އިސްލާމީ ސަލާމުގެ ބަދަލުގައި "ހެލޯ" ބުނުމަކީ ރަހުމަތަށް ބޮލާލާޖެހުން: ހުތުބާ

މާލޭގެ ސުޓޭޑިއަމް ސަރަހައްދުގައި ބޮޑު އީދު ނަމާދަށް ފަހު ސަލާމް ކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ދީނުގައި އޮތް ގޮތް ނޫން ގޮތްގޮތަށް އެކަކު އަނެކަކަށް ސަލާމް ބުނުމަކީ ﷲގެ ރަހުމަތަށް ބޮލާލާޖެހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައި ވަނީ އިސްލާމްދީނުގައި ސަލާމް ބުނުން އޮންނަ ގޮތާއި އެކަން ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

"ސަލާމް ކުރުމަށް އިސްލާމްދީނުގައި ވަކި ހާއްސަ އިބާރާތެއް ކަނޑައެޅިފައިވާއިރު އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އޭގެ ބަދަލުގައި "ހަލޯ"، "ހާއި"، ނުވަތަ ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތްކޮށްލުމަކީ ﷲގެ ރަހުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލައި ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ." ހުތުބާގައި ބުންޏެވެ.

"ލޮބުވެތި މުސްލިމް އަހުންނޭވެ. ދޭދޭ ފަރުދުން ބައްދަލުވާއިރު އިސްލާމީ ސަލާމުން ސަލާމް ކުރާ ބަޔަކަށް ވުމަށް އާދަކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސް ވަމާތޯއެވެ. އަދި ފޯނު ކުރުމާއި މީސްމީޑިއާގެ ވަސީލަތްތަކުން އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައިވެސް އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމްކުރަމާތޯއެވެ." މިއަދުގެ ހުތުބާގައި ގޮވާލިއެވެ.

ސަލާމް ކުރުމަކީ އެކަމެއް ކޮށްފިނަމަ މީސްތަކުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ކަމަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހިސައްލަމް ހަދީސްކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.

"މިއަދު އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ބާވެ، މިތުރުން ހަތުރުންނަށް ވެއްޖެއެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ކެނޑި، ދެމަފިރިން ދެބަސްވެ، ރަހުމަތްތެރިން އަދާވާތްތެރިންނަށް ބަދަލުވަމުން މިދަނީ އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް ދަމަހައްޓަން ޖެހޭ ލޯބި ދެމެހެއްޓުމަށް ދީނުގައި އަންގަވާފައިވާ ސަލާމުކުރުމުގެ އާދައާ އަޅުގަނޑުމެން ބީރައްޓެހިވުމުންނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ސަލާމްކުރުމުގެ އަދަބުތަކާ ބެހޭގޮތުން ހުތުބާގައި ވަނީ، ތިމާއަށް ވުރެ ބޮޑެތި މީހުންނާ ބައްދަލުވާ އިރު އިސްވެ ސަލާމްކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރިއެވެ. އަދި ސަލާމް ކުރަން ޖެހޭނީ ހަމައެކަނި ދަންނަ މީހުންނާ އެކަނި ނޫންކަމުގައި ބުނެ، ހަމައެކަނި ދަންނަ މީހުންނާ ސަލާމްކުރުމަކީ ގިޔާމަތްވުމުގެ އަލާމާތެއް ކަމަށް ރަސޫލާ ހަދީސްކުރައްވައިފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.

މިއަދު މީހުންގެ މެދުގައި އާންމުވެފައި ވަނީ ނަމާދުން ފައިބާ އިރުގައިވެސް ހަމައެކަނި ދަންނަ މީހުންނާ ސަލާމްކުރުން ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން ނުދަންނަ މީހުންނާ ސަލާމްކުރުމަކީ ސަލާމްކުރުމުގެ ރިވެތި އާދަ ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ބުންޏެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކުރަން ޖެހޭ ފަސް ހައްގުކަމަށް ރަސޫލާ އެންގެވި ހައްގުތަކުގެ ތެރޭގައި ސަލާމްކުރުމުން ސަލާމް ބަލައިގަތުން ހިމެނޭކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް