ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް ޔާމީން ފުލުހުންގެ ބެލުމުގެ ދަށުން މާފުށީ ޖަލަށް ގެންދަނީ: އެމަނިކުފާނު ހުންނަވާނީ އެ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާފުށީ ޖަލަށް ގެންގޮސްފި އެވެ.

މިއަދު 1:30 ގައި ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރި އަޑުއެހުމުގައި އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވާފަ އެވެ.

ދެ ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ އަޑުއެހުން ނިންމާލުމަށްފަހު ފުލުހުންގެ ލޯންޗުކޮޅުގައި ރައީސް ޔާމީން ގެންގޮސްފައިވަނީ މާފުށީ ޖަލަށްށެވެ. އެކަން ވަނީ ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، ރައީސް ޔާމީން މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފައި ކަމަށާއި އަދި އެމަނިކުފާނު ހުންނަވާނީ މާފުށީގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ މަނީ މަނީ ލޯންޑަރިންގ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

މިއަދު ހުށަހެޅި ސިއްރު ލިޔުންތަކުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކު ސްޓޭޓްމަންޓްތައް ކަމަށާއި އެއީ ކޮމްޕިއުޓާ ޖެނަރޭޓެޑް ތަކެތިކަމުން އެއަށް ބަދަލެއް ގެވެނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް