ވިކްޓަރީ އިން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވިކްޓަރީ ސްޕޯޓްސް ކުލަބުން ފަތުރުމުންދާ ވާހަކަތަކަކީ ހަގީގަތާއި ޙިލާފު ދޮގު ވާހަކަތެކެއް ކަމަށާއި އެކުލަބުން އެކްސްޓްރާ އޯޑިނަރީ ކޮންގުރެސްއެއް ބޭއްވުމަށް ހުށައެޅި ހުށައެޅުން ފުރިހަމަ ނޫން ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ވޭތުވެ ދިޔަ ހަފްތާގައި އެފްއޭއެމްގެ ލީޑާޝީޕް ބަދަލު ކުރުމަށް ޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގުރެސްއެއް ބާއްވައިދިނުމަށް އެދި އެ އިދާރާއަށް ވިކްޓަރީގެ އިސްނެގުމުގެ މަތިން ގިނަ ކުލަބުތަކެއްގެ ސޮއެއާއި އެކު ވަނީ ހުށައަޅައިފަ އެވެ. އަދި މި ސިޓީއަށް ރައްދު ދެއްވަމުން ވިކްޓަރީ ކުއްވެރިކޮށް އެފްއޭއެމް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެފްއޭއެމްގެ ބަޔާނުގައިވާ ގޮތުގެ މަތިން ވިކްޓަރީ އިން މީޑިއާތަކަށް ދެމުންދާ ބައެއް މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެ ފަދަ ބޮޑު ކްލަބަކުން މިފަދަ އަމަލުތައް ހިންގުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"ވިކްޓަރީ ސްޕޯޓްސް ކުލަބުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި ބުނެފައި ވަނީ 19 ކުލަބަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް ސޮއެ ކޮށްފައިވާ ކަމަށް. ނަމަވެސް ވިކްޓަރީ ސްޕޯޓްސް ކުލަބުން މި އެސޯސިއޭޝަނަށް ހުށައަޅާފައިވާ ސިޓީގައި ސޮއި ކޮށްފައި ވަނީ 15 ކުލަބު." އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސޮއެ ކޮށްފައިވާ ބައެއް ކުލަބުތަކުގެ ތެރޭގައި ސަސްޕެންޑު ކޮށްފައިވާ ކުލަބު ތަކާއި އެ އެސޯސިއޭޝަންގެ މެމްބާޝިޕް ނެތް ކުލަބުތަށް ހިމެނޭ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެފްއޭއެމްގެ މެނޭޖްމެންޓް ބަދަލު ކުރުމަށް ކަމަށް ބުނެ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރަން އުޅޭ މަސައްކަތަށް އެ ކުލަބުތަކުންނާއި އެކުލަބު ތަކުގެ ސަޕޯޓަރުންގެ ފަރާތުން އެއްވެސް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ ހަތަރު ކުލަބަކުން އެފްއޭއެމް އަށް ސިޓީ ފޮނުވާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފައިވެ އެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ލީޑާޝިޕް ބަދަލު ކުރުމަށް ޓަކައި ހުށައެޅި ސިޓީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް ފޮނުވާފައިވާ ކަމަށާއި އެ ސިޓީއަކީ ފުރިހަމަ ނޫން ސިޓީއެއް ކަމަށް ވާތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވެން ނެތް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް