ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ބުދުތަކުގެ ފޮޓޯ އާންމު ކޮށްފި

ކަސްޓަމްސް އިން އާންމު ކުރި ފޮޓޯ--- ފޮޓޯ: ކަސްޓަމްސް

އިންޑިއާ އިން ރާއްޖެއަށް އެތެރެ ކުއަން އުޅެނިކޮށް މިމަހުގެ ތިންވަނަ ދުވަހު ހިފެހެއްޓި ބުދުތަކުގެ ފޮޓޯ ކަސްޓަމްސް އިން އާންމު ކޮށްފިއެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ އިންޑިއާ އިން ރާއްޖެ އެތެރެކުރަން އުޅުނު އެކި ސައިޒްގެ 28 ބުދު އާދިއްތަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. މި ބުދުތައް އަތުލައިގަތީ ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވާން އުޅުނު އިންޑިއާގެެ ހަތަރުމީހެއްގެ އަތުން ކަމަށާއި އެމީހުންގެ ލަގެޖު ފާސްކުރީ އަޅުކަން ކުރަން ގެންގުޅޭ ޒާތުގެ ބުދުތަކެއް ލަގެޖުތަކުގައި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

އެމީހުން ރާއްޖެއައީ "ޕީސްފުލް ގެދަރިން" އަކަށް ކަމަށް މި މީހުން ބުނެފައިވާ ކަމަށާއި އެ ތަކެއްޗަކީ އާޓިފެކްޓްސް ތަކެއް އެމީހުން ކަމަށް ބުނެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަޅުކަން ކުރަން ގެންގުޅޭ ބުދަކީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެ ކުރުން މަނާ އެއްޗެކެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނަ އިރު، އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެ ފަރާތްތަކަށް ކަސްޓަންސް އިން އާންމު ގަވާއިދުން ލިބިގެންދެއެވެ.

ރާއްޖެއަށް ބުދު އެތެރެކުއަން އުޅުނު ކަމަށް ކަސްޓަމްސް އިން އިއްޔެ މީޑިއާ އަށް މައުލޫމާތު ދިން ނަމަވެސް އެ ބުދުތތަކުގެ އެއްވެސް ފޮޓޯ އެއް އިއްޔެ އާންމެއް ނުކުރެއެވެ. މިއަދު ކަސްޓަމްސް އިން ވަނީ އެތަނުން ބުދެއްގެ ފޮޓޯ އާންމުކޮށްފައެވެ.

comment ކޮމެންޓް