ތަރައްގީއަކީ ޖީބަށް ވަންނަ އެއްޗެއް އިތުރުވުން: ނަޝީދު

ނަޝީދު ތުޅާދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި --- ފޮޓޯ/ އެމްޑީޕީ

ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުވުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ދާއިރާގެ ފެހެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ގެނެސްދޭ އެޖެންޑާ 19 އިން ރައްޔިތުންގެ ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމަށެވެ.

އެޖެންޑާ 19 ގެ ބޭނުމަކީވެސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ވަސީލަތަކަށްވުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

" ތަރައްގީއަކީ ތިމަންނާގެ ޖީބަށް ވަންނަ އެއްޗެއް އިތުރުވުން. ތިބޭފުޅުންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ގޮތްވުން. އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން އަނބިދަރިން ބެލެހެއްޓޭނެ ގޮތެއް ހޯދުން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފެހެންދޫގެ ގުދުރަތީ ރީތިކަން ކައިރީ އޮންނަ ރިސޯޓެއްގެ ގުދުރަތީ ރީތިކަމާއި އެއްވަރު ކަމަށެވެ. އެހެންނަމަވެސް އެ ރިސޯޓުތަކަށް ފެނާ ނަރުދަމާ އަދި އެހެނިހެން ވަސީލަތްތައް ލިބޭއިރު ފެހެންދޫއަށް އެ ވަސީލަތްތައް ނުލިބުމަކީ މައްސަލައެއް ކަމަށެވެ.

" އަޅުގަނޑަށް ޔަގީން ކަށަވަރު މި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތިބޭފުޅުންގެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވޭނެ. އެއީކީ ޝައްކު ހިނގާ ކަމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ތުޅާދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި --- ފޮޓޯ/ އެމްޑީޕީ

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދޭންޖެހޭ ސަބަބުތައް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. ރައްޔިތުން ވެރިކަން ބަދަލުކުރި އެންމެ މުހިންމު އެއް ސަބަބަކީ ވައްކަން ހުއްޓުވުމާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފާއިރު އެ ވައުދުތައް ފުއްދުމަށް އެހީވުމަކީ ރައްޔިތުންގެ މަޖިލީހަށް ވާޖިބު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

" ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިއްތިހާދުވީ ރައްޔިތުންގެ ކަންތައްތަކެއް ކޮށްދިނުމަށްޓަކައި. ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަށް ފުއްދައިދިނުމަށް ޓަކައި. މިއަދު އަޅުގަނޑުމެންނަކަށް އިއްތިހާދަކުންނެއް ނުފެނޭ ރައްޔިތުން އެދޭ ބިލުތަކަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލަމުން ދާ ތަނެއް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ބިލުތައް މަޖިލީހުގައި ފާސްވެގެން ދާނީ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރީމަކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

" އައްޑޫއިން ކެލަޔަށް ހަރު އަޑުން ބުނަމުންދާ އަޑު އަޅުގަނޑުމެންނަށް އެބައިވޭ. ރަންރީނދޫ ކުލައިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ފަވާލެވުނީމާ ނޫނީޔާ ރައްޔިތުންގެ ތި އުންމީދުތައް ހަގީގަތަކަށް ވެގެން ނުދާނެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުން ނޫން އެހެން މަސްލަހަތެއް އެމްޑީޕީގައި ނެތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީން ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވަނީ އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު ހިސާން ހުސައިން އެވެ.

comment ކޮމެންޓް