ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ދޫކޮށްލައިފި

ފުލުހުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތީ -- ފައިލް ފޮޓޯ/ ޕޮލިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، 37 އަހަރުގެ ދިވެހި މި ފިރިހެން މީހާގެ ހައްޔަރުކޮށްފައިވާއިރު އޭނާ އަތުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި 14 ސެލޯފިންކޮޅު ވަނީ އޭނާ އަތުން ފެނިފައެވެ. އޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ކޮތަޅު ގަނޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދެ ދަޅުވެސް އޭނާ އަތުން ވަނީ ފެނިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އޭނާ ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އެ މަސައްލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް