އިލްމީ ގޮތުން ގާބިލް މީހަކު މަޖިލީހަށް އަޔަސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ: އަދުރޭ

އަދުރޭ: އޭނާ ވިދާޅުވީ އިލްމީ ގޮތުން މަޖިލީހަށް ހޮވޭ ބޭފުޅަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އިލްމީ ގޮތުން ގާބިލު މީހަކު މަޖިލީހަށް އިންތިހާބު ކުރިޔަސް އެ މީހަކަށް މަޖިލިސް ތެރޭ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ ޕާޓީތަކުން އަންނަ ކެންޑިޑޭޓުންނަށް ކަމަށާއި އަމިއްލަ ގޮތުން އަންނަ ކެންޑިޑޭޓުނަށް ވުރެ ޕާޓީ ތަކުން އަންނަ ކެންޑިޑޭޓުންށް ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ، އަމިއްލަ ގޮތުންވެސް އިލްމީ ކެންޑިޑޭޓަކު ހުރެދާނެ ކަމަށާއި ނަމަވެސް އިލްމީ ގޮތުން ގާބިލުވެގެން ރައްޔިތުންގެ މަޖިލީހުގައި ކުރާ މާބޮޑު ކަމެއް ނޯންނަ ކަމަށެވެ.

"އިލްމީގޮތުން ގާބިލު ވެގެން ރައްޔިތުންގެ މަޖިލިސްއަށް ވަދެ ކުރާނެ މާ ބޮޑު ކަމެއް ނޯވޭ. ޕީއެޗްޑީ ނަގައިގެން ތިއްބަވާ ބޭފުޅުންނަށް ކުރެވޭ މާބޮޑު ކަމެއް ނޯވޭ،" ތިން ވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަދުރޭ ވިދާޅުވިއެވެ.

"ޕާޓީ އިން ނިކުމެވަޑައިގަންނަވާ ބޭފުޅުންނަށް [މަޖިލިސް އިންތިހާބުގައި] ފުރުސަތު ދެއްވަން ވަނީ. އެއީ ޕާޓީ ނިޒާމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ޕާޓީން ވަޑައިގަންނަވާ ބޭފުޅުންނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވޭނީ،" މީގެ ކުރިން ޑީއާރުޕީ އަދި ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރެއްވި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެބޭފުޅުންގެ އިލްމީ ގާބިލުކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ނަމަވެސް ހުރިހާ ކަމަކަށްވުރެ ބޮޑަށް މުހިންމީ އެ މީހެއްގެ އިހުލާސްތެރިކަން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވޭނީ އިހުލާސްތެރި ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކަށް އަމިއްލަ ގޮތުން 186 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

https://sun.mv/116614

comment ކޮމެންޓް