ކޯޓުގައި މައްސަލަ ނުނިންމައި ބޭއްވުމަށް ވުރެ ބޮޑު އަނިޔާއެއް ދެވޭނެތޯ ސުވާލު އުފެދޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިރޭގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ އެކު-- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުނިންމައި ގިނަ ދުވަހު ބޭއްވުމަށް ވުރެ ބޮޑު އަނިޔާއެއް ރައްޔިތުމީހާއަށް ދެވޭނެތޯ ހިތުގައި ސުވާލު އުފެދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަނޑިޔާރުގެއަކަށް މީހަކު ދާނީ، އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ކޮންމެވެސް ހައްގެއް އަނބުރާ ހޯދުމަށް ނުވަތަ ކޮންމެވެސް އަނިޔާއެއް ނުވަތަ ބޭއިންސާފަކުން މިންޖު ކޮށްދިނުމަށް އެދިގެން ކަމަށެވެ. އެހެން ކަމުން، ފަނޑިޔާރުންނަކީ ވަރަށް މަތިވެރި ޒިންމާތަކެއް އެޅިފައިވާ ބައެއް ކަމަށާއި ފަނޑިޔާރުގޭގެ ނިންމުންތަކާއި ގައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަނިޔާވެރިކަމާއި ބޭއިންސާފުގެ ވާހަކަ ދައްކާއިރު އަބަދުވެސް ބުނެ އުޅޭ، ކޮންމެ އިހުމާލަކީ އަނިޔާއެކޭ. އެހެންކަމަށްވާނަމަ، ޙައްގެއް ހޯދުމަށް ފަނޑިޔާރުގެއަށް ހުށަހެޅުމުން، އެކަމާމެދު އަޅައިލުމެއްނެތި، ތިން ހަތަރު އަހަރު ވަންދެން މައްސަލަ ބާއްވާއިރު، އެއަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެބާވައޭ، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ގައުމުގެ އިގްތިސާދަށްވެސް އެކަމުގެ އަސަރު ކުރާ ކަމެއް ކަމަށެވެ.

"ވިޔަފާރިއާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ނިޒާމާ ބެހޭގޮތުން، 2014 ވަނަ އަހަރު ޔޫއެންޑީޕީން ހެދި ސާރވޭއަކާ ހަވާލާދީ، ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތްގަނޑަކަށް 71 އިންސައްތަ މީހުން ބޭނުންވަނީ ކޯޓުތަކަށް ނުގޮސް މައްސަލަތައް ހައްލުކުރަން ކަމުގަ އެވެ.

"ސަބަބަކީ ކޯޓުތަކަށް އިތުބާރު ނުކުރެވުން. އެއީ އިންސާފު ލިބޭނެކަމުގެ އިތުބާރު ނެތުން. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތް ކުރެވޭނެ ކަމުގެ އިތުބާރުވެސް ނެތުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ފަނޑިޔާރުގޭގެ ގާނޫނީ އޮނިގަނޑު އިސްސާހު ކުރުން އަދި އިންސާފުގެ މަގަށް ޝަރީއަތް ކުރެވޭނެ މާހައުލެއް ފަނޑިޔާރުންނަށް ގާއިމްކޮށްދިނުމަކީ ނަޒާހަތްތެރި ފަނޑިޔާރު ގެޔެއް އުފެދުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މިރޭ އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ފަނޑިޔާރުގެ އިސާލާހުކޮށް، އިންސާފުގެ މަގަށް ޝަރީއަތް ކުރެވޭނެ މަގު ކޮށުމަކީ، އަޅުގަނޑުގެ ރިއާސީ ވައުދެއް. މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން އެ ވައުދު ފުއްދާނެ. އަޅުގަނޑުމެން އެކަން ކުރާނީ، ގާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާވެސް ހޯދައިގެން،"

comment ކޮމެންޓް