އެ މީހުންނަށް ހައްޤު އަދަބު ލިބުން އަހަރެންގެ ދުޢާ އަކީ، އެ ފަދަ ވިޔާ ނުދާ މީހުންނަކަށް ނޭނގޭނެ އަނެކަކަށް ލިބޭނީ ކޮންފަދަ ބޮޑު ހިތާމައެއްކަމެއް، އަނެކާކެ ދިރިއުޅުން ވިއްސި ވިހާލިވެގެން ދަނީ... އެފަދަ ކިތަށް މީހުން ކަމެއް ނޭނގެ ފިލައިގެން އުޅެނީ، ކީކުރާނީ؟ އެމީހުންނަކަށް ނުވިސްނޭނެ... އަންހެން ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ އެއީ އިޒް... އެފަދަ އަނިޔާ ލިބޭ ކުދިންނަށް އިންސާފް ލިބޭނެ ދުވަހަކަށް ހާދަ އިންތިޒާރެއް ކުރަމޭ.. ފިލައިގެން އުޅޭ އެފަދަ ލަދުގެ ކަންފުޅެއްވެސް ނެތް މީހުން ދެކެ ހާދަ ރުޅި އާދެޔޭ...." އަނާލް ބުނެލިއެވެ. އިޒިއަންއަށް ހީވީ އަނާލްގެ ކޮންމެ ބަހެއް ރައްދުވަނީ އޭނާ އަށްހެންނެވެ. އެހެންކަމުން ދެފަހަރަކު ކަރު ކެހިލަމުން އޭނާއަށް ފެންފޮދެއްވެސް ބޯލެވުނެވެ. ނަފްސުގެ ހަމަޖެހުން އެކީހެން ގެއްލިއްޖެއެވެ.

*****

ޖެހިގެން އައި ދުވަހު ޝާހީން އާއި ދާރިޔާ އާއި ދެމީހުން ދާރިޔާމެން މަންމަމެން ގެއަށް ދިޔައީ އެ ގޭގައި އޮތް ކުޑަ އާއިލީ ކެއުމެއްގައި ބައިވެރިވުމަށެވެ. ޝާހީން އާއެކު ގޮސް ގޭތެރެއަށް ވަތް ދާރިޔާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިގެން ގަދަ ނޫކުލައިގެ ގަމީހެއް ލައިގެން ހުރި އޭނާގެ ކޮއްކޮ ދާއިންއެވެ. ނޫކުލައާ ގުޅޭގޮތުން ލާފައިހުރީ ކަޅު ފަޓްލޫނެކެވެ. މޫނުމަތިންވެސް ފެންނަނީ ތާޒާކަމެވެ.

"ބަލާބަލަ މިހާރު ސްމާރޓް ކަން، ތިހެންނޭ ހުންނަންވީ" ދާއިން އާއި ދިމާލަށް އަންނަމުން ދާރިޔާ ވާހަކަދެއްކިއެވެ. އަދި އެ އިސްތަށިގަނޑުގައި އަތް ހިންގާލީ ދިގުކޮށް ހުންނަ އިރަށް ވުރެ ކުރުކޮށް ހުރުމުން އޭނާއަށް މާރީތިކަމަށް ބުނެއެވެ.

"ދޮންތަ... އިސްތަށިގަނޑު ގަ އަތް ނުލާ..." ދާއިން ބުނެލިއެވެ. އަދި އޭނާ ދާރިޔާއަށް ބަލާލާ ހިނިތުންވެލިއެވެ.

އެ ކެއުމަކީ ދާއިން ރިހެބުގައި އެއްއަހަރު ހުރުމަށްފަހު ސަލާމަތްވެގެން އައުމުން އާއިލާގެ ހުރިހާ އެންމެން އެއްތަން ކުރުމުގެ ނިޔަތުގައި ދާރިޔާގެ ބައްޕަ ނަސީމް ބާއްވާ ހާއްސަ ކެއުމެކެވެ. ދާއިން އޭނާގެ ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. ދާއިންވެސް މިހާރު ކުރީގެ އުޅުމާމެދު ހިތާމަކުރެއެވެ. ކުރެވުނު ކުށަށް ތައުބާވެ ދާއިން އަކީ މިހާރު ބަރާބަރަށް ފަސްވަގުތު ނާޅާ ނަމާދުކުރާ ޒުވާނެކެވެ. އާއިލާގެ އެންމެންގެ ހިތަށް ވެސް ދާއިންއަށް ލިބުނު ކުރިއެރުމުގެ ސަބަބުން އާދަޔާހިލާފް ފިނިކަމެއް ލިބުނެވެ. ދާއިންގެ ސަބަބުން އެ އާއިލާއަށް ކުރިމަތިވި ހިތާމަތައް ދާއިން އެވަނީ ލުއިކޮށްދީފައެވެ. ދާއިން އަކީ ކޮންގޮތަކަށް އުޅުނު ޒުވާނެއްހެއްޔެވެ؟ މަސްތުވާތަކެއްޗަށް ގެއްލި ހުސްވެފައި ހުރި ޒުވާނެކެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ހިތްވަރާއެކު ކަމަކާ ކުރިމަތިލައިފިނަމަ ކުރެވޭނޭކަން ދާއިން ސާބިތުކޮށްދީފިއެވެ. އެއީ މަސްތުވާތަކެތި ފަދަ ހުއްޓާލުން އުނދަގޫވާ އެޑިކްޓެޑް ކަމަކަށް ވިޔަސް ހެވެ. ނުބައި މަގުން ދިޔުމުގެ އެންމެ ބޮޑު މައްސަލައަކީ އީމާންތެރިކަން ނެތުމެވެ. ނުވަތަ ކުޑަވުމެވެ.

ނަސީމް އޭނާގެ ދަރިފުޅާ މެދު މިއަދު ފަހުރުވެރިވެއެވެ. އާމިރާވެސް މެއެވެ. އެކަކު އަނެކަކާ ސަލާމްކޮށް އާއިލީ ގުޅުން ވަރުގަދަ ކުރުމަށް މި ލިބުނު ފުރުސަތުގެ ބޭނުން އެންމެން ވެސް ފުރިހަމަ ގޮތުގައި ހިފިއެވެ.

ހަފްތާއެއް ފާއިތުވީ ހަލުވި މިނުގައެވެ. ތަނާހާ އިޒިއަންއާ އަނާލްއާ ދެމެދަށް ވަންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ސިއްރުވެރި ގޮތުގައި އޭނާ ޒަހްވާއާ އެކު އެތަކެއް ބައްދަލުވުމެއް ބާއްވައެވެ. ޒަހްވާގެ މޮޅު ސިކުނޑީގެ ބޭނުން ކޮށްގެން އަނާލް އާއި އިޒިއަން އާ ދެމެދަށް ވަދެވޭނޭ ކޮންމެވެސް ގޮތެއް ހޯދަން ތަނާހާ މަސައްކަތް ކުރިއެވެ.

އިޒިއަން ކާރުގައި ގެއާ ދިމާލަށް މިސްރާބުޖެހީ އޮފީސް ނިންމާލުމަށްފަހުއެވެ. ބޮލުގަ ރިއްސާތީ އަނާލް މިއަދު އޮފީހަކަށް ނާދެއެވެ. އެހެންކަމުން އޭނާ އެދަނީ މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު ނުހަނު ވަރުބަލިވެގެންނެވެ. އެޕާރޓްމެންޓްގެ ތިރީގައި ހަދާފައިވާ ފާރކިން ޒޯންގައި ޕާރކްކޮށްފައިވާ އޭނާގެ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ކާރަށް އަރަން ދޮރު ހުޅުވާލަ ހުޅުވާލާ ހުއްޓާ އޭނާއަށް ފޯނެއް އައުމާއެކު ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ނުދަންނަ ނަންބަރަކަށް ވުމާއެކު ކުޑައިރުކޮޅަކު ވިސްނަން ހުރެފައި އިޒިއަން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"އިޒިއަން..." އެކޮޅުން އޭނާއަށް ގޮވާލިމީހާގެ އަޑު އެ ކަންފަތުގައި ޖެހުމާއެކު އިޒިއަންއަށް ކާރުގެ ދޮރުފަތް ލައްޕާލެވުނެވެ. ހަ އަހަރުފަހުން އެ އަޑު އިވުމުންވެސް އޭނާއަށް އެ އަޑެއް ނޯޅުނެވެ.

(ނުނިމޭ...)

https://sun.mv/116482

comment ކޮމެންޓް