އާބާދީ އެއްފަސް ކުރުމުގެ އެއް ފައިދާ

ކުޅުދުއްފުށި އެއާޕޯޓް އަޅަން މޫދުން ހިއްކާ ސަރަހައްދުގެ ބަންޑުވޯލް ޖަހާފައި: ބޮޑު ރަށެއް -- ފޮޓޯ/ ކުޅުފުއްފުށި އޮންލައިން

ދިވެހިރާއްޖޭގެ އާބާދީ ވީ ވަރަކުން އެއްފަސް ކުރުމުގެ ވާހަކަޔަކީ އެކި ގޮތްގޮތަށް ދެކެވޭތާ ޒަމާންތަކެއް ވެއްޖެ ވާހަކައެކެވެ. އަޅުގަނޑު ވެސް މި ކޮލަމުގެ ޒަރީއާއިން އެ ވާހަކަ އެކި ގޮތްގޮތަށް ދައްކައިފީމެވެ. އަނެއްކާވެސް އެ ވާހަކަ ދައްކާލާނަމޭ ހިތައި ގަލަން މި ނެގީ، ހަމަ ކަމުގެ މުހިއްމުކަމުންނެވެ. އާބާދީ އެއްފަސް ނުކުރެވުމުން އެކި ގޮތްގޮތުން ގައުމަށް ލިބޭ ގެއްލުންތަކާއި، ދައުލަތުގެ މަސައްކަތްތަކަށް އެޅެމުންދާ ބޮޑެތި ހުރަސްތަކާއި، ހިނގާ ބޭކާރު ޚަރަދުތައް ފެންނަވަރުންނެވެ. އާބާދީ އެއްފަސް ކުރުމުގެ ޕްރޮގްރާމެއް އޮތް ނަމަވެސް، އެ ޕްރޮގްރާމުގެ ދުވެލި މާ ލަސްކަމުންނެވެ.

އެންމެ ފުރަތަމަ އެއް ނުކުތާ އޮޅުމެއް ނާރާ ވަރަށް ސާފު ކުރަމާ ހިންގަވާށެވެ.

މުޅި ރާއްޖޭގެ އާބާދީ ހަމައެކަނި މާލެޔަށް ނުވަތަ މާލެޔާއި ހުޅުމާލެޔަށް ޖަމާ ކުރުމަކީ ގޯހެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މީހުން ދިރިއުޅޭ މަދުވެގެން ދެ ރަށެއް ވަރު އޮންނާން ވާނެއެވެ. ތިން ރަށެއް އޮތުމަކުން ވެސް މައްސަލައެއް ނެތެވެ. އެހެންކަމުން، އާބާދީ އެއްފަސް ކުރާ ވާހަކަ މި ދަންނަވަނީ، މުޅި އާބާދީ އެއް ރަށަކަށް ޖަމާ ކުރާ ވާހަކައެއް ނޫނެވެ. މި ދަންނަވަނީ ކޮންމެ އަތޮޅެއްގައި ވެސް ދެތިން ރަށެއް ތަރައްގީ ކޮށް، އެ އަތޮޅެއްގެ އާބާދީ އެ ދެތިން ރަށަށް ޖަމާ ކުރާ ވާހަކައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރޭގައި، އާބާދީ 1000 އަށްވުރެ ދަށް 116 ރަށް އެބައޮތެވެ. އޭގެ ތެރެއިން 51 ރަށުގެ އާބާދީ 500 އަށް ވެސް ނާރައެވެ. ސޯޅަ ރަށެއްގެ އާބާދީ 300 އަށް ވެސް ނާރަ އެވެ.

އާބާދީ 300 އަށް ވުރެ ދަށުގައި ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކާ 16 ރަށް މި އަހަރު ނިމުމުގެ ކުރީން ހުސް ކޮށް، އެ ރަށްރަށުގެ މީހުން އަތޮޅުގައި ސިޓީއެއްގެ ގޮތުގައި ކުރިމަގުގައި ތަރައްގީ ކުރުމަށް ކަނޑައެޅޭ ރަށަކަށް ބަދަލު ކޮށްލަމާ ހިންގަވާށެވެ. މި ކަމަށް ޚަރަދުތަކެއް ދާނެއެވެ. އެހެނީ، އެކަން ކުރުމަށް ޓަކައި ބަދަލު ކުރެވޭ ރައްޔިތުންނަށް، އެމީހުން ގެންދެވޭ ރަށުގައި ގެދޮރު އަޅައިދޭން ޖެހޭނެއެވެ. އައު ރަށެއްގައި ދިރިއުޅުން ފަށައިގަތުމަށް ބޭނުން ވާ މާލީ އެހީތެރިކަން ވެސް ދޭން ވާނެއެވެ. މި ޚަރަދު ކުރުމަށް ޓަކައި ސަރުކާރުގެ ބަޖެޓުން މިންވަރަކާއި، ކޯރޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ވަކި ވަރަކަށް ވުރެ ފައިދާ ބޮޑު ވިޔަފާރި ކުންފުނިތަކުން އަތުލެވޭ މިންވަރަކާއި، އަދި އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައި ހޯދޭ ފައިސާ ވެސް ބޭނުން ކުރެވޭނެއެވެ. ކޮންމެ ގޮތަކަށް މިކަން ކުރި ނަމަވެސް، މީގެ ސަބަބުން ކުރިމަގުގައި އަޅުގަނޑުމެންނަށް ލިބޭނެ ފައިދާތަކަށް އަވަސް ކަޅިއެއް ހިންގައިލަމާ ބަހީއެވެ.

މި ދަންނަވާ 16 ރަށުގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރުވެސް ބަނދަރު ހެދިފައި ވެއެވެ. ނުހެދި ހުރި ރަށްރަށުގެ ރައްޔިތުން ވެސް އެ ޚިދުމަތަށް އެދެއެވެ. އެމީހުން އެ ރަށްރަށުގައި ބައިތިއްބާ ނަމަ، އެކަން ފުރިހަމަ ކޮށްދޭން ވެސް ޖެހޭނެއެވެ. މިހާރު ހުރި ބަނދަރުތަކާއި އަދި ފަހުން ހަދާ ބަނދަރުތައް މަރާމާތު ކޮށް ބަލަހައްޓާން ވެސް ޖެހޭނެއެވެ. މީގެ އިތުރުން، އެއިން ކޮންމެ ރަށެއްގައި ވެސް ދައުލަތުން ޚަރަދު ކޮށްގެން ހިންގާ މަދަރުސާ އެބަހުއްޓެވެ. ސިއްހީ މަރުކަޒު އެބަހުއްޓެވެ. ކައުންސިލާއި ކައުންސިލުގެ އިދާރާ އެބަހުއްޓެވެ. މެޖިސްޓްރޭޓް ކޯޓު އެބަހުއްޓެވެ. ފުލުހުންގެ ޚިދުމަތް އެބަދެވެއެވެ. މި ތަންތަނަށް ދައުލަތުން އަހަރެއްގެ މައްޗަށް ކުރާ ޚަރަދަށް އެކަނި ބެލިޔަސް، މި 16 ރަށަށް ކޮންމެ އަހަރަކު ދައުލަތުން 100 މިލިއަނާއި 200 މިލިއަނާ ދެމެދުގެ އަދަދަކަށް ޚަރަދު ކުރާން އެބަޖެހެއެވެ.

މިސާލަކަށް، މި ރަށްރަށުގައި ގާއިމު ކުރެވިފައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުގެ ހާލަތަށް ބަލައިލަމާ ހިންގަވާށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނާން ޖެހެއެވެ. އެހެންކަމުން އެއްކަލަ 16 ރަށުގައި ވެސް މެޖިސްޓްރޭޓް ކޯޓު ހުރެއެވެ. ނަމަވެސް އާބާދީގައި 500 ހަމަ ނުވާ ރަށްރަށުގައި ގާއިމު ވެހުންނަ މެޖިސްޓްރޭޓެއް ހުރުން ލާޒިމު ނުވާތީ، މިއިން އެއްވެސް ރަށެއްގައި އެ ރަށަށް ޚާއްސަ މެޖިސްޓްރޭޓެއް ނުހުންނަވާނެއެވެ. ހަމައެޔާއެކު، މިއިން ރަށެއްގެ ކޯޓަށް އަހަރަކު ހުށައެޅޭ މައްސަލަތަކުގެ ޖުމުލަ އުޅޭނީ އަހަރަކު ދިހައެއް، ފަނަރަ، ވިހި، ނުވަތަ ތިރީސް ހިސާބުގައެވެ. އެހައި މަދު މައްސަލަތަކެއް ބެލުމަށް ޓަކައި ވެސް، ކޯޓެއް ހުންނާތީ މުއައްޒަފުން ތިބޭން ޖެހެއެވެ. އެންމެ ކުޑަ ކޯޓަކަށް ވެސް، އެ ކޯޓުގެ ގާނޫނީ ވާޖިބު އަދާ ކުރެވޭނީ އިދާރީ ދެ މުއައްޒަފުންނާއި، ލީގަލް ދެ މުއައްޒަފުންނާއި، ފައިސާގެ ކަންކަން ކުރާ މުއައްޒިފަކާއި، ޕްރޮކިޔުމަންޓުގެ މަސައްކަތް ކުރާ މުއައްޒަފަކާއި، ދެ ހައުސްކީޕަރުން ތިބެގެންނެވެ. މީގެ އިތުރުން، ކޯޓެއް ހުންނަ ނަމަ އެތަނުގައި ވޮޗަރެއް ވެސް ހުންނާން ވާނެތާއެވެ. މި މުއައްޒަފުންގެ އަހަރުގެ މުސާރަ އެއް މިލިއަނަށް ވުރެ މަދެއް ނުވާނެއެވެ. މި ވާހަކަ ދައްކާ އިރު، ވަރަށް ގިނަ މެޖިސްޓްރޭޓް ކޯޓުތަކަކީ ދެތިން މުއައްޒަފުން ތިބެގެން، ނުހަނު ބޮޑު ތަކުލީފާއި ދަތިތައް ތަހައްމަލު ކުރަމުންގެންދާ ކޯޓުތައްކަން އަޅުގަނޑު ފާހަގަ ކުރަމެވެ. ހަމައެހެންމެ، މި ކޯޓުތަކުގެ މަރާމާތަށް ކުރާން ޖެހޭ ޚަރަދު ވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

އާބާދީ 500 އަށް ނާރާ ރަށްރަށުގައި ގާއިމު ވެހުންނަވާ މެޖިސްޓްރޭޓަކު ނުހުންނަވާތީ، އެއްކަލަ 16 ރަށުގައި މައްސަލަ ބަލާ ނިޒާމަށް ބަލައިލުމުން ވެސް ފެންނަނީ ހިތާމަ ކުރާން ޖެހޭ ކަހަލަ މަންޒަރެކެވެ. އެ ރަށްރަށުގައި މައްސަލަ ބެލުމަށް ޓަކައި ޖެހެނީ، އަތޮޅުގެ އެހެން ރަށްރަށުގެ މެޖިސްޓްރޭޓުންގެ ތެރެއިން މެޖިސްޓްރޭޓަކު އެ ރަށަކަށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ޒިޔާރަތް ކުރައްވާށެވެ. މިގޮތުން މެޖިސްޓްރޭޓުން ކުރައްވާ ދަތުރުތައް ކޮންމެ ފަހަރަކު އަތޮޅު ފެރީން ކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެހެންމެ، އެއީ ފަނޑިޔާރުންނަށް ރައްކައުތެރި ވެސް ގޮތެއް ނޫނެވެ. ބައެއް ހާލަތުތަކުގައި ނުހަނު ބޮޑު ޚަރަދު ކޮށްގެން ލޯންޗުފަހަރުގައި އެ ދަތުރުތައް ކުރައްވާން އޮންނަނީ ޖެހިފައެވެ. ޝަރުއީ ދާއިރާއަށް އަހަރަކު ލިބޭ ނުހަނު ކުޑަކުޑަ ބަޖެޓުގެ ވަރަށް ބޮޑު އެއްޗެއް ހޭދަ ވެގެން ދަނީ މި ދެންނެވި ދަތުރުތަކަށް "އަންދާ ތެލަށް" ކުރާ ޚަރަދުގެ ގޮތުގައެވެ. ދާއިރާގެ ތަރައްގީޔަށް ޓަކައި ކުރާން ޖެހޭ މުހިއްމު ކަންކަމަށް ހުރަސް އެޅޭ އެއް ސަބަބަކީ ވެސް، މި ދެންނެވި ހެން ދަތުރުތަކަށް ބަޖެޓުން ކުރާން ޖެހޭ ހޭދަ ބޮޑުވުމެވެ. ވަރަށް ގިނަ ފަހަރު މެޖިސްޓްރޭޓުން އެ ދަތުރުތައް ކުރައްވާން ޖެހެނީ ނުހަނު ގަދަ ކަނޑުގައެވެ.

މި ދަންނަވާ 16 ރަށުން މީހުން ބާލައި، އެމީހުން އަތޮޅުގައި ތަރައްގީ ކުރެވޭ ރަށަކަށް ގެންގޮސް އެއްފަސް ކުރުމުން، މި ހުރިހާ ޚަރަދަކާއި ތަކުލީފަކުން ސަލާމަތް ވެވުނީއެވެ. ހަމަ މި އުސޫލުން، ސިއްހީ މަރުކަޒުތަކާއި މަދަރުސާތަކަށް ވެސް ބަލައިލެވިދާނެއެވެ. މާ ދިގު ނުކޮށް، ކުރު ގޮތަކަށް ދަންނަވާ ނަމަ، ރަށެއްގައި މީހުން ދިރިއުޅޭ ނަމަ، އެ ރަށެއްގައި އަންހެނުންގެ ޑޮކްޓަރުންނާއި، ކުޑަކުދީންގެ ޑޮކްޓަރުން ފަދަ ސްޕެޝަލިސްޓް ޑޮކްޓަރުން ތިބޭން ޖެހެއެވެ. ދެތިންސަތޭކަ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ނުހަނު ބޮޑު ޚަރަދު ކޮށްގެން ޚާއްސަ ޑޮކްޓަރުން ބެއިތިއްބުމުގެ ބަދަލުގައި، އާބާދީ އެއްފަސް ކުރުމުން ޑޮކްޓަރުން ބޭނުން ވާ އަދަދު މަދު ކުރެވި، ޑޮކްޓަރުންނަށް ކުރާ ޚަރަދު ވެސް ނިސްބަތުން ކުޑަ ވަމުން ދާނެއެވެ. ރާއްޖޭގެ 188 ރަށުގައި ހަސްފަތާލު އަޅައިގެން، ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން އެތަންތަން ހިންގާހައި ދުވަހަކު، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓުގެ ބުރައިން ސަލާމަތް ވެވޭނީ ކިހިނެއްތޯއެވެ؟ އާބާދީ އެއްފަސް ކުރާ ވަރަކަށް، މި ދެންނަވި ކަންކަމަށް ކުރާ ޚަރަދު ކުޑަ ވަމުން، ބަޖެޓުގެ ޑެފިސިޓު ވެސް ކުޑަ ވަމުން ދާނެއެވެ.

އެއްވެސް ބަހުސެއް ނެތް މިންވަރަށް ސާފު ވާ ކަމަކީ، ދިވެހިރާއްޖޭގެ އާބާދީ 188 ރަށަށް ބަހައިލައިގެން، ދެތިން ސަތޭކައެއްހައި މީހުން ތިބޭ ރަށްރަށް ވެސް ހުސް ނުކޮށް، އާބާދީ އެއްފަސް ނުކޮށް ތިބުމަކީ އިންތިހާ ދަރަޖައިގެ މޮޔަ، އަދި ގެއްލުން ބޮޑު ކަމެއްކަމެވެ. ކުރީންވެސް ދެންނެވި ފަދައިން، އާބާދީގައި 500 ހަމަ ނުވާ ރަށްރަށް ހުސް ކޮށް، އެ ރަށްރަށުގެ ރައްޔިތުން އެމީހުން ނިސްބަތް ވާ އަތޮޅުގައި ކުރިމަގަށް ވިސްނައިގެން ތަރައްގީ ކުރެވޭ ރަށަކަށް ބަދަލު ކުރުމުގެ އަވަސް މަޝްރޫއެއް ފަށައި، މި އަހަރު ނިމުމުގެ ކުރީން އެކަން ކުރަމާތޯއެވެ. އެއަށް ފަހު، ދެން ކުރިޔަށް އޮތް ތިން އަހަރަށް، އާބާދީގައި 1000 ހަމަ ނުވާ ރަށްރަށުގެ ރައްޔިތުން ވެސް، އެއްފަސް ކުރެވޭ ދިމާޔަކަށް ގެންދިޔުމުގެ މަޝްރޫއެއް ހިންގާނީއެވެ. އެކަން ކުރެވިއްޖެ ނަމަ، އެއީ މި ސަރުކާރަށް ގައުމީ ތަރައްގީގެ މަގުގައި އެޅޭ އާދަޔާ ޚިލާފު މުހިއްމު ފިޔަވަޅަކަށް ވާނެއެވެ.

comment ކޮމެންޓް