މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވާން ހުޅުވާލައިފި

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި މީހަކު ވޯޓު ލަނީ: ރިޔާސީ އިންތިހާބްގައި ވޯޓުލި ތަނަށް ރަޖެސްޓްރީ ނުވި ނަމަވެސް މިފަހަރު ވޯޓު ލެވޭނެ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށް ވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރީ ރެޖިސްޓްރީވުމަށް އިއްޔެ ހުޅުވާލިއިރު އެ ފުރުސަތު ބަންދު ވަނީ މާޗް މަހުގެ ދެވަނަ ދުވަހަށް ކަމަށެވެ.

ރީ ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަންގެގެ އިއުލާނުގައި ބުނެފައިވެ އެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އެ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި އެ ފޯމް އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ހުންނާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ޖެހެ އެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ.

ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށް އީސީން ބުނެއެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭ އިރު އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމު ކަމަށް އީސީން ބުންޏެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމެވެ.

comment ކޮމެންޓް