ކޯޓުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން: އުއްތަމަ ފަނޑިޔާރު

މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޯޓުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ވިދާޅުވެ އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

"ޝަރުއީ ދާއިރާގެ ޕާފޯމަންސް ރަނގަޅުކޮށް ކޯޓުތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ކައުންސިލުތަކާއި އެއް އިމާރާތެއްގައި އިދާރީ މަސައްކަތްތައް ކުރިއަށް ގެންގޮސް، އެއް ކޮޓަރީގައި ހުރިހާ މައްސަލައެއް ބަލާ 67 މެޖިސްޓްރޭޓު ކޯޓު އެބަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށްވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިވިލްކޯޓުގައި 16 ގާޒީން މަސައްކަތް ކުރާ އިރު އެ ކޯޓުގައި ހުރީ އެންމެ ހަތަރު ރޫމްކަން އަޅުގަނޑު ފާހަގަ ކުރަން. ފެމިލީ ކޯޓަށް ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެ ކޯޓު ހިންގަމުން ދަނީ ދެ ބަޔަކަށް ބަހާލައިގެން ޖަސްޓިސް ބިލްޑިންގެ އިމާރާތުގައި އެއްބައި އަދި ހެންވޭރުގައި ހުރި އިމާރާތުގައި ކޯޓުގެ ދެ ސެކްޝަން އިންވާ ގޮތަށް އިންތިޒާމުކޮށްގެން. ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު ހިނގަމުން ދަނީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތްތަކެއްގައި ކަމަށްވާތީ އެ އިމާރާތްތަކަށް ކޮންމެ އަހަރަކުވެސް ބޮޑެތި މަރާމާތްތަކެއް ކުރަން ޖެހި އޭގެ ސަބަބުން އެ ކޯޓުތަކުގެ މަސައްކަތަށް ވަރަށް ބޮޑަށް ދަތިވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް އަދުލު އިންސާފަށް ވާސިލުވުމުގެ ގޮތުން ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އަދުލު އިންސާފަށް ވާސިލުވެ، އަދުލު އިންސާފަށް ވާސިލުވުމުގެ އަވަސްކަން އިތުރު ކުރުމާ އެކު، ޝަރުއީ ދާއިރާ ހިންގުމުގެ ނިޒާމު ހަރަދަނާ ކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް މިރޭ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެގޮތުން، ޝަރުއީ ދާއިރާއާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް ގެނެސްދިނުމާއި، ޝައުރީ ދާއިރާގެ ޕާފޯމަންސް ރިޕޯޓުތަކާއި، ކޭސް މެނޭޖްމެންޓު ރިޕޯޓުތައް ޝާއިއުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހުކުމްތައްވެސް އާންމުންނަށް ފެންނަ ގޮތަށް ހެދާފައިވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް