އިމާރާތަކުން ބޭލި ކުނި ކޮތަޅަކުން ޖެހި ތެލެސީމިއާ މީހަކަށް އަނިޔާ ވެއްޖެ

އިމާރާތުން ކުނިކޮތަޅު ވެއްޓިފައި: އިމާރާތުން ކުނި ކޮތަޅު ވެއްޓުމުން ތެލެސީމިއާ މީހަކަށް ވަނީ އަނިޔާ ވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިމާރާތެއްގެ ހަ ވަނަ ފަންގިފިލާ އިން ވެއްޓުނު ކުނިކޮތަޅަކުން ޖެހި ތެލެސީމިއާ މީހަކަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ކުނިކޮތަޅު ވެއްޓިފައި ވަނީ ހެންވޭރު ރޯޝަނީމަގު، ކިލޯގްރާމް ފިހާރަކައިރީ ހުރި އިމާރާތެއްގެ ހަވަނަ ފަންގިފިލާއިންނެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ، ކުނި ކޮތަޅު ވެއްޓިފައިވަނީ އެ އިމާރާތުގެ ހަވަނަ ފަންގިފިލާ އިން ވަލެއް ޖަހާފައި ތިރިއަށް ކުނިކޮތަޅު ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ކުނި ކޮތަޅު ވެއްޓުނު އިމާރާތް: އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ އިން ކުނި ކޮތަޅެއް ވެއްޓި މީހަކަށް ވަނީ އަނިޔާ ވެފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެ ސަރަހައްދުގައި ހުރި އެހެން މީހަކު ބުނީ އަނިޔާ ލިބުނު މީހާއަކީ 35 އަހަރުގެ ތެލެސީމިއާ މީހެއް ކަމަށާއި ކުނި ކޮތަޅު ވެއްޓުނު ގެއިން ކުނި ކޮތަޅު ވެއްޓުމާއެކު ފުލުހުން އަމުގެ ކުރިން "ސީން ވެސް ރޫޅާލައި" ކޮތަޅަށް ކުނި އެޅި ކަމަށެވެ. ނަމަވެސް އޭރު އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހުން އަލުން ކުނި ކޮތަޅު ވެއްޓުނު އިރު ހުރި ގޮތަށް ކުނިތައް އަތުރާލި ކަމަށް އޭނާ ކިޔާ ދިނެއެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މާލޭގައި މިރޭ އިމާރާތަކުން ކުނިކޮތަޅެއް ވެއްޓި ތެލެސީމިއާ މީހަކަށް އަނިޔާވެފައިވާއިރު، ރޭ ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުންޖެހި ބިދޭސީއަކު ވަނީ މަރުވެފައެވެ. އޭގެއިތުރުން ރޭ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާ އިން ކަޓިން ބޯޑެއް ވެއްޓި މީހެއްގެ ބޯ ވަނީ ފަޅައިގެންގޮސްފައެވެ.

comment ކޮމެންޓް