ފަނޑިޔާރުގެއަކީ ރައްޔިތުންނާ އެންމެ ރައްޓެހި ވާން ޖެހޭ އެއްތަން: ރައީސް

ގަޟައީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ ވެރިކަމެއް ކުރާ އިރު ރައްޔިތުންނާ އެންމެ ރައްޓެހި އަދި އެންމެ ގާތުން މަސައްކަތް ކުރާ އެއް ތަނަކަށް ވާން ޖެހޭނީ ފަނޑިޔާރުގެ ކަމަށް ރައީސް އިބްރާހިމް މިހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިނިވަން ފަނޑިޔާރު ގެޔެއް އޮތުމަކީ ޒަމާނީ ޑިމޮކްރެސީއެއް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް ރުކުން ކަމުގަ އެވެ. އަދި އެފަދަ ޑިމޮކްރެސީއެއްގެ ތެރެއިން ރައްޔިތުންގެ ވެރިކަމެއް ކުރާ އިރު ރައްޔިތުންނާ އެންމެ ރައްޓެހި ވާން ޖެހޭނީ ފަނޑިޔާރުގެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ވެރިކަމެއް ކުރާ އިރު، ރައްޔިތުމީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ހިދުމަތްދޭ ތަނަކަށް ވާން ޖެހޭނީ ފަނޑިޔާރުގެ. އެތަންތަނުގެ އިިންތިޒާމުތައް ހަމަޖައްސާފައި ހުންނަންވާނީ ކޮންމެ މީހަކަށް ވެސް ފަސޭހައިން މައްސަލަ ހުށަހެޅޭ ގޮތަށް. ސަބަބަކީ ކޮންމެ ރައްޔިތުމީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކި ދޭނީ އޭނާގެ ހައްގެއް ހޯދުމަށްޓަކައި ކަމަށްވާތީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރު ގެޔަކީވެސް ދައުލަތުގެ ދެން ހުރި ބާރުތައް ފަދައިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭ ތަނެއް ކަމަށެވެ.

"ގާނޫނު އަސާސީ އެކުލަވާލާފައި އޮތީވެސް ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖޭހޭ ގޮތަށް. އެހެންވީމާ ފަނޑިޔާރު ގެޔަކީވެސް ރައްޔިތުންގެ ކުރިމަތީގައި ގާނޫނު އަަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރުވަން ޖެހޭނެ ބައެއް. ޝަރީއަތްތައް ހިންގަން ވާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގައި ކަމަށް ގާނޫނު އަސާސީގައި ސާފު ބަހުން ބުނެފައި އޮންނަނީވެސް މި ސަބަބަށްޓަކައި،"

އެމަނިކުފާނު މިރޭ، ވިދާޅުވީ، ފަނޑިޔާރު ގެޔަކީވެސް ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބޫދޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކުރާ ނަމަ ފަނޑިޔާރުގެ ސީދާ މަގަށް އަޅުވަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް އެ މީހެއްގެ ނަޒާހަތްތެރިކަން އިމްތިހާނުވާ ދަނޑިވަޅުތައް އަންނާނެ ކަމަށްވެސް ރައީސް މިރޭ ވިދާޅުވި އެވެ.

"އެ ހާލަތުގައި ފަސާދައަށް ނޫނެކޭ ބުނެ ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ ނުފޫޒުން އެއްކިބާ ވުމަކީ ކުރެވޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދަކީ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، އަދުލުވެރިކަމާ އެކު އަދުލުއިންސާފު ގާއިމް ކުރާނެ ކަމުގެ އުންމީދު ކަމުގަ އެވެ.

comment ކޮމެންޓް