އަމިއްލަ މަސައްކަތުން ކައިލީ އެންމެ ޒުވާން ބިލިޔަނަރަށް

ކައިލީ ޖެނާ--

ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިޔަނަރު ކަމަށް ފޯބްސް އިން ބުނެފި އެވެ.

ކައިލީ ޖެނާ އަށް އެންމެ ޒުވާން ބިލިޔަނަރުގެ ޝަރަފު ލިބުނީ އޭނާ ފެށި ކޮސްމެޓިކްސް ވިޔަފާރި ފުޅާވެ، ލިބުނު ފައިދާ ބޮޑުވެގެންނެވެ. ފޯބްސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކައިލީގެ މިލްކިއްޔާތުގައި މިހާރު ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ކައިލީގެ ކޮސްމެޓިކްސް ލައިން އެންމެ ފުރަތަމަ ފެށީ ލިޕް ކިޓާ އެކު ނަމަވެސް އެ ވިޔަފާރި ފުޅާކޮށް މޭކަޕް ކުރުމުގައި ބޭނުންކުރާ ހުރިހާ ސާމާނެއް އެ ކޮސްމެޓިކްސް ލައިންގެ ދަށުން މިހާރު ވިއްކަ އެވެ. ކައިލީގެ ކޮސްމެޓިކްސް ލައިނަށް މިދިޔަ އަހަރު އެކަނި ވެސް 360 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އޭނާގެ ކޮސްމެޓިކްސް ކުންފުނީގެ އަގު 900 މިލިއަން ޑޮލަރަށް އަރަ އެވެ.

ކައިލީ ޖެނާ ބުނެފައި ވަނީ މިހާ ޒުވާން އުމުރުގައި ބިލިޔަނަރަކަށް ވުމަކީ އުއްމީދު ކުރި ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ލިބުނު ކާމިޔާބީއަށް އުފާ ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ. ކައިލީ ބުނެފައި ވަނީ އޭނާއަށް ލިބުނު ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާކުރަނީ ސޯޝަލް މީޑިއާގައި ތިބި ފޭނުން ކަމަށެވެ.

މީގެ ކުރިން އެންމެ ޒުވާން އުމުރުގައި ބިލިޔަނަރަކަށް ވުމުގެ ޝރަފު އޮތީ ފޭސްބުކްގެ ކޯ ފައުންޑަރު މާކް ޒަކަބާގްގެ އަތުގަ އެވެ. އޭނާ ބިލިޔަނަރަކަށްވީ އުމުރުން 23 އަހަރުގަ އެވެ. ކައިލީ އަށް މި ޝަރަފު ލިބުނީ އުމުރުން 21 އަހަރުގަ އެވެ.

https://sun.mv/107955

comment ކޮމެންޓް