ޗެކު އެންޑޯޒް ނުކުރެވޭނީ ނޮން ނެގޯޝިއަބަލްކަމަށް ޖެހުމުން އެކަނި: ބީއެމްއެލް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ޗެކުތަކަކީ އެންޑޯޒްކޮށްފައިވާ ޗެކުތަކެއް ކަމަށާއި، އެއް ފަރާތުން އަނެއް ނުދެވޭނެ ޗެކެއް ކަމުގައި ވާނެ ހަމައެކަނި ގޮތަކީ އޭގައި "ނޮޓް ނެގޯޝިއަބަލް" ކަމަށް ޖަހާފައި އޮތުމުން ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގީ ރިޕޯޓު މިދިޔަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި އިރު، މި ހިޔާނާތުގައި އެމްއެމްޕީއާރުސީގެ ފައިސާތައް ޗެކުގެ ޒަރިއްޔާ އިން ޖަމާކުރަމުން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި އެސްއޯއެފްގެ ބޭންކް އެކައުންޓްތަކަށެވެ.

މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވުން މި ހިޔާނާތުގައި ހިމެނޭ ކަމަށް ބަޔަކު ބުނަމުން ދާތީ، ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ވަނީ ބަޔާނެއްގެ ޒަރިއްޔާ އިން، ކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ހާމަކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން އެފްއޯއެފްގެ އެކައުންޓަށް ޖަމާކުރަމުން އައީ އެންޑޯޒްކޮށްފައިވާ ޗެކުތަކެއް ކަމަށެވެ.

އެންޑޯޒްކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ގެނައުމުން ބޭންކުން ބަލަނީ އެ ޗެކު ދޫކުރި އެކައުންޓުގެ ވެރިފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރިތޯ، އަދި ޗެކަކީ ހުއްދަ ދެވިފައިވާ ގޮތަށް ސޮއިކޮށްފައިވާ ފުރިހަމަ ޗެކެއްތޯ ކަމަށް ބޭންކުން ބުންޏެވެ.

އަދި ޗެކު ޖަމާކުރުމަށް ހުށަހަޅަނީ ޗެކުގައި ފައިސާ ލިބޭ ފަރާތުގެ ގޮތުގައި ލިޔެވިފައިވާ ފަރާތް ނޫން އެހެން ފަރާތެއް ނަމަ، ޗެކުގެ ނުފުށުގައިވާ އެންޑޯޒްމަންޓުގައި ބަޔާންކޮށްފައިވާ ފަރާތްތޯ ބަލާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭސީސީ އިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީއަށް ލިބުނު ޗެކުތަކުގެ ފަހަތުގައި، އެމްއެމްޕީއާރުސީގެ ތައްގަނޑާއި އެ ކުންފުނީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ސޮޔާ އެކު ވަނީ "ޑިޕޮސިޓް ޓު އެސްއޯއެފް ޕވޓ ލޓޑ" އަދި އެސްއޯއެފްގެ އެކައުންޓް ނަމްބަރު ޖަހައިފަ އެވެ.

ބީއެމްއެލް އިން ބުނީ އެންޑޯޒްކޮށްފައިވާ ޗެކު ބަލައިގަތުން ހުއްޓާލީ 2016 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ކަމަށާއި، އެ ދުވަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ އެހެން ބޭންކުތަކުން ވެސް އަމަލުކުރަމުން އައީ އެގޮތަށް ކަމަށެވެ.

އަދި އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރި ޗެކުތައް ވެސް ޖަމާކުރީ އެ އުސޫލުގެ ދަށުން، ގާނޫނުތަކާއި ބޭންކުން އަމަލުކުރަމުން ދިޔަ ޕްރޮސީޖާއާ އެއްގޮތަށް، ތަފާތުކުރުމެއް ވެސް ނެތި ކަމަށެވެ.

ބީއެމްއެލް އިން ބުނީ ޗެކެއް ކްރޮސްކުރުމުން ބޭންކުތަކުން އަމަލުކުރާ އުސޫލުގެ ތެރެއިން އެ ޗެކަކީ ނަގުދު ފައިސާ ނެގޭނެ ޗެކެއް ނޫން ކަމަށާއި އެޗެކު ޖެހޭނީ އެކައުންޓަކަށް ޖަމާކުރަން ކަމަށެވެ. އެހެންކަމުން ޗެކު އެންޑޯޒްކޮށްފައިވާ ނަމަ ޗެކު ޖަމާކުރާނީ އެންޑޯސީގެ އެކައުންޓަށް ކަމަށް ބޭންކުން ބުންޏެވެ.

ޗެކު ކޮސްރޮސްކުރުމާ ބެހޭ އުސޫލުތައް "ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު"ގައި ބަޔާންކޮށްފައިވާ އިރު، އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ނުވަތަ އެންޑޯޒް ނުކުރެވޭ ހަމައެކަނި ޗެކަކީ "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތައް އެކަނި ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ނަމުގައި ދޫކުރެވިފައިވާ، އެންޑޯޒްކުރެވިގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކުތަކަކީ 'ނޮޓް ނެގޯޝިއަބަލް' މިގޮތަށް ބަޔާންކޮށްފައިވާ ޗެކުތަކެއް ނޫނެވެ،" ބޭންކުން ބުންޏެވެ.

ބޭންކުން އިތުރަށް ބުނީ ޗެކެއް އެންޑޯޒްކުރުމުގައި ދެ ފަރާތުން ސޮއިކުރަންޖެހޭ ކަމަށް އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލިއުޝަނަކުން ނިންމާފައިވާ އިރު، އެއީ އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ ކަމެއް ކަމަށެވެ.

ނަމަވެސް އެއީ އެންޑޯޒްޑް ޗެކެއް ޖަމާކުރުމުގައި ބޭންކުން އަމަލުކުރަން ޖެހޭ، އަދި ބަލާނެ އެއްޗެއް ވެސް ނޫންކަމަށް ބީއެމްއެލްއިން ބުންޏެވެ. ނަމަވެސް ބޭންކަށް ބޯޑު ރިޒޮލިއުޝަނެއް ބޭނުންވަނީ އެކައުންޓު ހުޅުވާއިރު ސީދާ އެކައުންޓުތަކުން މުއާމަލާތްކުރުމަށް ބޯޑުން ކަނޑައަޅާ ގޮތް ދެނެގަތުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހަ އެކައުންޓެއް ބީއެމްއެލްގައި އޮންނަ އިރު، އެއިން އެކައުންޓަކުން ފައިސާ ނަގާއިރު ބޯޑު ރިޒޮލިއުޝަނުގެ ގޮތުގައި ބެލޭނީ އެކައުންޓަކަށް ހުއްދަ ދެވިފައިވާ ސޮއި ކަމަށް ބޭންކުން ބުންޏެވެ. ނަމަވެސް އެކައުންޓަކާ އެއްވެސް ގޮތަކަށް ނުގުޅި ޖަމާކުރެވޭ އެންޑޯޒްޑް ޗެކެއް ޖަމާކުރާއިރު އެމްއެމްޕީއާރުސީގެ އެއްވެސް އެކައުންޓެއް ބަޔާންކޮށްފައި ނުވާ ނަމަ ސޮއިތަކަށް ބޭންކުން ބަލަން ނުޖެހޭ ކަމަށް ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް