އަހަރެން ބޮޑުވެގެން ވާން ބޭނުމީ...

ހައްވާ ލީޝާ، މެނޭޖިން ޑިރެކްޓާ، ވިމެން ސެންޓާ-- ފޮޓޯ: ހުސެއިން ޝަޔާހް/ސަން

ތެދަށް ބުނާ ނަމަ މިއީ އަހަރެމެންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ޖަވާބު ދޭން އެންމެ އުނދަގޫވި ނުވަތަ އަދި ވެސް އުނދަގޫ އެއް ސުވާލެވެ.

އަހަރެން ބޮޑުވެގެން ކުރިއަށް ދާނީ ކޮން ދާއިރާއަކުން ބާވަ އެވެ؟

އެއްބަޔަކަށް މިއީ ކޮންމެހެން މާ މުހިންމު ކަމެއް ނޫނެވެ. އަނެއް ބަޔަކަށް މިކަމުގައި މުހިންމީ މައިންބަފައިންގެ އުންމީދެވެ. ދެން ތިބި އެއް މީހުންނަށް މުހިންމީ އަމިއްލަ ޝައުގަށް ވުރެ ދިރިއުޅެވޭނޭ ވަރުގެ އާމްދަނީ އެކެވެ.

ކޮންމެއަކަސް ކެރިއާއެއް އިޚްތިޔާރު ކުރުމާ ބެހޭ ގޮތުން ހިތުގައި އުފެދިފައި ހުރި ގިނަ ސުވާލުތަކެއްގެ ޖަވާބު މިފަހަރު ދެވޭތޯ މަސައްކަތްކޮށްލާނަމެވެ.

މި ހަފްތާގެ 'ހައްލު' ސެގްމަންޓުގައި މައުލޫމާތު ދީފައިމިވަނީ ވިމެން ސެންޓާގެ ކޯ ފައުންޑާ އަދި މެނޭޖިން ޑިރެކްޓާ ހައްވާ ލީޝާ އެވެ. ކައުންސިލިން ދިނުމުގައި ހަތަރު އަހަރުގެ ތަޖުރިބާ އެކު އޭނާ ވަނީ މި ދާއިރާއިން މާސްޓާސް އޮފް ކައުންސިލިން ހާސިލުކޮށްފަ އެވެ.

ކެރިއާ އެއް އިޚްތިޔާރު ކުރަން ޖެހެނީ ކޮން އުމުރެއްގައި؟

ކެރިއާއެއް ހިޔާރު ކުރުމުގައި ވަކި އުމުރެއް ނޯވެ އެވެ. އެމީހަކު ކުރާހިތްވާ، އެކަމަކުން ފައިދާވާ ކަމަކަށް ޝައުގުވެރިކަން އުފެދިއްޖެ ނަމަ، އުމުރު ހަގަސް ދޮއްޓަސް އެ ކެރިޔާއެއް އިޚްތިޔާރު ކުރެވޭނެ. ނަމަވެސް އަމިއްލައަށް އަމިއްލަ ކުރިމަގާ ދޭތެރޭ ވިސްނުމުގެ ގާބިލުކަން ހުރި ކުއްޖެއްކަމުގައި އެ ކުއްޖާ ވާން ޖެހޭ، މިގޮތުން އާންމުކޮށް ގިނަ މީހުން ކެރިއާއެއް ހިޔާރު ކުރަނީ ގާތްގަނޑަކަށް އުމުރުން 20-30 އަހަރާ ދެމެދުގައި.

ހައްވާ ލީޝާ --- ފޮޓޯ: ހުސެއިން ޝަޔާހް/ސަން

ކެރިއާއެއް އިޚުތިޔާރު ކުރާނީ ކިހިނެއް؟

ކެރިއާއެއް އިޚުތިޔާރު ކުރުމުގައި ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ހުރޭ. މިގޮތުން ކުރިޔަށްދާން ބޭނުންވާ ރޮނގާ ދޭތެރޭ ފުންކޮށް ވިސްނުމާއި، އަމިއްލަ އަށް ކުރެވޭނެ ކަންކަމާއި ކުރަން ބޭނުންވާ ކަންކަން ދެނެގަންނަން ޖެހޭ. ތިމާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލައި ތިމާގެ ހުނަރުތައް ދެނެގަތުން މުހިންމު. އަދި ހުރި ހުނަރުތަކާއި ގަޔާވާ ކަންކަމާއި ގުޅުންހުރި މަސައްކަތް ހޯދައި އެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވަން ޖެހޭ.

މިސާލަކަށް ވަކި ކެރިޔާ އަކަށް ބޭނުންވާ ތައުލީމީ ފެންވަރާއި ކުރަން ޖެހޭނެ މަސައްކަތްތަކާއި ލިބޭ މުސާރަ އަދި ހޭދަ ކުރަން ޖެހޭ ވަގުތު ބެލިދާނެ. އަދި ވަޒީފާގެ ފުރުސަތު އެދާއިރާއަކުން ލިބޭވަރެއް ވެސް ހޯދުން މުހިންމު.

ކެރިއާއެއް އިޙްތިޔާރް ކުރުމުގައި އެންމެ މުހިންމީ އެންމެ ކުރާ ހިތްވާ އަދި އެންމެ ގަޔާވާ ކަމެއް. އޭގެ އިތުރުން އަދާ ކުރާ ވަޒީފާއަކީ ކުރާ ހިތުން، އެކަމާ ގަޔާވެ، އަދި ގަދައަޅާ ކުރިމަގަށް ވިސްނައިގެން ކުރާ ވަޒީފާއަކަށް ވުން މުހިންމު.

ނަމަވެސް ކެރިއާ ފަށައިގަންނަ އިރު ލިބޭ ނުވަތަ އިޙްތިޔާރު ކުރާ ވަޒީފާއަކީ އެންމެ ފުރިހަމަ ނުވަތަ ބޭނުންވާ ފަންތީގެ ވަޒީފާއަކަށް ނުވެ ހިނގައިދާނެ. ނަމަވެސް ކޮންމެ ވަޒީފާއަކުން ވެސް އެތައް ބައިވަރު ކަންތައްތަކެއް ދަސްވެގެން ދާނެ. ކޮންމެ ވަޒީފާއަކީ ވެސް ކުރިމަގަށް އެޅޭ ފާލަމެއް ނޫނީ ކުރިޔަށް ދިޔުމަށް ޓަކައި އެހީއެއް އެއީ. އަދި މީގެ އިތުރުން އަމިއްލަ ފައިމައްޗަށް ތެދުވެ އެހެން މީހުންނަށް އެހީވެވޭނޭ މަގެއްކަން ހަނދާން ބަހައްޓަން ޖެހޭ.

ކެރިއާއެއް އިޚްތިޔާރު ކުރުމަށް ފަހު މައިންޑް ޗޭންޖަކަށްވާ ނަމަ ކުރާނީ ކީއް؟

ހިޔާލު ބަދަލުވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް ހިޔާލު ބަދަލުވާއިރަށް ވިސްނާނުލާ ކަންކަން ކުރުން އެއީ މައްސަލައެއް. އެހެންކަމުން ކެރިޔާއެއް ކަނޑައެޅުމަށް ފަހު ހިޔާލު ބަދަލުވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރުން އެންމެ މުހިންމު ކަމަކީ އެކަމާ ވިސްނުން. އަދާ ކުރެވޭ ވަޒީފާގައި ހުރި ހިތްހަމަ ޖެހޭ ކަންތަކާއި ނުޖެހޭ ކަންކަން ފާހަގަކޮށް ނުރަނގަޅު ކަންކަން ގިނަ ނަމަ އެކަންކަން ހައްލު ކުރާނެ ގޮތެއް ހޯދި ދާނެ. ނުވަތަ އަދާކުރާ ވަޒީފާގެ ދާއިރާއިން އެހެން ވަޒީފާއަކާ ގަޔާވޭތޯ ބެލިދާނެ.

ވަޒީފާގެ ރޮނގު މުޅިން ބަދަލުކުރަން ބޭނުން ނަމަ ދެން ކުރިއަށްދާން ބޭނުންވާ ރޮނގަކާ ގުޅޭ ގޮތުން ދިރާސާކޮށް މައުލޫމާތު ހޯދުން މުހިންމު. އަދި އެހެން މީހުންގެ ޚިޔާލު ވެސް ހޯދިދާނެ. މީގެ އިތުރުން ވަޒީފާ އިން ލިބޭ އާމްދަނީއަށް ބަރޯސާވެގެން އުޅޭ މީހެއްކަމުގައިވާ ނަމަ އާމްދަނީ ލިބޭ އެހެން ގޮތެއް ނުހޯދައި ވަޒީފާ ދޫކޮށްލުމަކީ މާލީ ގޮތުން ބުއްދިވެރި ކަމެއް ނޫން. މިހުރިހާ ކަމަކާ ވިސްނުމަށް ފަހު ކެރިޔާ ބަދަލުކުރުމަކީ އެއްވެސް މައްސަލަ އެއްނޫން. ތިމާ ގަޔާވާ އަދި ކުރާހިތްވާ ކަމެއް ކުރުމަކީ އަބަދު ވެސް މުހިންމު ކަމެއް.

ހުނަރަކީ ދުވަހުން ދުވަހަށް އިތުރުވާ އެއްޗެއް. ވަޒީފާގައި އުޅުމުން އަދި އުމުރުން ދޮށީވަމުންދާ ވަރަކަށް މަޢުލޫމާތު މުއްސަނދިވެ، މީގެ ފަސް ނުވަތަ ދިހަ އަހަރު ކުރިން ބޭނުންވި ކެރިއާ މިހާރު ބޭނުން ނުވެ ހިނގައި ދާނެ. ނަމަވެސް ވަގުތުން ވަޒީފާ ދޫކޮށްލުމުގެ ބަދަލުގައި މިހާރު ބޭނުންވާ ކެރިއާ އަށް ވާސިލުވެވޭނެ މަގުތަކަށް ވިސްނައި، އިތުރަށް ކިޔަވައި ހުނަރުތައް ވަޒީފާގައި އުޅެމުން ވެސް ދަސްކުރެވިދާނެ. ނުވަތަ މިހާރު ހުރި ހުނަރެއް ބޭނުންކޮށްގެން ވެސް ކެރިއާ މުޅިން ބަދަލުކޮށްލެވިދާނެ. މިސާލަކަށް ވިޔަފާރި ދާއިރާއިން ކިޔަވައި އެ ދާއިރާ އިން މަސައްކަތްކުރާ ފަރާތަކަށް، ކެރިއާ ބަދަލުކޮށް ވިޔަފާރި ދާއިރާގެ މުދައްރިސަކަށް ވެވިދާނެ، ނުވަތަ ދެކަން އެކީ ވެސް ކުރެވިދާނެ. ޑޮކްޓަރަކަށް، އެދާއިރާއިން ކިޔަވައި ދެވިދާނެ. ނުވަތަ އަމިއްލަ ކްލިނިކެއްގެ ހިންގުންތެރިއަކަށް ވެވިދާނެ. ކެރިއާ ބަދަލުކުމަކީ މައްސަލައެއް ނޫން. ނަމަވެސް މި ނިންމުން ނިންމަން ޖެހޭނީ ކުރިޔާލާ ވިސްނައިގެން.

ހައްވާ ލީޝާ -- ފޮޓޯ: ހުސެއިން ޝަޔާހް/ސަން

ކެރިއާ އިޚްތިޔާރުކުރުމުގައި ބެލެނިވެރިންގެ ދައުރަކީ ކޮބާ؟

ކެރިއާއެއް ހިޔާރުކުރުމުގައި ބެލެނިވެރިންގެ ލަފާ ހޯދުމަކީ މުހިންމުކަމެއް. އެއީ ތިމާގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި ހުނަރުތައް ބެލެނިވެރިންނަށް ރަނގަޅަށް އިނގޭނެތީ. ނަމަވެސް ކުއްޖާ ކުރިއަށް ދާން ބޭނުންވާ ރޮނގު ބެލެނިވެރިން ކަނޑައެޅުމަކީ ރަނގަޅުކަމެއް ނޫން. އެކުއްޖަކު ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިޔާރު އެކުއްޖަކަށް އޮންނަންވާނެ. ނޫން ނަމަ ވަޒީފާދެކެ ކުއްޖާ ފޫހިވެ، މަސައްކަތް ކުރަން އުނދަގުވެގެން ހިނގައިދާނެ. އެހެންނަމަވެސް ކުއްޖާ ނިންމާ ނިންމުން ރަނގަޅު ނޫން ނަމަ އެކަމާ ގުޅިގެން ލަފާދީ ވިސްނަދޭން މަސައްކަތް ކުރެވިދާނެ. ގަދަކަމުން ކަންކަން ކުރުވުމަކީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ނޫން. އެހެން ކަމުން ކުއްޖާގެ އުމުރާ ގުޅޭ ގޮތުން، ކަންކަން ނިންމުމުގައި ކުއްޖޭގެ ހިޔާލު ހޯދުމަކީ ކުއްޖާ ބޮޑުވެގެން އަންނަ އިރު އަމިއްލައަށް ނިންމުންތައް ނިންމުމަށް ފަސްނުޖެހި އަމިއްލަ ފައިމައްޗަށް ތެދުވާން ފެސޭހަ ކުއްޖަކަށް ވުމަށް އެހީއަކަށް ވާނެ.

comment ކޮމެންޓް