މާދަމާއިން ފެށިގެން ބޭހަށް އިންޑިއާއަށް ދާން ވިސާ ބޭނުމެއް ނުވާނެ

ރައީސް ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިންޑިއާގައި ބައްދަލުކުރައްވަނީ -- ފޮޓޯ: މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިންޑިއާ

އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއިކުރި ވިސާއާ ބެހޭ އާ އެގްރިމެންޓު މާދަމާއިން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. މާދަމާއިން ފެށިގެން ރާއްޖެއިން އިންޑިއާއަށް ދާ ދިވެހީންނަށް ވިސާ ލިބުމުގައި އެކިއެކި ފަސޭހަތައް ލިބޭނެއެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ވިސާއާ ބެހޭ އާ އެގްރިމެންޓެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އާ އެއްބަސްވުމަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ އިރު، ބޭސްފަރުވާގެ ކަންކަމަށް މާދަމާއިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެއެވެ. އެހެންކަމުން 90 ދުވަހަށް ވުރެ ކުރު މުއްދަތަކަށް އިންޑިއާއަށް ބޭހަށް ދާން ބޭނުންވާ މީހުން، އިންޑިއާ އެމްބަސީން ވިސާއަށް އެދޭކަށް ނުޖެހޭނެއެވެ.

އެހެން ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަށް މެޑިކަލް ވިސާ ބޭނުންވާ މީހުންނަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ހުށަހަޅައިގެން ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރާ ހަމައަށް ވިސާ ލިބޭނެއެވެ. އަދި ބަލިމީހާގެ އެހީތެރިންގެ ގޮތުގައި ގިނަވެގެން ދެ މީހަކަށް މެޑިކަލް އެޓެންޑެންޓް ވިސާ ލިބޭނެއެވެ.

އިންޑިއާގައި ރާއްޖޭގެ ގިނަ ރައްޔިތުން ތައުލީމު ހާސިލުކުރަމުން ގެންދާ އިރު، ސަރުކާރު ގަބޫލުކުރާ މަރުކަޒެއްގައި ފުލްޓައިމް ޕްރޮގްރާމެއްގައި ބައިވެރިވާ ދަރިވަރުންނަށް، ކޯހުގެ މުއްދަތަށް (ގިނަވެގެން ފަސް އަހަރު ދުވަހަށް) މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެހިގެން ދާނެއެވެ.

އަދި 18 އަހަރު ނުވާ، ސްޓޫޑެންޓް ވިސާގައި ތިބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށްވެސް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ނުވަތަ ރިސާޗް މަސައްކަތަށް ސްޓޫޑަންޓް ވިސާގައި ތިބޭ މީހުންގެ 18 އަހަރު ނުވާ ދަރީން، އުމުރުން ދުވަސްވީ މައިންބަފައިންނަށް ނުވަތަ ގާނޫނީ ބަލަދުވެރިންނަށްވެސް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭ ގޮތަށް އޮތީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން ވިޔަފަރީގެ ކަންކަމަށް އިންޑިއާއަށް ދާ ދިވެހީންނަށްވެސް ވިސާއާ ނުލައި 90 ދުވަސް އެގައުމުގައި ހުރެވޭނެއެވެ. އަދި ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވިސާއާ 90 ދުވަހު އެގައުމުގައި ހުރެވޭނެއެވެ.

comment ކޮމެންޓް