ކަޝްމީރުގެ މިނިވަން ކަމަށް ތާއީދު ކުރާ ލީޑަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓާލައިފި

މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ ޕެރެމިލިޓްރީ ސިފައިންގެ 44 މީހުން މަރުވެފައިވޭ -- ފޮޓޯ: އޭއެފްޕީ

ކަޝްމީރު (ފެބްރުއަރީ 18): ކަޝްމީރުގެ މިނިވަންކަމަށް ތާއީދު ކުރާ ހަތަރު ލީޑަރުންނަށް އިންޑިއާ ސަރުކާރުން ސެކިއުރިޓީ ދިނުން ހުއްޓާލަން ނިންމިކަން އެގައުމުގެ ހޯމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު އަމުރުގައިވާ ގޮތުން އިންޑިއާ ސަރުކާރުން އެފަދައިން ނިންމީ ކަޝްމީރުގައި މިދިޔަ ހަފްތާގައި ދިން ހަމަލާއެއްގައި އެގައުމުގެ ޕެރެމިލިޓްރީ ސިފައިންގެ 44 މީހުން މަރާލުމާ ގުޅިގެންނެވެ. އަދި "ކަޝްމީރުގެ މިނިވަންކަމަށް ތާއީދު ކުރާ ފަރާތްތަކަށާއި ސަރުކާރަށް ނިސްބަތް ނުވާ މީހުންނަށް ދޭ ސެކިއުރިޓީގެ ސަބަބުން ފުލުހުންގެ ވަސީލަތްތައް ބޭކާރުވާތީ" އެވެ.

އިންޑިއާ ސަރުކާރުގެ އެނިންމުމުގެ ސަބަބުން ކަޝްމީރުގެ މިނިވަން ކަމަށް ތާއީދު ކުރާ ލީޑަރަކަށް ހަމަލާއެއް އަމާޒުވެއްޖެ ނަމަ، އެސަރަހައްދުގައި ހަމަނުޖެހުމަށް މަގު ފަހިވާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް އޭގެ ތެރެއިން ލީޑަރެއް ކަމަށްވާ އުމަރު ފާރޫގު ވަނީ އިންޑިއާއިން އެ އަމުރު ނެރުނީ ކަޝްމީރު މައްސަލަ ނޫން އެހެން ކަމަކަށް މީހުންގެ ސަމާލުކަން ގެންދިޔުމަށް ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރުން ދިނީ ސެކިއުރިޓީ. އަހަރެން ބުނެގެނެއްވެސް ނޫން. އަދި މިހާރު އެސެކިއުރިޓީ ވަނީ ހުއްޓުވާފައި. އެމީހުން ބޭނުން ވަނީ ކަޝްމީރުގެ (ވެރިކަމާ ބެހޭ ގޮތުން) ރައްޔިތުން އަމިއްލައަށް ގޮތެއް ނިންމުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތްތައް އެހެން މީހުންނަށް ނުދައްކަން،" ފާރޫގު ވިދާޅުވި އެވެ.

އިންޑިއާ ސިފައިންނަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ޖައްމޫކަޝްމީރުގައި ހަމަލާދީފައިވަނީ އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖައިޝު މުހައްމަދު ނަމަކަށް ކިޔާ ޖަމާއަތުންނެވެ. އެހަމަލާދީފައިވަނީ ގޮވާތަކެތި އަޅާފައިވާ ކާރެއް އިންޑިއާ ސިފައިންގެ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއްގައި ޖައްސައި އެކާރު ގޮއްވާލައިގެންނެވެ. އެއީ މީހަކު އަމިއްލައަށް މަރުވެގެންދިން ޓެރަރިސްޓް ޙަމަލާއެއް ކަމަށް އިންޑިއާ ސަރުކާރުންވަނީ ސިފަކޮށްފައެވެ.

އިންޑިއާ ސިފައިންނަށް އަމާޒުކޮށް އެ ހަމަލާދިނީ އިންޑިއާ ސިފައިން ކަޝްމީރުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވާ މުސްލިމް އާއިލާތަކަށް އިންސާފު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ޖައިޝު މުހައްމަދު ޖަމާއަތުން ބުނެއެވެ.

އެ ހަމަލާއަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކުން އިންޑިއާ ސިފައިންނަށް އަމާޒުކޮށްގެން ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައިވެސް ދިން އެންމެ ނުރައްކާތެރި އަދި އިންޑިއާ ސިފައިންގެ އެންމެ ގިނަމީހުން މަރުވި ހަމަލާއެވެ.

comment ކޮމެންޓް