އުމުރުން 41 އަހަރު، އެކަމަކު އޭގެ އަށްގުނަ މުސްކުޅި

ޓިފަނީ ވެޑެކިންޑް،41 އޭނާއަށް ވަނީ ކޮންމެ 50 މިލިއަން މީހުންގެ ތެރެއިން އެކަކަށް ދިމާވާ ބައްޔެއް ޖެހިފައި

ޓިފަނީ ވެޑެކިންޑް 41، އަކީ ކޮންމެ 50 މިލިއަން މީހުންގެ ތެރެއިން އެކަަކަށް ދިމާވާ ހާއްސަ ބައްޔެއްކަމުގައިވާ "ބެންޖަމިން ބަޓަން" ޖެހިފައިވާ މީހެކެެވެ. މި ބަލީގެ ސަބަބުން އޭނާގެ އުމުރަށްވުރެ އަށްގުނަ އޭނާ އުމުރުން ދޮށި ކަމަށް ދައްކައެވެ.

މުޅި ދުނިޔޭގައިވެސް މިހާތަނަށް ޖުމްލަ 156 މީހުން މި ބައްޔަށް ޑައިގްނޯޒް ކުރެވިފައި ވެއެވެ. އޭގެތެރެއިންވެސް ޓިފަނީގެ ހާލަތް ހާއްސައެވެ. ސަބަބަކީ އެވްރެޖް ގޮތެއްގައި މި ބަލި ޑައިގްނޯޒް ކުރެވެނީ އުފަންވާތާ ފުރަތަމަ ދެއަހަރު ތެރޭގައި ކަމަށްވެފައި އަދި އުމުރުން 12 އަހަރަށްވުރެ އިތުރަށް ދުނިޔޭގައި ހުރުމުގެ ޔަގީންކަން ނެތުމެވެ. އެއާއެކު ޓިފަނީ ވެފައިވަނީ މި ބަލި ޖެހި އަދި ހާލަތު ގޯސްވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަދުވަހު ދުނިޔޭގައި ދިރިހުރި މީހާއަށެވެ. އެންމެ ގިނަދުވަހު ދެން ދުނިޔޭގައި ހުރީ ލިއޯން ބޮއޯތާ ކިޔާ މީހެކެވެ. އޭނާ މަރުވީީ އުމުރުން 26 އަހަރުގައެވެ.

ޓިފަނީއަށް މި ހާލަތު މެދުވެރިވީ، އުމުރުން 70 އަހަރުވެފައިވާ އޭނާގެ މަންމަގެ ޖީންސްއިން ކަމަށް މެޑިކަލް ރިކޯޑްސްތަކުން ދައްކައެވެ. މި ބަލީގެ އެއްވެސް އަސަރެއް އޭނާގެ މަންމައަށް ނުކުރި ނަމަވެސް ޓިފަނީގެ ބޭބެވެސް މީގެ ހަތް އަހަރުކުރިންވަނީ މި ބަލީގެ އަސަރުތަކެއްގައި މަރުވެފައެވެ.

ޓިފަނީ އާއި އޭނާގެ ބޭބެ-- ފޮޓޯ: ޑެއިލީ މެއިލް

ޓިފަނީ ބުނާ ގޮތުން ކުޑައިރުއްސުރެ ވެސް އޭނާއާއި ބޭބެ އެހެން ކުދިންނަށް ވުރެ ތަފާތުކަން އެނގެއެވެ. ނަަމަވެސް ޑޮކްޓަރުންގެ ސަމާލުކަމަށް މި މައްސަލަ އައީ ބޭބެއަށް އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވާން ފެށުމުންނެވެ.

ޓިފަނީ އަށް މި ބަލީގެ ސަބަބުން ވަނީ ދަތްފަނި ކެއުމާއި، އިސްތަށި ފޭބުމާއި އަދި ހިތުގެ މައްސަލަތައް ވެސް ކުރިމަތިވަމުންނެވެ. ޓިފަނީގެ އިސްކޮޅުގައި 4 ފޫޓު 5 އިންޗި ހުންނައިރު، ބަރުދަނުގައި ހުންނަނީ އެންމެ 26 ކިލޯއެވެ.

ދުޅަހެޔޮކޮށް ހުރުމަށް ޓިފަނީ ދަނީ މިހާރުވެސް ޔޯގާ ހަދަމުން -- ފޮޓޯ:ޑެއިލީ މެއިލް

އެހެންނަމަވެސް، ޔޯގާއަށް ލޯބިކުރާ ޓިފަނީ ދަނީ އާންމު ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްކުރަމުންނެވެ.

"އަހަންނަށް އެނގޭ އަހަރެން ތަފާތުކަން. އެކަމަކު އެކަމާ ފަރުވާލެއް ނެތް. ބޭނުންވަނީ އަހަރެންގެ ގޮތުގައި ކުރިއަށްދާން" ސާފުކުރާ ވިޔަފާރިއަކާއި އަދި އުއްބައްތި އުފައްދާ ވިޔަފާރިއެއް ހިންގަމުންދާ ޓިފަނީ އޭނާގެ ހާލަތާ މެދު ބައެއް މީޑީއާތަކަށް ދިން އިންޓަވިއުއެއްގައި ވެއެވެ.

ޓިފަނީ އޭނާގެ އާއިލާ މެންބަރުންނާއި އެކު-- ފޮޓޯ: ޑެއިލީ މެއިލް

އޭނާ ބުނިގޮތުގައި މި ބަލި ޖެހިފައިވާ އެހެންމީހުންގެ ހާލަތަށް ބަލާނަމަ އޭނާއަކީ ނަސީބުވެރިއެކެވެ. އެހެންކަމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މަސްތައް ވަރުގަދަ ކުރުމަށްޓަކައި ގަވާއިދުން އޭނާ އަންނަނީ ޔޯގާ ހަދަމުންނެވެ.

comment ކޮމެންޓް