އަންނަ އަހަރުގެ އިންޓަ ކޮންޓިނެންޓަލް ކަޕުގައި ރާއްޖޭގެ ޖޫނިއާ ޓީމަށް ފުރުސަތު ލިބިއްޖެ

ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންނަ އަހަރު ދުބާއީގައި ބާއްވާ 13 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ބައިވެރިކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރުން ފެށިގެން ދުބާއީ ގައި ކޮންމެ އަހަރަކު ބާއްވާ މި މުބާރާތުގައި ދުނިޔޭގެ ބޮޑެތި ކުލަބުތަކުގެ އެކަޑަމީތަކުން ވާދަ ކުރެއެވެ.

ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" އިން ޕްލެޓިނަމް ސްޕޮންސަރުކަން މި އަހަރު ނެގި އެ މުބާރާތް ބައްލަވާލެއްވުމަށް ދުބައީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ވެލާނާ އިންޓަނޭޝަނަލްގައި ހުންނަވާ، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިންޓަ ކޮންޓިނެންޓަލް މުބާރަތަކީ ދުނިޔޭ 13 އަހަރުން ދަށުގެ ޓީމްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު މުބާރާތް ކަމަށާއި ރާއްޖޭގެ 13 އަަހަރުން ދަށުގެ ޓީމަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ޒުވާން ޖީލަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"މި މިބާރާތުގައި މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް [ބައިވެރިވުމުގެ] ފުރުސަތު ވަނީ ލިބިގެން ގޮސްފައި. މިއީ ދިވެހި ތާރީހުގައި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އޮޕަޗުނިޓީއެއް،" ޔޫތް ސޮޕޯޓްސް އާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހިދު ވިދާޅުވިއެވެ.

މިއީ ރާއްޖެ އަށް ފަތުރުވެރިކަމުގެ ރޮގުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން، ރާއްޖޭގެ ޒުވާން ޖީލަށްލިބިގެންދާނެ ވަރަށް ބޮޑު އޮޕަޗުނިޓީއެއް،"

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ގިނަ ކާމިޔާބުތައެކެއް ހޯއްދެއްވި ނިއުރޭޑިއަންޓްގެ މެނޭޖަރުކަން ކުރެއްވި އަލީ ވަހީދު ވިދާޅުވީ، މިފަދަ ބޮޑެތި ކުލަބުތަކުގެ އެކަޑަމީތަކުގެ ޓީމުތައް ކުޅޭ މުބާރާތެއްގެ ތެރެއިން ކުޅޭ ކުޅުންތެރިން އެ ޓީމެއްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭ ކަމަށާއި އެފަދަ ޖީލެއްގެ ކުޅުންތެރިންނާއެކު ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދިޔުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

"ތަފާސް ހިސާބުތައް ދައްކާ ގޮތުން މިކަހަލަ މުބާރާތެއްގެ ތެރެއިން އެ އަންނަ ޓީމުތަކުގެ ތެރެއިން އެއް ކުޅުންތެރިޔަކު ދެ ކުޅުންތެރިއަކު އެއީ، އެ ޓީމެއްގެ ސީނިއާ ޓީމަށް، މާޒީގެ ތަޖުރިބާއަށް ބަލާއިރު ގޮސްފައި ހުރި ކުޅުންތެރިއެއް. އެކަހަލަ ޖެނެރޭޝަނެއްގެ ކުޅުންތެރިންނާ އެކު ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދިއުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދު ނިންމާލުމުގެ ގޮތުން ބޭއްވި ސިޔާސީ ބޭފުޅުން މެދުގައި ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުގެ ތެރެއިން އަލީ ވަހީދު: އޭނާ ވަނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ދުބާއީގައި ބާއްވާ އިންޓަ ކޮންޓްނިނެޓްލް ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް ކުރިއެރުވުމަށް މިފަދަ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު!

ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގައި ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް އިންޓަ ކޮންޓީންނެޓް ފަދަ ބޮޑެތި މުބާރާތްތަށް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ފަހުވެފައިވާ ކަަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަންޒިލް އިތުރަށް އިސްތިހާރުކޮށް، ދުނިޔޭގެ ޗާޓުގައި އިތުރަށް ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި ދަތުރުން އޮޕަޗުނިޓީ ލިބިފައި އެބައޮތް މިކަހަލަ [އިންޓަ ކޮންޓިނެންޓަލް] މުބާރާތެއް، ދިވެހި ރާއްޖޭގައި ދިވެހިން ހޯސްޓް ކުރުމުގެ ފުރުސަތު ލިބޭގޮތަށް،" ދުބާއީ އަށް ކުރެއްވި ދަތުރާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ވަކި މުއްދަތެއްގެ ތެރޭ ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް ވަސީލަތްތަށް ގާއިމް ކުރެއްވިއްޖެ ނަމަ، ދުނިޔޭގެ ބޮޑެތި ކުލަބުތަކުގެ 13 އަހަރުން ދަށުގެ އިންޓަކޮންޓިނެންޓަލް އެ މުބާރާތް "މޯލްޑިވިއަން އޯޕަނިންގެ" އިންޓަނޭޝަނަލް މުބާރާތެއްގެ ގޮތުގައި ބޭއްވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފަހު އިތުރު ތަފްސީލު ހާމަ ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އިންޓަ ކޮންޓިނެންޓަލް ކަޕް ބައްލަވާލެއްވުމަށާއި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މަޝްވަރާ ކުރެއްވުމަށް މިނިސްޓަރު އަލީ ވަހީދު އެ ގައުމަށް ފުރާވަޑައިގަތީ މިޔަ ހަފްތާ ބުދަ ދުވަހުއެވެ.

comment ކޮމެންޓް